Last Updated: May 19, 00:16
Saturday, May 18, 2024
ރިޕޯޓް

ބައެއް ފުލުހުންނާ ހެދި ރައްޔިތުންނާއި ފުލުހުންގެ ގުޅުން ގޯސް

ލިންކް ރޯޑުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ. އައްޑޫލައިވް ފައިލް ފޮޓޯ.

އައްޑޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ފުލުހުންނާއި މެދު ކުރާ އެންމެ ބޮޑު ޝަކުވާ އަކީ، ބައެއް ފުލުހުން ބޭނުން ކުރާ ހުތުރު ބަސްތަކާއި ބައެއް ފަހަރަށް އަނިޔާވެރިކަން އިސްކުރާ ވާހަކައެވެ. ޚާއްސަ ގޮތެއްގައި ދަންވަރު ޑިއުޓީގައި މަސައްކަތް ކުރާ ފުލުހުންގެ ފަރާތުން އެ ކަންތައް ކުރިމަތިވާ ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބައެއް މީހުންނަށް ފުލުހުން އަނިޔާކުރާ ވާހަކަ އަކީ އައްޑޫގެ ރައްޔިތުންނަށް އާ ވާހަކައެއް ނޫނެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެކަން ތަޖުރިބާކޮށްފައެވެ.

ފުލުހުން ރައްޔިތުންނަށް އަނިޔާކުރާ ވާހަކަ ދެއްކުމުން އެއްބަޔަކު ޤަބޫލުކުރަނީ އެއީ ކުށްވެރިން ދިފާޢުކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. އެހެންވެ އެއްބަޔަކު އެވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ކޮންމެ މީހަކީ ކުށްވެރިޔަކަށް ނުވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އަދި ހަމަ އެހެންމެ ކުށްވެރިއަކަށް ވުމަކީ، އެމީހަކަށް އިންސާނީ ހައްޤުތަކެއް ލިބުމުން މަޙްރޫމް ކުރުވާ ކަމެއް ވެސް ނޫނެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ކޮންމެ މީހެއްގެ މައިންބަފައިންނަށް ހުތުރު ބަސްތައް ރައްދުކޮށް އަވަގުރާނަ ގޮވައި އެމީހުންނަށް އަނިޔާކުރުމުގެ ބާރެއް ފުލުހުންނަށް އެއްވެސް ޤާނޫނަކުން ދީފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 9 ވަނަ ދުވަހު ހިތަދޫ ޕޮލިހުގައި ބަންދުކޮށްފައި ހުރި މީހެއްގެ ގައިގައި ރޯވެ އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. ފުލުހުން ބުނެފައިވަނީ، އެމީހާގެ ގައިގައި ރޯކޮށްލާފައި ވަނީ އަމިއްލައަށް ކަމަށެވެ. އެހެން ނަމަވެސް އާއިލާގެ ފަރާތުން ދެއްކި ވާހަކަތައް ތަފާތެވެ. އަދި ބިޑި އަޅުވާފައި ހުރި މީހަކު އަމިއްލައަށް ގައިގައި ރޯކުރުމަކީ ކުރެވިދާނެ ކަމެއްތޯ ވެސް ސުވާލު އުފެދެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ނޫސްވެރިން ބަރަހަނާކޮށް 2 ފަހަރު ޗެކް ކުރާއިރު، ގެވެށި އަނިޔާގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ފާސްނުކުރީ ކީއްވެގެން ހެއްޔެވެ؟

އެ މައްސަލައިގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 28 އަހަރުގެ އެ މީހާގެ ގައިގައި ރޯވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މުއްދަތު ޖެހުމަށް ފަހު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ދާއިމީ ބަންދަށް ބަދަލުކުރުމުގެ ލިޔެކުޔުންތައް ފުރިހަމަކުރެވެންދެން ވަގުތީ ބަންދުގައި ބަހައްޓާފައި ހުއްޓާ ކަމަށެވެ. އެކަން ހިގާދިޔަގޮތް ތަހުގީގު ކުރީވެސް ފުލުހުންނެވެ. އެ މައްސަލައިގެ ތަހުގީގަށް ވީގޮތެއް މިއަދާއި ޖެހެންދެން ވެސް އެނގިފައެއް ނެތެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހިނގި ހާދިސާއެކެވެ. އައްޑޫގައި ފުލުހުން ދިރިއުޅޭ ގެތަކަށް ހަމަލާދިން މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ބަޔަކު ގެންދިޔައިރު އެމީހުންނަށް އަނިޔާކުރި ކަމުގެ ތުހުމަތު ފުލުހުންގެ މައްޗަށް ގިނަ ބަޔަކު ކުރަން ފެށިއެވެ. އެހެން ނަމަވެސް ފުލުހުން ބުނެފައިވަނީ، އަނިޔާކޮށްފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ލިބުނު އަނިޔާތަކަށް ވަނީ ފަރުވާދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ.

މައްސަލައަކީ ބައެއް ފުލުހުންގެ އަމަލުތައް ހުންނަ ގޮތް!

ހިތަދޫ ކޯޓް ކައިރީގައި ފުލުހުން .ހަރަކާތްތެރިވަނީ
ހިތަދޫ ކޯޓް ކައިރީގައި ފުލުހުން .ހަރަކާތްތެރިވަނީ

ފުލުހުންގެ ބެލުމުގެ ދަށަށް ގިނަ މައްސަލަތަކުގައި މީގެ ކުރިން ގެންގޮސްފައިވާ، އަދި މިހާރު ހިތަދޫ ރިހިބިލިޓޭޝަން ސެންޓަރުގެ ފަރުވާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ޙަސަން ނަޒީރު ބުނި ގޮތުގައި، ފުލުހުންގެ ތެރެއިން ގިނައީ ރައްޔިތުންނަށް އިޙްތިރާމްކުރާ ފުލުހުން ކަމަށެެވެ.

"ޤަބޫލުކުރެވޭ ބައެއް ފަހަރަށް ކުށްވެރިން ނުވަތަ ކޮޕުން (ފުލުހުން) ހައްޔަރުކުރާ މީހާ އަމަލު ކުރާގޮތުން ހަރުކަށިވާން ޖެހިދާނެ. އެކަމަކު ގިނަ ފުލުހުން ވާހަކަ ދައްކަނީ ރީއްޗަށް. އެކަމަކު މީގައި މައްސަލައަކީ ބައެއް ފުލުހުންނަށް ސިފަވޭ ހައްޔަރުކުރާ ކޮންމެ މީހަކީ 'ފުނޑާލަން' ޖެހޭ މީހެއް ކަމަށް. އެހިސާބަށް ކަންތައް ދިޔައީމާ ކާކުތޯ ފުލުހުންނަށް އިޙްތިރާމްކުރާނީ،"، ނަޒީރު ބުންޏެވެ.

ފުލުހުންގެ އާދަޔާއި ޚިލާފު ބަހުރުވަ ތަޖުރިބާކޮށްފައިވާ މީހުންގެ ތެރޭގައި އާންމުންގެ ތެރެއިން ދުވަހަކު ވެސް ކުށެއްގެ ތުހުމަތުގައި ހައްޔަރު ނުކުރާ މީހުންވެސް އެބަތިއްބެވެ. އޭގެ ތެރޭގައި ޓެކްސީ ޑްރައިވަރުންނާއި ސްކޫލްތަކުގެ ޓީޗަރުން ވެސް ހިމެނެއެވެ.

ޓެކްސީ ޑްރައިވަރެއްގެ ވަޒީފާ އަދާކުރާތާ 14 އަހަރު ވެފައިވާ އަލީ، ވަނީ އޭނާއަށް ފުލުހުންގެ އާދަޔާއި ޚިލާފް ބަހުރުވަ ތަޖުރިބާކުރެވުނު ގޮތް 'އައްޑޫލައިވް' އާއި ހިއްސާކޮށްފައެވެ.

" އާރްއޭފް ސަރަހައްދުގައި ފުލުހުންގެ ޗެކްޕޯސްޓަކަށް މަޑުކުރުވީމަ އަހަރެން ބުނިން އަވަސް ކޮށްލަ ދެއްޗޭ ހުރިހާ އެއްޗެއް ހަމައޭ. ދެން ލަސްވާތީ ދެވަނަ ފަހަރަށް ލަސްވެގެން އަވަސްކޮށްދިނުމަށް އެދުމާއި އެކު، މި ބުނަނީ 'ކައޭ ނުހޭރި މައިތިރިވެބަލާށޭ'. އަސްލު އަވަސްކުރުމަށް ބުނުމަކީ މައްސަލައެއް ނޫން. މީގެ އިތުރުން ވެސް 'ތިޅާ' ފަދަ ބަސްތައް ބޭނުން އެބަކުރޭ."

އަލީ ބުނިގޮތުގައި އެ މައްސަލަ ފުލުހުންގެ އިސްވެރިޔަކާއި ބައްދަލުކޮށް އޭނާ ވަނީ ކިޔައިދީފައެވެ.

ފުލުހުންގެ ފަރާތުން ފެންނަ ރަގަޅު ކަންތަކަށް ތައުރީފު ކުރޭ

ބައެއް ފުލުހުންގެ ފަރާތުން ފެންނަ ގޯސް އަމަލުތަކުގެ ސަބަބުން ފުލުހުންނާއި މެދު ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަން އުފެދިފައި ވި ނަމަވެސް، ފުލުހުންގެ ފަރާތުން ލިބޭ އެހީތެރިކަން ވެސް ގިނަ ބަޔަކު އުފަލާއި އެކު ބަލައިގަންނަ ކަން ފާހަގަކުރެވެއެވެ.

ވަކިން ޚާއްސަ ގޮތެއްގައި އެކްސިޑެންޓްތައް ހިނގާއިރު، އެމްބިއުލާންސަށް ވުރެ ކުރިން ސީނަށް ދެވިއްޖެ ނަމަ ފުލުހުން އެމީހަކު ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެދޭ ގޮތަކީ، ގިނަ ބަޔަކު އުފަލާއި އެކީ ފާހަގަކުރާ ކަމެކެވެ. އަދި ވިއްސާރައިގައި ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ހިތްހެޔޮ ކަމާއި ވެދޭ އެހީތެރިކަން ރައްޔިތުން ބަލައިގަންނަނީ ޝުކުރެވެރިކަމާއި އެކުގައެވެ.

"މީގެ 2 ހަފްތާކުރިން އަޅުގަނޑު ގަމަށް ދަނިކޮށް ސައިކަލްގެ ހަންފަޅައިގެން ދިޔައީ. ބްރިޖް ހިސާބުން، އޭރެ އެހިސާބުން ގަމަށް ދިޔަ ފުލުހުންގެ ލޮރީއެއްގައި ސައިކަލް އަހަރެން ވެސް ގެންގޮސްދިން. އަހަރެން ދަންނަ ފުލުހުންނެއް ނޫން ތިބީ. " ގަން އެއާޕޯޓުގައި މަސައްކަތް ކުރާ ޒުވާނަކު ބުންޏެވެ.
މީގެ އިތުރުން ވެސް ބައެއް ފަހަރަށް ފުލުހުންގެ ފަރާތުން ރީތި ބަހުން މުޢާމަލާތް ކުރާ ފުލުހުންނަށް ގިނަ ބަޔަކު ތަޢުރީފުކޮށް އެކަން އުފަލާއި އެކު ބަލައިގަންނަކަން ފާހަގަކޮށްލެވެއެވެ. އަދި އެފުލުހުންނަށް ހުރިހާ ރައްޔިތުން ވެސް ހިނިތުންވުމާއި އެކު ކުރިމަތިލާ ކަމީ އުފަލާއި އެކު ފުލުހުން ވެސް ޤަބޫލުކުރާ ކަމެކެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން. ފޮޓޯ: ޕޮލިސް
ފުލުހުން އައްޑޫގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން. ފޮޓޯ: ޕޮލިސް

"އައްޑޫގައި މަސައްކަތް ކުރާތާ 6 އަހަރު ވެއްޖެ. އަސްލު ޖުމްލަ ގޮތެއްގައި ބުނެވޭނީ މީހުން ފުލުހުންނާއި މެދު ދެކޭގޮތް ގޯސްވަނީ ބައެއް ފުލުހުންގެ ޢަމަލުތައް ބެހެއްޓޭ ގޮތުން. އިރާދަކުރެއްވިއްޔާ އަދި އަޅުގަނޑަށް މީހަކު ނުރުހިގެން އެއްޗެއް ބުނެފައެއް ނެތް. ވާޖިބު އަދާކުރުމުގައި ބަލަނީ އިޙްތިރާމާއި އެކީ މީހުންނާއި ކުރިމަތިލުމަށް." ފުލުހަކު ބުންޏެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި އެހެން ފުލުހަކު ބުނި ގޮތުގައި އެމީހުންގެ ތެރެއިން ގިނައީ ރައްޔިތުންނާއި އިޚްތިރާމާއި އެކު ކުރިމަތިލާ މީހުން ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަހަރަށް ގޯސް ހެދިފައިވާ ކަމަށް އޭނާ ޤަބޫލުކުރެއެވެ.

" އަސްލު އިހްތިރާމް ހޯދުމަށް އިހްތިރާމް ކުރަން މިޖެހެނީ. ފުލުހުން ސައިޒް ވުމެއް ނޫން ކަންނޭނގޭ ރީއްޗަށް ވާހަކަ ދެއްކުމަކީ. ޤާނޫނު ތަންފީޒު ކުރުމަކީ ފުއްޕާފައި ވާހަކަ ދެއްކުމެއް ނޫން. ދެން ކުށްވެރިން މަގުމަތީގައި ގިނަ ވުމަކީ ފުލުހުން ފްރަސްޓްރޭޓް ވާއެއްކަން. އެއީ ދެން ސިސްޓަމް އިޝޫއެއް ދޯ"

ފުލުހުންގެ ޚިދުމަތް ދިނުމުގައި ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުމަކީ ވަރަށް މުހިއްމު އެއްޗެކެވެ. މަދު ފުލުހުން ތަކެއްގެ ޢަމަލުތަކުގެ ސަބަބުން އެ ގުޅުން ގޯސްވެ ފުލުހުންނާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދުމަކީ، އެކަށީގެންވާ ގޮތެއްގައި އެ ޚިދުމަތް ދިނުމަށް އެޅޭނެ ހުރަހެކެވެ.

އެހެން ނަމަވެސް ރައްޔިތުން ވެސް ޤަބޫލުކުރަން ޖެހޭ ކަމަކީ ފުލުހުންގެ ފަރާތުން ތިމާއަށް އިޚްތިރާމް ކުރަން އެދޭނަމަ ތިމާ ވެސް ފުލުހުންނަށް އިޚްތިރާމްކުރަން ޖެހޭ ކަމެވެ.