ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެ ވެސް ސިޔާސީ ލީޑަރެއްގެ ފަހަތުގައި އެމީހަކަށް ތަބާވެގެން ތިބި މީހުންނެވެ.
އެ ލީޑަރު ދައްކާ ކޮންމެ ވާހަކަ އަކާއި އަމަލުކުރާ ކޮންމެ ގޮތަކީ އެންމެ ރަގަޅުގޮތް ކަމުގައި ބަލައިގެން އެއަށް ސަނާ ކިޔަމުން ގެންދާ މީހުންނެވެ.
އަސުރުމަލެއް ރީދޫ ހުމެއް ކިޔާނެ ކަމެއް ނެތެވެ. ހުރިހާ ދިމާލަކުން ވެސް ފެންނަނީ، ސިޔާސީ ލީޑަރުންނަށް ޓަކައި ރައްޔިތުން މަރުދޭތަނެވެ.
އެމީހުން މިނިވަން ކުރުމަށާއި އެމީހުންގެ ޙައްޤުތައް ހޯދައިދިނުމަށް ރައްޔިތުން މަގުމައްޗަށް ނިކުމެ، "ހަނާވަމުން" ދާއިރު އެއްބަޔަކު، ރަތްދަކަ އަވީގައި ސިޔާސީ ލީޑަރުންނަށް މަރުޙަބާ ކިޔުމަށް ދެތިން ގަޑިއިރު ތިބެން ވެސް ތައްޔާރެވެ. ވެރިންނަށް ކިޔަމަން ވުމާއި، އެމީހުން ހެޔޮކަންތައް ތަކަށް އަމުރުކުރުމުން އެކަމަށް އިޖާބަދިނުމަކީ، ޤައުމެއްގެ ރައްޔިތުން ކުރަންޖެހޭނެ ކަމެކެވެ.
އެހެން ނަމަވެސް، ލޯ މަރާލައިގެން ތިބެ، ހަރާމެއް ހަލާލެއް ބެލުމެއް ނެތި ލިބޭ ކޮންމެ އެއްޗެއްގައި ހިފައި، އެ އެއްޗެއް ދޭ މީހާ ކުރަން ބުނާ ކޮންމެ ކަމެއް ކުރާ ހިސާބަށް ދިއުމަކީ، ތަންކޮޅެއް ބޮޑުވަރެވެ.
ދިހަ ބާރަ އަހަރު ވަންދެން ސްކޫލަކަށް ފޮތް ދަބަސް ހިފައިގެން ގޮސް އުނގެނުނު ތަޢުލީމުގެ ބޭނުމަކީ، ލޯ މަރާލައިގެން ތިބެ މީހަކު ދައްކާ ކޮންމެ ވާހަކައެއް ޤަބޫލުކުރުން ހެއްޔެވެ؟
ދާދިފަހުން ރާއްޖޭގެ ނޫސްވެރިންތަކެއް ހައްޔަރުކޮށް އެމީހުންނަށް ފުލުހުންގެ ފަރާތުން އަނިޔާތަކެއް ލިބިގެންދިޔައެވެ. އަންހެން ނޫސްވެރިން ބަރަހަނާކުރުމަށް ފަހު ހާމަތަނެއްގައި އެމީހުން ފާސްކުރުމަކީ، ހަގީގަތުގައި ވެސް ވަރަށް ހިތާމަހުރި ކަމެކެވެ. އެކަން ކުރުމުގައި ބައިވެރިވި ކޮންމެ މީހަކު ވެސް ލަދުވެތިވާން ޖެހޭނެ ކަމަކެވެ.
އެހެން ނަމަވެސް ހިތާމައަކީ، ތިމާ އަކީ ސަރުކާރުގެ ސަޕޯޓަރަކަށް ވުމުން، ފުލުހުން އެދުވަހު ޢަމަލުކުރި ގޮތް ބަރާބަރުވީއެވެ. ގޭގައި ތިބި ނަމަ އެހެން ނުވާނެ ކަމަށާއި، ފުލުހުން ހެދީ ރަގަޅަށް ކަމަށް ބުނި މީހުން މަދެއް ނޫނެވެ. ހަމައެންމެ ސަބަބަކަށް ޓަކައެވެ. ހިތްއެދޭ ލޯބިވާ ލީޑަރުގެ ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކުމުންނެވެ.
އެހެން ބުނި ރައްޔިތުން ވިސްނާލަންވީ ކަމަކީ، އެދުވަހު ބަރަހަނާ ކުރެވިގެން ދިޔައީ، ތިމާގެ ކޮއްކޮ ނުވަތަ ދައްތަ ނަމަ މަލާމާތުގެ ރާގަކަށް "ކަލޭ ގޭގައި އޮތްނަމަ ތިހެން ނުވާނެ" އޭ ބުނާނަން ހެއްޔެވެ؟
ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާއިރު ފުލުހުންނަށް ހަމަލާދީ އެމީހުން "ފުނޑާލަން" ބޭނުންވާ ބަޔަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބޭ ކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ. އަދި ހަމަ އެގޮތަށް ރައްޔިތުން "ފުނޑާލަން" ބޭނުންވާ ފުލުހުންތަކެއް ވެސް އެބަތިއްބެވެ.
މީހަކު ދެއްކި ތޯތޯ ވާހަކައެއް ނޫނެވެ. މާލޭގައި ދާދިފަހުން ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ދުވެފައި ދިޔައިރު އެމީހުން ފަދަ އިންސާނުންނަށް ޖަނަވާރަށް ގޮވަމުން ދިޔަ މަންޒަރު ބަލަން ހުރި އިރު އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. ހަމަނުޖެހުން އުފައްދާނަމަ އެކަން ހުއްޓުވުމަކީ ފުލުހުން ނުވަތަ ސަލާމަތީ ބާރުތަކުން ކުރަން ޖެހޭ ކަމެކެވެ. އެހެން ނަމަވެސް، އެއީ ލާއިންސާނީ އަނިޔާ ރައްޔިތުންގެ ތެރެއިން ބަޔަކަށް ކުރުމަށް އޮތް ހުއްޖަތެއް ވެސް ނޫނެވެ.
މިވާހަކަ ނުދައްކައި ފުރިހަމައެއް ނުވާނެއެވެ. ރާއްޖޭގެ ކޯޓުތަކުން ކުރާ ބޭއިންސާފު ހުކުމްތަކުގެ ވާހަކައެވެ. ބޭއިންސާފު ޝަރީޢަތެއް ކުރުމަށްފަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖަލަށް ލުމުން އެއްބަޔަކު ތިރިވީ ޝުކުރުގެ ސަޖިދައަކަށެވެ. ސަބަބަކީ އެމީހުން ނުރުހޭ ސިޔާސީ ލީޑަރަށް ވީމައެވެ.
ނަޝީދުގެ މައްޗަށް އިއްވި ހުކުމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކަން ފެށިއަސް އެމީހުން ބުނަނީ އެއީ އިންސާފުވެރި ހުކުމެއް ކަމަށެވެ. އެހެން ނަމަވެސް ކިތަންމެ ބޮޑު މުޖުރިމެއްގެ މައްޗަށް ވެސް ދައުވާއެއް އުފުލުމަށް ފަހު އޭނާއަށް ދިފާޢުވުމުގެ ފުރުސަތު ދޭން ޖެހެއެވެ. ނަޝީދަކަށް އެފުރުސަތެއް ނުދެއެވެ. އެހެންކަމުން އެބޭފުޅާގެ މައްޗަށް ކުރެވުނި ޝަރީއަތަކީ އިންސާފުވެރި ޝަރީޢަތެއް ކަމުގައި ނުބެލެވޭނެއެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް އަންގަވާފައިވާ ގޮތެވެ.
ބޭއިންސާފު ހުއްޓާލުމަށް އެއްބަޔަކު ގޮވާލަމުން ދިޔަ ގޮވާލުންތަކަށް އިޖާބަ ދިނުމެއް ނެތި، އެއްބަޔަކު ގެންދިޔައީ ޝަރުޢީ ދާއިރާ އިން ކުރަމުން ދިޔަ ބޭއިންސާފު ޝަރީޢަތްތަކަށް ސާބަސްދެމުންނެވެ. ރާއްޖެޓީވީ ވީމާ ފުނޑާލިޔަސް އޯކޭ ވީއެވެ. އެމްޑީޕީ ވީމާ ޖަލަށް ލިޔަސް އޯކޭ ވެގެން ތިބީއެވެ.
ނަމަވެސް އާޚިރު ނަތީޖާއަކީ ކޮބައިތޯއެވެ؟
ޝަރުޢީ ދާއިރާ ދެކެ މާ 'ލޯބިވެގެން' ބޭއިންސާފު ތަޙައްމަލް ކުރި ފަރާތްތަކަށް މަލާމާތްކޮށް އަތްޖަހަން ތިބި މީހުންގެ ތެރެއިން ބައެއް މީހުންނާއި ވެސް ބޭއިންސާފު އަރައި ހަމަކުރީއެވެ. ނަމުން ކިޔާނެ ކަމެއް ނެތެވެ. މިއަދު ބޭއިންސާފު ތަޙައްމަލު ކުރަން ޖެހިވަޑައިގެންފައިވަނީ އެދުވަހު ބޭއިންސާފުގެ ލަވައަށް ނަށްޓަވަމުން ގެންދެވި ބޭފުޅުންނަށެވެ. މިއަދު އެއީ ނުރައްކާތެރި ޓެރަރިސްޓުންނެވެ.
ފުލުހުންގެ ތެރޭގައި ވެސް ވަކި ބަޔަކު ހިމާޔަތްކުރަން ހަދައިގެން ރައްޔިތުން 'ފުނޑާލަން' ނިކުތް މީހުންނާއި ވެސް އަނިޔާވެރިކަމާއި ބޭއިންސާފު އަރައި ހަމަކޮށްފިއެވެ. ކޯޓުތަކުގައި ތިއްބަވައިގެން އަދުލު އިންސާފު ތަބަކަށް ލައިގެން 'ވިއްކަމުން' ދިޔަ ބައެއް ފަނޑިޔާރުންނަށް ވެސް ބޭއިންސާފާއި ކުރިމަތިލާން ޖެހިވަޑައިގަތީއެވެ. ބޮނޑާހޭކި ކަމުގައި ވިޔަސް ނުރުހުމުގައި ހުރި ތަނުން ނެރެ އެހެން ތަނަކަށް އެހެލައިފިއެވެ.
މާތް ރަސްކަލާނގެ އަޅުގަނޑުމެންނަށް ބުއްދި ދެއްވާފައި ވަނީ، ވިސްނާ ފިކުރު ކުރުމަށެވެ.
ބޭއިންސާފާއި އަނިޔާވެރިކަން ތަނެއްގައި އާންމުވެއްޖެ ނަމަ އެއާއި ކުރިމަތިލާން ޖެހޭނީ ހަމައެކަނި ވަކި ބައެއް ނޫނެވެ. އޭގެ ހިތިރަހަ މުޖުތަމަޢް އެއްގައި ދިރިއުޅޭ އެންމެން ވެސް ދެކެން ޖެހޭނެއެވެ. ދިވެހި މުޖްތަމަޢްގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަމުން ދަނީ އެ މަންޒަރެވެ.
އަޅުގަނޑުމެން އެ ލީޑަރަކަށް ސަނާކިޔަމުންދާ ލީޑަރު ޤައުމު ދަވާލާފައި ދިރުވާލާ ލާރިކޮޅު ހިފައިގެން މާދަމާ ރައްކާ ވެދާނެއެވެ. އެދުވަހަކުން ވެސް މިޤައުމުގައި ދިރިއުޅެން ތިބީ ހަމަ އަޅުގަނޑުމެން ނޫންތޯއެވެ؟
ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯންނަ ފަދައިން، ސިޔާސީ ލީޑަރުގެ ބޭނުންވާ ކަމެއް ފުރިހަމަވީމާ ދެން ނަގާ ހޫރާލާނީއެވެ.
އޭގެ ކުރިން ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފްސާއި މިސުވާލުކޮށްލުން ބުއްދިވެރިއެވެ.
ލޯބިވާ ސިޔާސީ ލީޑަރު އަށް ތާޢީދުކުރުމުގެ ގޮތުން ބޭއިންސާފާއި އަނިޔާވެރިކަމުގެ ލަވައަށް ނަށްޓަވަމުން، ގެންދަވަނިކޮށް މާދަމާ ބޭއިންސާފު އަހަރުމެންނާ އަރާ ހަމަނުކުރާނެ ކަމާއި މެދު އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟