Last Updated: May 19, 06:08
Sunday, May 19, 2024
ރިޕޯޓް

"އަސްލު މީހާ" ގެ ސައިކަލް ބުރަށް ފުރުސަތު ލިބުނު، ނޫސްވެރިންނަށް ވެސް ދޭން ޖެހޭ!

ދިވެހިރާއްޖޭގެ ނޫސްވެރިންތަކެއް އެމީހުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގެ ގޮތުން ސުލްޙަވެރި ހިނގާލުމެއް ބޭއްވުމަށް، ނިންމުމާ އެކު ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާއިން މިވަނީ އެހިނގާލުން ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.

ހިނގާލުން އިންތިޒާމްކުރާ ނޫސްވެރިން ބުނެފައިވާ ގޮތުން "ހަމަ ހިމޭން ހިނގާލުން" ނަމުގައި ބާއްވާ ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގާނެ ކަމަށާއި އަދި އެއީ ސުލްޙަވެރި ހިނގާލުމެއް ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މަގުތަކުގެ އަމާންކަން ދަމަހައްޓައި، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވާ ގޮތަށް މަގުމަތީގައި ހިނގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ.

ނަމަވެސް މީގެ ކުރިން ފުލުހުން ވަނީ، އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ އެތައް އެއްވުމަކަށް ފުރުސަތު ދީފައެވެ.

އެގޮތުން މިދިޔަ މާރިޗް މަހުގެ 12 ވަނަ ދުވަހު ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އައްސަދު އަށް ތާއިދު ކުރުމުގެ ގޮތުން "އަސްލު މީހާ" ޖަހާފައިވާ ބެނާ އާއި ދިދަތައް ހިފައިގެން މާލޭގައި ސައިކަލް ބުރު ބޭއްވުމަށް ވެސް ފުލުހުން ވަނީ ހުއްދަ ދީފައެވެ.

ސައިކަލް ބުރުގައި ބައިވެރިިވި ޒުވާނުން، މަގުތައް ފުރާލާފައި ބަރުގޮނު އަޅަމުން ދުއްވާފައި ދިޔައިރު ޓްރެފިކް ފުލުހުން މަގުގެ ދެފަރާތުގައި "ކުޅިބަލަން" ތިއްބެވެ. އެދުވަހު އެސްއޯ ފުލުހުންނެއް ޕެޕަރ ސްޕްރޭ ހިފައިގެން އެމީހުން ފަހަތުން ދުވެފައި ދިޔަ މަންޒަރެއް ފެނިފައެއް ނުވެއެވެ.

ހަޅޭއްލަވަމުން ބާރު ސްޕީޑްގައި ސައިކަލްތަކުގައި ދިޔަ ޒުވާނުންގެ ސަބަބުން އެތައް ކުޑަކުދިންނެއް ރޮއްވާލިއިރު އަދި އުމުރުން ދުވަސްވީ އެތައް އުނދަގޫ ވެފައިވާއިރު، އެދުވަހު ފުލުހުންގެ މުއައްސަސާއަށް އެކަން ނުހުއްޓުވުނީ ކީއްވެގެން ހެއްޔެވެ؟

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް، ދަތިވަނީ ހަމައެކަނި ނޫސްވެރިން ނުވަތަ ސަރުކާރުން ކުރާ ޤާނޫނާއި ޚިލާފް ޢަމަލްތަކާއި ދެކޮޅަށް އަޑު އުފުލަން ފަށާ ހިސާބުން ހެއްޔެވެ؟

އެހެންކަމަށް ވެއްޖެ ނަމަ ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ނުފޯރާ ކަމަށް ފުލުހުންގެ އިސްވެރިން ވިދާޅުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ.