Last Updated: July 3, 11:07
Friday, July 3, 2026
ރިޕޯޓް

ރޯވިން އެސޯސިއޭޝަން ކުދިންނަށް އައްސަރިބަހާއި ސާބަސް!

އެއް ބަޔަކު ގޮސް ކުނި އަޅަނީ އެވެ. މުޅި ސަރަހައްދު ވަނީ ބޮޑު ކުނިގޮޑަކަށް ބަދަލުވެފަ އެވެ. އައްޑޫގެ އެންމެ ގިނަ މީހުން ޕިކްނިކަށްދާ ހަންކެޑެ ބްރިޖް ސަރަހައްދަކީ އައްޑޫގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ކުނިގޮނޑެވެ. އެކަމާއި ކަންބޮޑުވާ މާގިނަ ބަޔަކު ތިބި ހެނެއް ހިއެެއް ނުވެ އެވެ.

އައްޑޫ ރޯވިން އެސޯސިއޭޝަންގެ ކުދިންނަކަށް އެ ސަރަހައްދު ގޮޑުވެފަ އޮންނާކަށް ނުފެނެ އެވެ. އެހެންވެ އެކުދިން އިސްނެގި އެވެ. އެންމެ ގިނަ މީހުން ޕިކްނިކް ގޮސް އުކަލާ ހުރިހާ ކުންޏެއް ނަގަން މިކުދިން ނިންމި އެވެ. އެހެންވެ އަމިއްލަ ހަރަދުގައި މަސައްކަތް ފެށި އެވެ.

ހަންކެޑެ ސަރަހައްދުގެ ފުއްޓަރު ފަރާތަށް އަޅާފައިވާ ކުނި މިދިޔަ ހަފްތާގައި ނެގިއެވެ. އަދި ފާއިތުވި ދެދުވަހު އެސަރަހައްދުން 30 ޖަމްބޯ ބޭގް ކުނި ވަނީ ނަގާފައެވެ. އެހެންވެ އެ ސަރަހައްދު ކޮންމެވެސް ވަރަކަށް މިވަގުތަށް ސާފެވެ. ނަމަވެސް އެކުދިން ބުނާ ގޮތުން އެ ސަރަހައްދަށް އަޅާ ކުނި ނިސްބަތުން މަދެއް ނުވެއެވެ.

އެކަމުގައި ވިސްނާލަންޖެހޭ މައްސަލަތެކެއް ހުރިކަމަށް އެކުދިން ބުންޏެވެ. އައްޑޫލައިވް އިން މިކުދިން ކުރަމުންދާ މަސައްކަތް ވަރަށް ގާތުންބެލީމެވެ.

ރޯވިން އެސޯސިއޭޝަން ކުދިންނާއި އެކު ރާއްޖެއިން ބޭރުގެ ޓީމެއް ވެސް ހަރަކާތްތެރިވެއެވެ. ހަންކެޑެ ސަރަހައްދަށް އަލާފައި ހުރި ކުނި ނެގުމުގައި އޮސްޓްރޭލިއާގެ 13 ވޮލަންޓިއަރަކުވެސް ވަނީ ހަރަކާތްތެރިވެފައެވެ.

"އަޅުގަނޑުމެންގެ ރަށަށް އަޅާފައި ހުންނަ ކުނި ސާފުކުރަން ބޭރު މީހުން އުޅުނީމާ ލަދުގަނޭ" ރޯވިން އެސޯސިއޭޝަންގެ ކުއްޖަކު ބުންޏެވެ.

ހަގީގަތުގައި ވެސް މީ ލަދުގަންނަންޖެހޭ މައްސަލައެކެވެ. އައްޑޫގައި ޕިކްނިކަށް ދާން ގިނަތަންތަނެއް ނެތެވެ. އަދި އަމުދުން ވަކި ހާއްސަ ތަނެއް ގައިމްވެފަ ނެތެވެ.

ހަންކެޑެ ސަރަހައްދަށް ޕިކްނިކްދާ ގިނަ މީހުން ދަނީ އެސަރަހައްދަށް ގިނަ އަދަދެއްގެ ކުނި އަޅާފައެވެ. އެސަރަހައްދުގައި ކުނި އަޅަން ވަކި ތަނެއް ހަދާފައެއްް ނުހުރެއެވެ. އެހެންވެ އެސަރަހައްދަށް ޕިކްނިކްދާ މީހުންދަނީ ޖެހުނުތަނަކަށް ކުނި އުކާލާފައެވެ.

މި ސަރަހައްދުގައި ކުނިއަޅަން ބޮޑެތި ޑަސްބިންތައް ބެހެއްޓުމުގެ ވާހަކަ ވަނީ މީގެ ކުރިންވެސް ދެކެވިފައެވެ. ނަމަވެސް އަދި މިހާތަނަށް އެކަމަށް އަމަލީ ސިފައެއް ނާދެއެވެ. ކުނި ސާފުކުރުމުގައި ހަރަކާތްތެރިވާ ކުދިންގެ ވެސް ވާހަކައަކީ އެ ސަރަހައްއުގައި ބޮޑެތި ޑަސްބިންތައް ބެހެއްޓުން މުހިއްމު ވާހަކައެވެ. މީގެ ދެއަހަރު ކުރިން ވެސް މި ސަރަހައްދުވަނީ ސްކޫލް ކުދިން ނިކުމެ ސާފުކޮށްފައެވެ. އެފަހަރުވެސް ޑަސްބިން ބަހައްޓާނެ ވާހަކަ ދެކެވުނެވެ. ނަމަވެސް އަދި މިހާތަނަކަށް ބެހެއްޓިފައި ނުވެއެވެ.

ހަގީގަތުގައިވެސް ރޯވިން އެސޯސިއޭޝަންގެ ގެ ކުދިންގެ މަސައްކަތަކީ ތައުރީފް ހައްގު މަަސައްކަތެކެވެ. އަމިއްލަ ޖީބުން ހަރަދުކޮށްގެން އެކުދިން އެ ގޮޑު ސާފުކޮށް އެ ކުނި ކުނިކޮށްޓަށް ގެންދަނީ މިތަން ސާފުކޮށް އޮތުމަށް ބޭނުންވާތީއެވެ. އެކުދިންގެ ބަހުން އެކަން ހުއްޓާލާކަށް އެކުދިން ބޭނުމެއް ނޫނެވެ. ނަމަވެސް މި ސަރަހައްދުގައި ބޮޑެތި ޑަސްބިންތައް ނުބަހައްޓައި މިކަމަށް ހައްލެއް ނުލިބޭނެއެވެ.

އައްޑޫ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް މި ކުދިން ކުރަމުންދާ މަަސައްކަަތަށް އައްސަރި ބަހާއި ސާބަހެވެ!