މިހާތަނަށް އުފެއްދި އެންމެ ތުނި ޓެބްލެޓް 6.9 މިލިމީޓަރުގެ "އެކްސްޕީރިއާ ޒެޑް" ޖަޕާނުގެ މަޝަހޫރު ސޮނީ ކުންފުނިން އުފައްދައި މާކެޓަށް ނެރެން ތައްޔާރުވެޖެ އެވެ.
އެކްސްޕީރިއާ ޒެޑް ޓެބްލެޓަކީ އައިޕެޑް މިނީ އަށްވުރެ 0.25 މިލިމީޓަރު ތުނި އަދި 10.1 އިންޗީގެ ބޮޑު ސްކްރީނެއް ހިމެނޭ އެންޑްރޮއިޑް ޕަވާޑް ޓެބްލެޓެކެވެ.
މީގެ އިތުރުން އެކްސްޕީރިއާ ޒެޑަކީ މިހާރު ހުރި އެންމެ ލުއި ޓެބްލެޓް ކަމަށްވާ ޓޮޝިބާ އެކްސައިޓް 10 އެލްއީ އަށް ވުރެ ލުއި ޓެބްލެޓެއް ވެސް މެއެވެ. އަދި ހަމަ އެހެންމެ އެއީ ފެނާއި ހިރަފުސް ނުވަންނަ ގޮތަށް ތައްޔާރުކުރެވިފައިވާ ޓެބްލެޓެއް ވެސް މެއެވެ.
އެކްސްޕީރިއާ ޒެޑްގެ ހާއްސަ ފީޗާތަކުގެ ތެރޭގައި 1.5 ގިގަހާޓްޒްގެ ކުއަޑްކޯ ޕްރޮސެސާ އަކާއި، 2 ޖީބީގެ ރެމްއެއް ހިމެނެ އެވެ. އަދި 32 ޖީބީގެ ސްޓޯރޭޖާއި، މައިކްރޯ އެސްޑީއެކްސްސީ ކާޑް ސްލޮޓަކާއި، ފުރަގަހުގައި ހުންނަ 8 މެގަ ޕިކްސެލްގެ ކެމެރާއަކާއި ކުރިމަތީގައި ހުންނަ 2 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭ އިރު ވާޗުއަލް ސަރައުންޑިންގް ބިލްޓް-އިން ސްޕީކާ ސިސްޓަމެއް ވެސް ހިމެނެ އެވެ.
އެކްސްޕީރިއާ ޒެޑްގައި ރަން ކުރާނީ އެންޑްރޮއިޑް 4.1 ޖެލީބީން އެވެ. އަދި ސޮނީގެ ކުރީގެ ބައެއް ސޮފްޓްވެއާ އެޕްސް ތަކާއެކު ސޮނީ ވޯކްމަން މިއުޒިކް އެޕް ވެސް ހިމެނޭނެ އެވެ.
ވޯކްމަން މިއުޒިކް އެޕްލިކޭޝަންގައި ވިޒުއަލައިޒާއަކާއި، ބިލްޓް-އިން ފޮޓޯ އެޑިޓަރަކާއި، އެންމެ ކަމުދާ މިއުޒިކުތައް އޮޓޮމެޓިކުން ސިލެކްޓް ކުރެވޭ ސްލައިޑްޝޯ އެޕެއް ވެސް ހިމެނެ އެވެ.
ސޮނީން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އާ އުފެއްދުން ސޮނީ އެކްސްޕީރިއާ ޒެޑް މި ވަގުތު ނެރެން ހަމަޖެހިފައި ވަނީ ހަމައެކަނި ޖަޕާނުގެ މާކެޓަށެވެ.
ނަމަވެސް އަންނަ މަހުގެ ފަހުކޮޅު ސްޕެއިންގައި އޮންނަ ޓްރޭޑް ފެއާއެއްގައި އެކްސްޕީރިއާ ޒެޑް އާންމު ކުރަން ހިޔާލުކޮށްފައިވާ ކަމަށް ސޮނީން ބުންޏެވެ.