Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

ވަޒީފާ ވަކި ބަޔަކަށް؛ އައްޑޫ ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުން!

އައްޑޫގެ ޒުވާނުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެމީހުންގެ ރަށުގައި ތިބެގެން އަދާކުރާނެ ވަޒީފާއެއް ނުލިބުމެވެ.
ރާއްޖޭގެ އެހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ފަދައިން އެމީހުންނަށް ވެސް ވަޒީފާއެއް ބޭނުންނަމަ ޖެހެނީ، ވެރިރަށް މާލެއަށް ނުވަތަ ކޮންމެވެސް ޓޫރިސްޓް ރިސޯޓަކަށް މިސްރާބު ޖަހާށެވެ.

އަމިއްލަ ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ބޭނުންވެފައި ތިބި ޒުވާނުން އަބަދުވެސް އިންތިޒާރުކުރަމުން ދަނީ އައްޑޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުން ވަޒީފާގެ ފުރުސަތެއް އިއުލާންކުރާނެ ދުވަހަކަށެވެ. ނުވަތަ އަމިއްލަ ކުންފުންޏަކުން ވިޔަސް ވަޒީފާގެ ފުރުސަތެއް އިއުލާން ކުރާތޯ އެވެ.

އައްޑޫގައި ދިރިއުޅޭ ޒުވާނުންގެ ތެރެއިން ވަޒީފާއެއް ނުލިބި ތިބި މީހުންގެ އަދަދު އެންމެ ރަގަޅަށް އެނގިގެން ދަނީ ދޭތެރެއަކުން އައްޑޫގައި ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ވަޒީފާގެ ފުރުސަތު އިއުލާން ކުރުމުންނެވެ. އެންމެ ވަޒީފާއަކަށް ވެސް 1500 އާއި ގާތްކުރާ އަދަދެއްގެ އެޕްލިކޭޝަންތައް ލިބޭ ކަމަށް ވެއެވެ.

އަތޮޅު މ ަދުރަސާގެ ދަރިވަރުންތަކެއް. ސްކޫލް ނިންމާއިރު މަތީ ފާސް ހޯދާ ކުއްޖާއަށް ވަޒީފާ ނުލިބުމަކީ ގިނަ ޒުވާނުންގެ ކަންބޮޑުވުމެއް.
އަތޮޅު މ ަދުރަސާގެ ދަރިވަރުންތަކެއް. ސްކޫލް ނިންމާއިރު މަތީ ފާސް ހޯދާ ކުއްޖާއަށް ވަޒީފާ ނުލިބުމަކީ ގިނަ ޒުވާނުންގެ ކަންބޮޑުވުމެއް.

ނަމަވެސް ވަޒީފާއަށް ކުރިމަތިލާ ޒުވާނުން އަބަދުވެސް ހުއްޓުމެއް ނެތި ކުރާ ޝަކުވާއެއް އޮވެއެވެ. އެއީ ވަޒީފާއަށް މީހަކު ނެގުމުގައި ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކުގެ ވާހަކައެވެ. ސިޔާސީ މީހެއްގެ ނުފޫޒުން ބޭނުން މީހަކަށް ވަޒީފާ ދެވިދާނެ ކަމަށް ޒުވާނުން ޤަބޫލުކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

މިވެނި މީހަކަށް ވަޒީފާ ހަމަޖައްސައި ދިނީ ތިމަންނާއޭ ބުނެ ބައެއް ސިޔާސީ އެކްޓިވިސްޓުން ފަޚުރުވެރިކަމާއި އެކު އެވާހަކަ ދައްކަމުން ގެންދެއެވެ. އަދި އެކަން ޤަބޫލުކޮށް އެމީހުންގެ ފަހަތުން އާދޭސް ކުރަމުން ދުވަމުން ގެންދާ ޒުވާނުންތަކެއް ވެސް އުޅޭ ކަމީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
ވަޒީފާތަކަށް މީހުން ނެގުމުގައި ކޮރަޕްޝަނާއި ސިޔާސީ ނުފޫޒު ފޯރުވަން ފަށާފައިވަނީ އިއްޔެ އަކު ނުވަތަ މިއަދަކު އެއް ނޫނެވެ.

"މިއީ ވަކި މި ސަރުކާރު އައިފަހުންނެއް ނޫން. އެމްޑީޕީ ވެރިކަމުގައި އެމީހުންގެ ގާތް މީހުންނަށް. މިހާރު ޕީޕީއެމް އެކްޓިވިސްޓުންނާއި ގާތް މީހުންނަށް. ދެން ކިޔަވައިގެން ހުންނަ ކުއްޖާއަަކަށް ނޯވޭ ފުރުސަތެއް."

ދާދިފަހުން ފެނަކަ ކޯޕަރޭޝަނުގެ ވަޒީފާއަކަށް ކުރިމަތިލި ޒުވާން އަންހެން ކުއްޖަކު ބުނިގޮތުގައި، ވަޒީފާއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން ވަޒީފާއަށް ނަގަން ހަމަޖެހިފައިވަނީ (ނަން އުނިކުރެވިފައި) ކަމަށް އޭނާ ގާތު އެ އޮފީހުގެ މީހަކު ބުނި ކަމަށެވެ. ކަންތައް ވެގެން ދިޔައީ ވެސް ހަމަ އެގޮތަށް ކަމަށް އޭނާ ބުންޏެވެ.

" މީގައި މިވާ ގޮތަކީ ކޮންމެވެސް ކެމްޕެއިން އަކަށް ޒުވާނުން މިގެންދަނީ ގެންގޮސްފަ ބުނަނީ ދޭނަމޭ ވަޒީފާ. ދެން އެވަޒީފާ ދޭން އެބަޖެހޭތާ." ހިތަދޫ ސްކޫލްގެ ޓީޗަރަކު ބުންޏެވެ.

ވަޒީފާ ލިބެން އޮތް ހަމައެކަނި ގޮތަކީ، ސިޔާސީ މީހުންގެ ގާތަށް ސަލާން ޖެހުން ކަމަށް މިއަދު އައްޑޫގެ ޒުވާނުން މިވަނީ ޤަބޫލުކުރަން މަޖުބޫރުވެފައެވެ. އެމީހުންގެ އެހީތެރިކަމާއި އެކު ޑިޕްލޮމާ އެއް ނެތަސް ކުންފުނިތަކުގެ މެނޭޖަރު ފެންވަރުގެ ވަޒީފާ އާއި ހަމައަށް އެއްބަޔަކު އައްޔަން ކުރަމުންދާ މަންޒަރު މިދަނީ ފެންނަމުންނެވެ.

ސިޔާސީ ބޭފުޅުން އެމީހުންގެ ހެޔޮފުޅުކަން ދައްކަން ވަޒީފާތަކަކީ އެމީހުން ބޭނުން ގޮތަކަށް ބަހާ އެއްޗަކަށް ހެދުމުގެ ސަބަބުން ހަގީގަތުގައި އޭގެ ގެއްލުން ލިބިގެން މިދަނީ، އެބޭފުޅުން ވެސް ނިސްބަތްވާ އައްޑޫގެ މުސްތަޤްބަލަށެވެ.

ކިޔަވައިގެން މަތީ ފާސް ހޯދައިގެން ނިކުންނަ ކުއްޖާއަށް ވުރެ ބޮޑަށް ދަށް ނަތީޖާ ތަކާއި އެކު ސްކޫލް ނިންމާ ކުއްޖާއަށް ވަޒީފާގެ ފުރުސަތު ލިބުން ފަސޭހަ ވުމަކީ، ހަޤީޤަތުގައި ވެސް މައްސަލައެކެވެ. ބައެއް ޒުވާނުން ޤަބޫލުކުރާ ގޮތުގައި މިއަދު ތައުލީމީ ޒުވާނުންނަކީ އެއްވެސް އެއްޗެކަށް ނުވެއެވެ.

"އަހަރެން އަސްލު ވަރަށް މަސައްކަތް ކުރިން ރަށުން ވަޒީފާއެއް ހޯދަން. ހަމަ އެއްކަލަ ނުފޫޒު ބޭނުން ކުރަން ޖެހެނީ، މަ ބޭނުމެއް ނޫން އެހެން ހަދާކަށް. އެންމެން މިކިޔަނީ ކޮރަޕްޝަން ހުއްޓުވަން. އެ ކޮރަޕްޝަނާއި އެކު ހޯދާ ވަޒީފާއަކުން ކޮން ކޮރަޕްޝަނެއް ހުއްޓުވޭނީ؟" މިދިޔަ އަހަރު އޭލެވެލް ނިންމި ހަސަން ބުންޏެވެ.

ކޮރަޕްޝަނާއި ސިޔާސީ ނުފޫޒު ސުމަކަށް ހަދާލުމަކީ ހަގީގަތުގައި ވެސް ބޮޑު ގޮންޖެހުމެކެވެ. އެހެން ނަމަވެސް މިހާރު އައްޑޫއަށް ބަލާއިރު، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިންގެ ފަރާތުން ފެންނަމުން ދަނީ، ތަބަކަށް ލައިގެން ވަޒީފާ ބަހަމުން ގެންދާ މަންޒަރެވެ. ތައުލީމީ ޒުވާނުން ވަޒީފާތަކަށް ކުރިމަތިލުމުން އެމީހުންނަށް އެ ފުރުސަތު ނުދިނުމަކީ، ދެރަ ކަމެކެވެ.