ށ. އަތޮޅުގައި އެއަޕޯޓެއް ހެދުމުގެ މަޝްރޫޢު މާލަހެއް ނުވެ އިޢުލާނު ކުރެވޭނެ ކަމަށް ވިދާޅުވެ، އެކަމަށް އަލުން އިންވެސްޓް ކުރާ ބަޔަކު ހޯދައިގެން އެއަޕޯޓުގެ މަސައްކަތް ފަށައި މި އަހަރުގެ ތެރޭގައި އެއަޕޯޓް ހެދޭނެ ކަމުގެ ޔަޤީންކަން އެ އަތޮޅުގެ ރައްޔިތުންނަށް ރައީސް ޑރ. މުމަދު ވަޙީދު ހަސަން މަނިކު ދެއްވައިފި އެވެ.
އެ ޔަޤީންކަން ރައީސް ދެއްވީ ށ. އަތޮޅުގެ ބައެއް ރަށްރަށަށް އެ މަނިކުފާނު މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގައި، ށ. ހެނބަދު އަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު މެންދުރު ފަހު ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި އެ އަތޮޅުގައި އެއަޕޯޓެއް ހެދުމުގެ މަސައްކަތް ކޮންމެވެސް ފަރާތަކާ ހަވާލު ކުރެވިފައިވީ ކަމުގައި ވިޔަސް ތަފާތު ސަބަބުތަކާ ހުރެ އެކަން ނުކުރެވި ލަސްވަމުން ލަސްވަމުން އައީ ކަމަށް ވިދާޅުވި އެވެ.
އަދި އެކަމުގެ އުދާސްތައް ފެންނަމުންދާ ކަމަށާއި، އެކަން އެމަނިކުފާނަށްވެސް ރަނގަޅަށް އިޙްސާސް ކުރެއްވޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ހުރިހާ ރައްޔިތުން ވެސް ކެތްތެރިވެވަޑައިގަތުމަށް އެދިވަޑައިގެން، ދައުލަތަށް ކަންކަން ކުރެއްވެން އޮތް މިންވަރަކުން އެކަންކަން ކޮށްދެއްވުމުގެ ފުރިހަމަ މަޤްޞަދާއި ނިޔަތް އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން، ބަޖެޓުގެ ޚަރަދުތައް ބޮޑުވެފައިވި ކަމުގައި ވިޔަސް، ރައްޔިތުންނަށް ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ސަރުކާރުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވި އެވެ.
ހެނބަދޫ އިރުމަތީ ފަރާތު ސަރަޙައްދުގައި ޗަމްޕާ ބްރަދަރސްގެ އެހީ އާ އެކު ހައްދަވައި ދެއްވި ފާލަމެއް ރައީސް މިއަދު ހުޅުއްވައި ދެއްވި އެވެ.
ހެނބަދޫގައި ވަރަށް ފުރިހަމަ ފާލަމެއް ހައްދަވައި ދެއްވައި، މިފަދަ ބޮޑު ޚިދުމަތެއް ކޮށްދެއްވީތީ އަދި ރަށަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވަމުން ގެންދަވާތީ، ޗަމްޕާ ބްރަދަސް އަށް ޚާއްޞަކޮށް ޗަމްޕާ މުޙަންމަދު މޫސާ އަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.