މިއީ ރާއްޖޭގައި އެންމެ އާންމު މޭވާ އެވެ. ރާއްޖޭގެ ހުރިހާ ރަށަކުން އެންމެ ފަސޭހައިން ލިބޭ މޭވާ ވެސް މެ އެވެ. އަދި ހާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގެ ކޮންމެއަކުން ވެސް ލިބެން ހުންނަ މޭވާއެކެވެ. ރަށްރަށުގެ ރައްޔިތުން އާންމުކޮށް ގަންނަން ނުޖެހި ކާން ލިބޭ ފައިދާ ހުރި މޭވާއެކެވެ.
ދޮންކޭލުގެ ފައިދާ އަށް ބަލާ އިރު އެއީ ދަގަނޑު ވަރަށް ގިނައިން އެކުލެވޭ މޭވާއެވެ. ލޭމަދުވުމުން ބޭނުންކުރެވިދާނެ ރަނގަޅު މޭވާ އެކެވެ.
މީގެ އިތުރުން ދޮންކޭލުގައި ހިމެނޭ ވިޓަމިން ބީ 6 އަކީ ހަށިގަނޑަށް ވަންނަ ބީރައްޓަހި މާއްދާތަކާ ދެކޮޅަށް ހަށިގަނޑު ދިފާއުކުރުމަށް ބޭނުންވާ އެންޓިބޮޑީޒް ތައް އުފައްދައިދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
ދޮންކޭލުގައި ހިމެނޭ "ޓްރިޕްޓަފާން"ގެ ސަބަބުން، ދޮންކެޔޮ ބޭނުން ކުރުމުން ހާސްކަން ފިލުވައިދީ ފިކުރުތަކާ ދުރުކޮށްދެ އެވެ. ދޮންކޭލުގައި ފައިބަރު ހުރުމަކީ ގޮހޮރުގެ ހަރަކާތް ހަމައަކަށް އަޅުވައި ދޭނެ ކަމެކެވެ.
ބޭރަށް ހިންގުމުގެ ސަބަބުން ބީވެގެންދާ ލޮނުގެ ބައި ފޫބެއްދުމަށް ވެސް ދޮންކެޔޮ ވަރެެއް ނެތެވެ. މީގެ އިތުރުން ޕޮޓޭސިއަމް އަކީ ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެ ބާވަތް ދޮންކޭލުގައި ގިނަ އަދަދަކަށް ހުރެ އެވެ.
ޕޮޓޭސިއަމް ގިނައިން ހުރުމަކީ ހަށިގަނޑުގައި އިތުރުވާ ސޯޑިއަމްގެ މިންވަރު ކޮންޓްރޯލްކޮށް، ހަމަހަމަކޮށްދޭ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ހަށިގަނޑުގައި ކެލްސިއަމް ހިފަހައްޓައި ދިނުމަށް ވެސް އެހީތެރި ވެދެ އެވެ. އަދި ކެލްސިއަމް ބޭރުވުން ހުއްޓުވައި، ކަށިފީވުން ކުރިމަތިވުމުގެ ފުރުސަތު ކުޑަކުރުވަ އެވެ.
ދޮންކޭލުގައި ޕޮޓޭސިއަމް ގިނައިން ހުރުމަކީ ލޭ މައްޗަށްދިއުން ކޮންޓްރޯލްކޮށް ހިތުގެ ވިންދު ތަރުތީބުކޮށްދީ، ގުރުދާގައި ހިލަ އުފެދުމުގެ ފުރުސަތު ވެސް ކުޑަކޮށް ދޭނެ ކަމެކެވެ. ޕޮޓޭސިއަމް ގިނަ، ސޯޑިއަމް މަދު ކާނާ ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ލޭހޮޅިތަކުގައި ސަރުބީ ޖަހައި، ބެދި ހަރުވުމުން ސަލާމަތްކޮށްދީ، ހާރޓް އެޓޭކްއާއި، ސްޓްރޯކް ފަދަ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
ދޮންކެޔޮ ކެއުމަކީ ބަނޑާއި ގޮހޮރުގެ އެތެރޭ ބަތާނަ ފަށުގައި ހުންނަ ސެލްތަކުން ދަވަ ދޫކުރުމަށް، ބާރުއަޅާ ކަމެކެވެ. މިގޮތަށް ބޭރުވާ ދަވައިގެ ސަބަބުން ބަނޑާއި ގޮހޮރުގެ ބަތާނައިގައި ދަވައިގައި ފަށަލައެއް އުފެދި، ތޫނު އެސިޑްގެ ސަބަބުން ބަތާނައަށް ގެއްލުންވުން ކުޑަކުރުވަ އެވެ.
އަދި މިއީ ވައިގެ އުދަގޫ ކުޑަކޮށްދީ، ގޮހޮރުގައި ފާރު އުފެދުން ކުޑަކޮށްދޭނެ ކަމެކެވެ. މިއީ މޭ ނުބައިކުރުމާއި ހޮނޑުލުން ލުއިކޮށްދީ، ސިކުނޑިއާއި ނާރުތަކަށް ދިރުން ގެނެސްދީ، ފިއްތުންތައް ކުޑަކޮށްދީ، ތަފާތު ކެންސަރުން ތަކުން ރައްކާތެރިވުމަށް ގަވާއިދުން ބޭނުންކުރެވިދާނެ މޭވާ އެކެވެ.
މި ސަބަބުތަކާ ހެދި ކޮންމެ ދުވަހެއްގެ ސުފުރާގައި ދޮންކެޔޮ ހިމެނުމަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.