Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

އިންޖީނަކަށް މައްސަލަ ޖެހި، ކަރަންޓް ކަނޑަނީ

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރާ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ދޭތެރެ ދޭތެރެ އިން ކަރަންޓް ކަނޑަމުން ގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މަރުކަޒީ އިންޖީނު ގޭގައި ބޭނުން ކުރާ އިންޖީނަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެހެންވެ އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑޭނެ ކަމަށް ފެނަކައިން ބުންޏެވެ.

އެ ކުންފުނިން ބުނީ މަސައްކަތް ނިންމައިލެވޭނެ ކަަމަށް ލަފާ ކުރެވެނީ ތިން ދުވަސް ތެރޭގައި ކަމަށެވެ.

އެހެންވެ އެ ތިން ދުވަހުގެ ހެނދުނު 10:00 އާއި ހަވީރު 5:00 އާ ދޭތެރޭ ލޯޑްމަތިވާ އެކި ވަގުތުތަކުގައި އެއް ގަޑި އިރަށް ކަރަންޓް ކެނޑޭނެ ކަމަށް ފެނަކައިން ބުންޏެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރާ އިންޖީނެެއްގައި މައްސަލައެއް ޖެހިގެން ކަރަންޓް ކަނޑަން ޖެހުމަކި ވަރަށް އާންމު ކަމެކެވެ. މިކަމާ ގުޅިގެން އާންމުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.