އައްޑޫގައި ފުލުހުން މިހާރު ކުރިއަށްދާ ހާއްސަ އޮޕަރޭޝަނުގައި ބަނގުރާ ކަމަށް ބެލެވޭ ދެ ފުޅި އާ އެކު ފަސް މީހަކު ސ. މަރަދޫން ހައްޔަރުކޮށްފި އެވެ.
"އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނާ ބެހޭ ގޮތުން ފުލުހުން އެންމެ ފަހުން ޓްވިޓާގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ބަނގުރާ ކަމަށް ބެެލެވޭ ދެ ފުޅިއާ އެކު ފަސް މީހަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގަ އެވެ. އެހެން ނަމަވެސް އެ މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މި އޮޕަރޭޝަނުގައި މި މަހުގެ 22 ވަނަ ދުވަހު ވެސް ތަފާތު ދެ މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކާއި 50،000ރ. އަށް ވުރެ ފައިސާ އާ އެކު ހަ މީހަކާއި 17 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އެ ހަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން މި ޖެނުއަރީ 22 ވަނަ ދުވަހުގެ ރޭ ހިތަދޫ ތަމަންނާގެ ފުލުހުން ބަލައި ފާސް ކުރި ކުރުމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 18-28 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.
މި އޮޕަރޭޝަނުގައި ފުލުހުން އެގެ ބަލައި ފާސްކުރި އިރު އެގޭގެ ގަރާޖު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައް ކުކުރެވޭ އެއްޗެއްހު ރި ބްލެޓް ސައިޒުގެ ނުވަ ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުދި 13 ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި ތިން ޕެކެޓުގެ އިތުރުން ކައްކާފައި ހުރި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ފުޅިއަކާއި 53538.5ރ. ފެނިފައިވެ އެވެ. އަދި މީގެ އިތުރުން ވެސް ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ލެޕްޓޮޕަކާއި، ޕްރޮޖެކްޓަރެއް ފެނިފައިވެ އެވެ.