Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ބަނގުރާ ކައްކަން ތިބި ކަމަށް ބެލެވޭ ތިން ކުއްޖަކު ހިތަދޫން ހައްޔަރުކޮށްފި

ހިތަދޫން މީގެ ކުރިން އަތުލައިގަތް ބަނގުރާ ފުޅިތަކެއް. ފޮޓޯ/ޕޮލިސް

މިއަދު ހަވީރުގެ ވަގުތެއްގައި ސ. ހިތަދޫ މޫލަކެޑެ ސަރަހައްދުގައި ބަނގުރާ ކަައްކަން ތިބި ކަމަށް ތުހުމަތު ކުރެެވޭ ތިން ކުއްޖަކު، އެކަމަށް ބޭނުން ކުރާ ސާމާނުތަކާ އެއްކޮށް ފުލުހުން ހައްޔަރުކޮށްފި އެވެ.

ހިތަދޫން "އައްޑޫ ލައިވް" އާ ވާހަކަ ދެއްކި މީހަކު ބުނީ ބަނގުރާ ކައްކަން ބޭނުންވާ ގިނަ އަދަދެއްގެ ސާމާނާ އެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރު ވެސް ނުފުރޭ ތިން ކުދިން ކަމަށެވެ.

އޭނާ ބުނީ ފުލުހުން އެ ކުދިން ހައްޔަރު ކުރީ ބަނގުރާ ކައްކަން ތިބި ކަމަށް ލިބުނު މައުލޫމަތަކާ ގުޅިގެން ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ކުޑަ ކުދިންގެ ޝާމިލްވެ، ހައްޔަރު ކުރެވެމުންދާތީ އޭނާ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި އެ ތިން ކުދިންގެ އިތުރަށް ވެސް މޫލަކެޑަ ސަރަހައްދުން އިތުރު ހަތް މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ހިތަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އަފިރިންގެ އަމާން އައްޑޫ" ސިޓީ ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި އެސްއޯގެ 40 ފުލުހުން ހިމެނޭ ފައުޖެއް އައްޑު އައިސް ހިންގާ ހާއްސަ އޮޕަރޭޝަނުގައި ކުށް މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެގޮތުން ރޭ ވެސް ބަނގުރާ ކަމަށް ބެލެވޭ ދެ ފުޅި އާ އެކު މަރަދޫން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 72 މީހަކު ހައްޔަރުކޮށްފައިވާ އިރު މީގެ ތެރެއިން 51 މީހުންނަކީ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހައްޔަރު ކުރި މީހުންނެވެ. މީގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.