Last Updated: March 28, 16:21
Thursday, March 28, 2024
ޚަބަރު

ނާޒިމްގެ އިސްތިއުނާފަށް "ހުރަސް އަޅަނީ"

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް އިއްވި ހުކުމްގެ އިސްތިއުނާފް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ނުދީ ލަސްކުރަމުން ގެންދާ މައްސަލަ ފެންމަތިވެއްޖެ އެެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ނާޒިމްގެ އިސްތިއުނާފް ޝަރީޢަތް ހައި ކޯޓުގައި ނިމުނު ފަހުން ތިން ހަފުތާ ވާން ކައިރިވެފައިވާއިރު، ނާޒިމްގެ ވަކީލުން ވަނީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ހޯދުމަށް ތަކުރާރުކޮށް ހައި ކޯޓުގައި އެދިފަ އެވެ.

ނާޒިމްގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެފައިވާ ގޮތުގައި ނާޒިމްގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ނިންމި ގޮތުގެ ރިޕޯޓު ލިބުނުހާ އަވަހަކަށް އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

ފިސްތޯލަ ފެނުނު މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެ ހުކުމަށް ތާޢީދު ކުރި ނަމަވެސް، ހައި ކޯޓަށް ހާޒިރު ކުރި ބައެއް ސްވަޓް ފުލުހުން ދޮގު ހެކިދިންކަން ވަނީ ފަޅާ އަރައިފަ އެވެ.

ހައިކޯޓުން ނާޒިމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފް މައްސަލަ ނިންމާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. ހައި ކޯޓުގެ ހުކުމް ބަލައިނުގަންނާނެ ކަމަށާއި ސްޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ އެ ފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ނޫންކަން އޭނާއަށް ސާބިތުކޮށް ދެވިފައި ނުވާ ކަމަށް ބުނެއެވެ.

އެހެން ނަމަވެސް ޤާނޫނު ބުނާ ގޮތުން ޖިނާޢީ ދައުވާތައް ސާބިތު ކުރުމަކީ، ދައުވާ ކުރާ ފަރާތުގެ ޒިންމާއެއްކަން ފާހަގަކޮށްލެވެ އެވެ.