މި އަހަރުގެ މެދަކާ ހަމައަށް ދިޔުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅުގެ ބައެއް ރަށްރަށަށް އެ މަނިކުފާނު މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ހެނބަދު އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ރައީސް ވިދާޅުވީ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތްތައް ނުދީއެއް ބޮޑެތި ޢުމްރާނީ ކަންތައްތަކެއް ނުކުރެވޭނެ ކަމަށެވެ،
ރައީސްގެ ވާހަކަފުޅުގައި، ފުރަތަމަ ކުރަން ޖެހޭ ކަންތައްތައް ފުރަތަމަ ކުރަން ޖެހޭނެ ކަމަށާއި، މިގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގައި ވިދާޅުވި އެވެ.
އަދި ސަރުކާރުގެ ދަރަނި ކުޑަކުރެއްވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ހާމަ ކުރެއްވި އެވެ.
މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ދަރިން ބޮޑެތިވަމުން އަންނައިރުގައި، އެކުދިންނަށް ބޭނުންވާ ވަޒީފާތަކާއި މަސައްކަތްތައް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނީ ވެސް ދަރަނި ކުޑަކުރެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ޙަޤީޤަތުގައި އެހާ ގޯސް ނޫން ކަމަށާއި، ދުނިޔެއަށް މިހާރު އައިސްފައިވާ އިޤްތިޞާދު ފަނޑުވަމުން ދިޔުމުގެ ރޯޅީގައި ރާއްޖެއަށް ވެސް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރަމުން ދަނީ ކަމަށް ވިދާޅުވި އެވެ.
އަދި ދިވެހި ޤައުމުގެ އިޤްތިޞާދު ބިނާވެފައި މިއޮތީ، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް ވިދާޅުވެ 2012 ވަނަ އަހަރަކީ މި ދެ ދާއިރާގައި ވެސް ރާއްޖެ ކުރިއަރާފައިވާ އަހަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.