މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގަތީ އޭނާ ހެދި "ސިހުރުގެ ބާރުން" ކަމަށް ބުނި ސްރީ ލަންކާގެ ފާދިރީ އަސޭލާ އާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ބައްދަލު ކުރައްވައިފި އެވެ.
އަސޭލާ އާ މަހުލޫފް މިއަދު ލަންކާގައި ބައްދަލު ކުރެއްވީ، ރާއްޖޭގެ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކާ ބެހޭ މައުލޫމާތު ލަންކާގައި ތިއްބަވާ ބައިނަލްއަގްވާމީ ފަރާތްތަަކާ ހިއްސާ ކުރުމަށް އިދިކޮޅު ފަރާތްތަކުން ލަންކާ އަށް ކުރާ ދަތުރުގަ އެވެ.

އަސޭލާ އާ އެކު ނަންގަވާފައިވާ ފޮޓޯތަކެއް މަހުލޫގް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައި ވިދާޅުވީ "އަސޭލާ ޔާމީނާ ބެހޭ ލައްކަ ވާހަކަ ކިޔައި ދީފި" ކަމަަށެވެ.

"ޔާމީންކޮށްފައި ނުކުރާނެ ކަމެއް ނެތް. އޭނަގެ [އަސޭލާ] އަތުގައި އަދި ވަރަށް ވީޑިއޯ އާއި އޯޑިއޯ އެބަހުރި،" މަހުލޫފް ވިދާޅުވި އެވެ.
ޔާމީނަށް ވެރިކަން ލިބިވަޑައިގަތީ، އަސޭލާ ސިހުރު ހަދައި ދީގެން ކަމަށް ބުނެ އޭނާ ރާއްޖެ ޓީވީގައި ދެއްކި ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
އަސޭލާގެ އިންޓަވިއުގައި އޭނާ ވަނީ ރައީސް ޔާމީނާ އެކު ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ އާއި އަސޭލާ އާ އެކު ޔާމީން ނަންގަވާފައިވާ ފޮޓޯތަކެއް ވެސް ދައްކާލައިފަ އެވެ.