Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ރައްޔިތުން ބޭނުންވާ މިންވަރަށް ޚިދުމަތް ލިބިގެންދާނީ ޚިދުމަތްދިނުން ދިވެހިންގެ އަތްމައްޗަށް އައި ދުވަހަކުން: ޑރ. ހަބީބް

ރައްޔިތުން ބޭނުންވާ މިންވަރަށް ޞިއްޙީ ޚިދުމަތް ލިބިގެންދާނީ ޞިއްޙީ ޚިދުމަތްދިނުން ދިވެހިންގެ އަތްމައްޗަށް އައި ދުވަހަކުން ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ހަބީބް ވިދާޅުވެއްޖެއެވެ.

ޑރ. ހަބީބް މިގޮތަށް ވިދާޅުވީ، ތަފާތު ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުން ތަމްރީނުކުރުމަށްޓަކައި ނޭޕާލްގެ ތްރިބްހުއާން ޔުނިވަރސިޓީއަށް ފޮނުވުމަށްޓަކައި ސްކޯލާޝިޕް ހަވާލުކުރުމަށް ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސްކޯލާޝިޕް ލިބުނު ފަރާތްތަކާއި މުޚާތަބް ކުރައްވައި ވާހަކަ ދައްކަވަމުން ޑރ.ހަބީބް ވިދާޅުވީ، މުހިންމު ވަނީ ސޮއިކުރެވޭ ބޮންޑެއް ނޫން ކަމަށާއި އިޚްލާސްތެރިކަމާއި އެކު ޤައުމީ ލޯބީގައި ރައްޔިތުންނަށް ޚިދްމަތް ކުރުން ކަމަށެވެ.

" ސޮއިކުރެވޭ ބޮންޑެއް ނޫން. އިޚްލާޞްތެރިކަމާއިއެކު ޤައުމީ ލޯބީގައި ރައްޔިތުންނަށް ޚިދުމަތް ކުރުން. ތިއަބޭފުޅުންގެ ޚިދުމަތް ނުލިބޭނަަމަ ޖެހޭނީ ބޭރުން މީހުން ގެންނަން. އެކަމުގެ ސަބަބުން އަވަސްއަވަހަށް ވަސީލަތްތައް ބަދަލުކުރަންޖެހުމަކީ ވެސް ޚިދުމަތުގެ އަގު ބޮޑުވަމުން އަންނަ ކަމެއް." ޑރ. ހަބީބް ވިދާޅުވިއެވެ.

ޑރ. ހަބީބް އިތުރަށް ވިދާޅުވި ގޮތުގައި މިފަހަރު ސްކޯލާޝިޕް ލިބޭ ފަރާތްތަކަށް ޚަރަދު ހަމަޖައްސައިދީފައި ވަނީ ހެލްތް މިނިސްޓްރީގެ މަޖެޓުން ބޭރުން ކަމަށެވެ.