Last Updated: July 28, 11:30
Tuesday, July 28, 2026
ސިޔާސީ

ރައީސް ނަޝީދުގެ މިނިވަން ކަމަށް އެމެރިކާ ސެނެޓުން ގަރާރެއް ފާސްކޮށްފި

ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް އެމެރިކާ ސެނެޓުން ފާސްކޮށްފި އެވެ.

އެމެރިކާ ސެނެޓުން މިއަދު ފާސްކުރި ގަރާރުގައި ވަނީ ރައީސް ނަޝީދާއި އެހެން ސިޔާސީ ކުށްވެރިންނަށް ކުރިމަތިވެފައިވާ ބޭއިންސާފުން ސަލާމަތް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަންސް ޕާޓީ އިން ތާއީދު ކޮށް ސެނެޓަށް ހުށަހެޅި ގަރާރުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިންގި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރާ ކަަމަށެވެ.

އެ ގަރާރު ސެނެޓަށް ހުށަހެޅުއްވީ ސެނެޓް އެޕްރޮޕްރިއޭޝަންސް ސަބް ކޮމެޓީ އޮން ސްޓޭޓް، ފޮރިން އޮޕަރޭޝަންސް އެންޑް ރިލޭޓެޑް ޕްރޮގްރާމްސް ސެނެޓާ ޕެޓްރިކް ލީހީ އާއި ކުރީގެ އެމެރިކާގެ ރިޔާސީ ކެނޑިޑޭޓް އަދި ސެނެޓް އާމްޑް ސާވިސަސް ކޮމެޓީގެ ޗެއާމަން ސެނެޓާ ޖޯން މެކެއިން އެެވެ.

ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި ހައްގުތައް ނިގުޅައިގަންނަމުން ދިޔުމުގެ ސަބަބުން، ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކުގެ ހަމަޖެހުމާއި ސަލާމަތަށް އޮތް ބިރަކަަށް ރާއްޖެ ވެފައިވާ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނާ ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކުރާ އަމިއްލަ ޕާޓީއާއި އިދިކޮޅު ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާފަ، އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައި އެ ދާއިރާގެ މިނިވަން ގެއްލުވާލައިފި. އަދި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ވަރުގަދަ އަށް ރައީސް ޔާމީން ދަނީ ދަތިކުރަމުން" އެ ގަރާރުގައި ބުނެފައިވެ އެވެ.