Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ކްރިމިނަލް ކޯޓްގެ ޝަރީޢަތްތަކަށް ނުވައްދާ މައްސަލަ ބޮޑުވެއްޖެ

އެކަށީގެންވާ ވަރަށް ކޯޓު ރޫމްތަކުގައި ޖާގަ ނެތްކަމަށް ބުނެ، ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތުގެ މަޖިލިސްތައް އަޑު އެހުމަށް މީހުން ނުވައްދާ މައްސަލަ ބޮޑުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކްރިމިނަލް ކޯޓު ހިންގުން، މީގެ ކުރިން އެސްޓީއޯ ހިންގި އިމާރާތަށް ބަދަލު ކުރިފަހުން އެ ކޯޓުގައި ކުރިއަށްދާ ޝަރީޢަތުގެ އަޑުއެހުންތަކަށް ވަދެވޭ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް 'ލިމިޓް' ކޮށްފައެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ޝަރީޢަތުގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓު ކުރުމަށް އެދުނު ފަރާތްތަކަށް ކޯޓުން އަންގާފައި ވަނީ، "ކޯޓް ރޫމް ފުލްވެފައިވާ ކަމަށާއި އެހެންވެ އަޑުއެހުމަށް ނުވަދެވޭނެ" ކަމަށެވެ.

ނަމަވެސް އަދީބުގެ ޝަރީޢަތުގެ އަޑުއެހުމަށް ވަން މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އިއްޔެގެ އަޑުއެހުމަށް ކޯޓު ރޫމަށް ވެއްދި އިރު އެތަނުގައި ޖާގަ ނެތްކަމަށް ބުނާ ކޯޓުން ދައްކާ ބަހަނާ އަކީ ދޮގެއްކަން ހާމަވެފައިވާ ކަމަށެވެ.

"ކޯޓު ރޫމުގައި ޖާގަ ނެތޭ ކިޔާފައި މިވައްދަނީ އެންމެ 6 ނުވަތަ 10 މީހުން ގިނަވެގެން. ޝަރީޢަތްތައް ފޮރުވަން ކުރާކަމެއް މިއީ"

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާޢީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް، އުފުލުމުގައި ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.