Last Updated: May 19, 00:16
Saturday, May 18, 2024
ކޮލަމް

ހޯމް މިނިސްޓަރު އުމަރަށް!

އުމަރު ނަސީރު

މިނިވަން ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ރިޟްވާން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގައި ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި މަނިކުފާނު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ދަންނަވަމެވެ.

ރިޟްވާން އަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ ނޫސްވެރިންތަކެއް ސިޔާސީ ކުރަން އުޅެނީ ކަމަށާއި ރިޟްވާން އަކީ ގިނަ ބަޔަކު ދަންނަ މީހެއް ނޫންކަމަށް ބުނެ، މަލާމާތުގެ ރާގަކަށް ތިޔަދެއްކެވީ ވަރަށް ދަށުދަރަޖައިގެ ވާހަކަތަކެކެވެ. ޤައުމެއް ހޯމް މިނިސްޓަރަކީ ތިޔަށް ވުރެ ޒިންމާދާރު ވާހަކަ ދައްކަވާ ބޭފުޅަކަށް ވާންޖެހެއެވެ. މަނިކުފާނު ސިއްރިއްޔާތުގައި ރިޔާސީ ކެމްޕެއިން ފެއްޓެވި ނަމަވެސް މަނިކުފާނު ތިޔަ ސާބިތުކޮށްދެއްވީ މަނިކުފާނަކީ އެފަދަ މަޤާމަކަށް ކުރިމަތިލުމަށް ކުފޫހަމަވާ ބޭފުޅެއް ނޫންކަމެވެ. އަދި ކިއެއްތޯއެވެ. ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވުމަށް ވެސް މަނިކުފާނު ކުފޫހަމައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ބުނެފައިވަނީ، ޤާނޫނު އަސާސާއާއި އެއްގޮތަށް ޢަމަލުކުރުމާއި، ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށެވެ. އެއްގޮތަކަށް ވެސް އެހެން މީހުންގެ ބޮލުގައި ޒިންމާއަޅުވާ ވާހަކައެއް ވެސް ނޫނެވެ.

ޢިއްޒަތްތެރި ހޯމް މިނިސްޓަރ އެވެ. ރިޔާސީ ޓިކެޓެއް ހޯއްދަވަން މަނިކުފާނު ހުދުވަލެއްގައި ހިއްޕަވައިގެން ހުރެ ދެއްކެވި ވާހަކަތައް ވެސް އަޅުގަނޑުމެން އަޑުއެހީމެވެ. އެވާހަކަ އާއި މަނިކުފާނުގެ މަޝްހޫރު ހަރުގަނޑު ވާހަކަ އާއި ކޮމާންޑް ސެންޓަރުގެ ވާހަކަ ދައްކާކަށް ނެތީމެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުން ދަންނަ މީހަކަށް ނުވުމަކީ އެމީހަކަށް، ޤާނޫނުގެ ރައްކާތެރިކަން ލިބިގެން ނުވާ މީހެއް ކަމުގައި ހޯމް މިނިސްޓަރަށް ޤަބޫލުކުރެއްވުމަކީ ތަންކޮޅެއް ބޮޑުވަރެވެ. މަނިކުފާނުގެ އަމިއްލަ ދަރިއަކު ވީނުވީއެއް ނޭނގި ގެއްލުނު ނަމަ ކުރާނެ އަސަރު އެންމެ ފަހަރަކު ވަޒަންކޮށްލެއްވުން ކީއްތޯއެވެ؟

މަނިކުފާނުގެ ބެލުމުގެ ދަށުގައި ފުލުހުންގެ މުއައްސަސާ އޮވެގެން ނޫސްވެރިޔާ ރިޟްވާން ގެއްލުނުތާ 2 އަހަރު ވެގެން ދާއިރު ކުރެވުނީ ކީއްތޯއެވެ؟ ރައްޔިތުން އެކަމާއި ސުވާލު އުފައްދަން ފެށުމުން އިދިކޮޅު ފަރާތްތަކޭ، ސިޔާސީ ފައިދާ ނަގަންށޭ ވިދާޅުވެ ތިޔަ ދަންމަވާ ހާސަރުތަކުން ހާމަވެގެން ދަނީ ތިބޭފުޅާގެ ހިތްޕުޅުގައި އިންސާނިއްޔަތު ކަމަށް އޮތް ލޯބި ތޯއްޗެވެ.

ރިޟްވާން ގެއްލުނު މައްސަލައިގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިތުރުން، އާންމު ރައްޔިތުންނާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނީ ކީއްވެގެން ކަން މަނިކުފާނަށް އެނގިވަޑައިނުގެންނެވުމަކީ މަނިކުފާނުގެ ހިތްޕުޅުގައި މަޤާމުގެ ދަހިވެތިކަން އޮތް މިންވަރު ހާމަވެގެންދާ ކަމަކަށް ވެސް ވެދާނެއެވެ.

ރިޟްވާންއަށް ވީފަދަ ގޮތެއް ނުވާނެ ކަމުގެ ޔަޤީންކަން މިޤައުމުގައި މިއަދު އޮތީ ކޮން ރައްޔިތަކަށް ތޯއެވެ؟ މިނިވަންކަމާއި އެކު މިޤައުމުގެ މަގުމަތީގައި އުޅެވޭނެ ކަމުގެ ޔަޤީންކަމުގައި މަގުމައްޗަށް ނިކުންނަނީ ކިތައް މީހުން ހެއްޔެވެ؟ ރިޟްވާންގެ އާއިލާގެ މީހުން އެކުރާ ހިތާމަ ކުރަން ނުޖެހޭނެ ކަމުގެ ޔަޤީންކަން އޮތީ ކޮން ރައްޔިތަކަށް ތޯއެވެ؟

މިއަދު ރިޟްވާންގެ އާއިލާއިން ކުރާ ހިތާމަ މާދަމާ ރާއްޖޭގެ ކޮންމެ ލޮބުވެތި ރައްޔިތަކު ވެސް ކުރަން ހަމަޖެހިދާނެއެވެ. އޭގެ ތެރޭގައި ތިބޭފުޅާ ވެސް ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ. ދުޢާ އަކީ ﷲ ތަޢާލާ އަޅުގަނޑުމެން އެއްވެސް ރައްޔިތަކަށް އެފަދަ ގޮތެއް މިންވަރު ނުކުރެއްވުމެވެ.

މަނިކުފާނު ދައުލަތުގެ މީޑިޔާއަށް ދިން އިންޓަވިއުގައި ދެއްކެވި ވާހަކަފުޅުން، ދޭހަވި ގޮތުގައި ޤައުމުގައި އިންސާފު ލިބެނީ، މަޝްހޫރު މީހުންނަށެވެ. ނިކަމެތިންނަކީ އެއްވެސް ޙައްޤެއް ލިބިފައިވާ ބައެއް ނޫނެވެ. ހާމަވެގެންދިޔައީ، ރައްޔިތުންގެ ލާބައާ މަންފާއަށްވުރެ، މަނިކުފާނު މަޤާމުގެ ބާރާއި ނުފޫޒުގެ މައްޗަށް އިސްކަންދޭ މިންވަރެވެ.

ދަންނަވަންތޯއެވެ. މަނިކުފާނު ކިތަންމެ ހިތްޕުޅާއި ނުވި ނަމަވެސް މަނިކުފާނުގެ ބެއްލެވުމުގެ ދަށުގައި އޮތް ފުލުހުންގެ މުއައްސަސާ ވަނީ، ނޫސްވެރިޔާ ރިޟްވާން ގެއްލުނު މައްސަލަ ތަހުގީގް ކުރުމުގައި ފެއިލްވެފައެވެ. ކިތަންމެ އިންޓަވިއުއެއް ދެއްވި ނަމަވެސް އެ ހަގީގަތް ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ.ދައްކަވާ ކޮންމެ ވާހަކަފުޅަކުން މަނިކުފާނު އާއި މަނިކުފާނުގެ ތިޔަ މުއައްސަސާ ދަނީ ފަޟީޙަތް ވަމުންނެވެ.

ދެން އެވާހަކަ ނުދައްކައި ނޫސްވެރިން ވެސް ވީ މަނިކުފާނަށް ސަނާ ކިޔަން ހެއްޔެވެ؟ ސިޔާސީ މީހުންވެސް މަނިކުފާނު އަށް ތައުރީފުކޮށް ވާހަކަ ދައްކަން ވީ ހެއްޔެވެ؟

މަނިކުފާނު 2008 ވަނަ އަހަރު ވިދާޅުވި ވާހަކަ އަކީ، "ހައްލަކީ އުމަރު" ކަމަށެވެ. އެހެން ނަމަވެސް މިހާރު ތިޔައީ އުމަރެއް ނޫނެވެ. ތިއީ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ގޮތަކަށް އަނބުރަން ގެންގުޅޭ ބުމަރެކެވެ.

ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަޚް ރިޟްވާން ގެއްލުވާލުމުގައި ބައިވެރިވި ހުރިހާ އެންމެން ވަރަށް އަވަހަށް ހާމަވެގެންދާނެއެވެ. މަނިކުފާނު ކިތަންމެ މަސައްކަތެއް ކުރެއްވި އެއް ކަމަކު އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފި ނަމަ އެކަމެއް ނުހުއްޓުވޭނެއެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އެކަން ފޮރުވުމަށް މަސައްކަތް ކުރާ އެންމެން ބަލިކަށި ކުރެއްވުމެވެ.