ސ. ހުޅުމީދޫ ބޮޑު މަގުގައި ހުރި ހިޔާދޭ ގަސްތަކެއް ނަގަން ހުޅުމީދޫ މުނިސިޕަލް ސާވީސް ސެކްޝަނުން މަސައްކަތް ކުރަމުން ދަނިކޮށް ހުޅުދޫ ބަޔަކު އެ މަސައްކަތަށް ހުރަސް އަޅައި އިއްޔެ އެކަން ހުއްޓުވައިފި އެވެ.
އައްޑޫ ސިޓީގެ ކައުންސިލްގެ އެންވަޔަރަމަންޓް ޑިޕާޓްމެންޓްގެ އެންގުމަކަށް ހުޅުމީދޫ މުނިސިޕަލް ސާވިސް ސެކްޝަނުގެ މުވައްޒަފުން ގަސްތައް ނަގަން މަސައްކަތް ފެށުމާ އެކު ހުޅުދޫގެ ބަޔަކު އެތަނަށް ގޮސް އެ ގަސްތައް ނުނެގޭނެ ކަމަށް ބުނެ އެ މީހުންނާ ދެކޮޅަށް މަސައްކަތް ކުރުމުން މުނިސިޕަލް ސާވިސް ސެކްޝަނުގެ މުވައްޒަފުންވަ ނީ އެކަން ހުއްޓާލުމަށް ފަހު އެނބުރިގޮސްފައެވެ.
މީގެ 25 އަހަރު ކުރީން ހުޅުދު އާއި މީދޫގެ ބޮޑު މަގުގައި އިންދާފައި ހުރި ހިޔާދޭ ބޮޑެތި ގަސްތަކުގެ ތެރެއިން މަދު ގަހެއް ނޫނީ ހުރިހާ ގަހެއް މިހާރު ވަނީ ނަގައި ނިންމާފަ އެވެ.
އެންވަޔަރަމަންޓް ޑިޕާޓްމަންޓުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރަށުގެ ބޮޑުގެ މަގުގެ މެދުގައި ހުރި ގަސްތައް ކަނޑަނީ މަގު ހެދުމުގެ އިތުރަށް، އެގަސްތަކުގެ ސަބަބުން ހާއްސަކޮށް ވިއްސާރަ މޫސުންތަކުގައި ރައްޔިތުންނަށް ގެއްލުންތަކެއް ވެސް ލިބެމުންދާތީ އެވެ. އެ ރަށުގެ ބޮޑުގައި 49 ގަސް ހުރި އިރު، 18 ބިޔަ ގަސް ހުރި ކަމަށް އެންވަޔަރަމަންޓް ޑިޕާޓްމަންޓުން ބުންޏެވެ.
ގަސް ކަނޑަމުންދާ މައްސަލާއި އެ ރަށުގެ ބައެއް ރައްޔިތުން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހުޅުމީދޫ ބޮޑުގައި ހުރި ގަސްތައް ކަނޑަން ފެށުމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީ އަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އެކަން ހުއްޓާލަން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީން އެންގި ނަމަވެސް އެ މަސައްކަތް ކުރަމުން ދަނީ މިނިސްޓްރީން ކުރިން ދީފައި އޮތް ހުއްދައެއްގެ ދަށުން ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަމަށް ކައުންސިލްގެ އެންވަޔަރަމަންޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.