Last Updated: May 19, 00:16
Saturday, May 18, 2024
ސިޔާސީ

ސަރުކާރުން ދޭނީ މެސެޖެއް، އަޑު އަހަން އާދޭ: އައިބީ

'ފޭދޫގައި ފުނަ' ހަރަކާތް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި އައިބީ ވާހަކަ ދައްކަވަނީ.

މާދަމާ ރޭ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ފޭދޫގައި ބާއްވާ ޖަލްސާގައި ވީހާ ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖް އަޑު އެހުމަށް ފޭދޫ ދާއިރާގެ ޕީޕީއެމް މަޖިލިސް މެމްބަރު އިބްރާހިމްދީދީ އެދިވަޑައިގެންފި އެވެ.

"އައްޑޫ ލައިވް" އަށް އައިބީ މިއަދު ވިދާޅުވީ މާދަމާގެ ޖަލްސާގައި އައްޑޫގެ ތަރައްޤީއަށް ކުރިއަށް ރޭވިފައިވާ ކަންތައްތަކާ ބެހޭ ގޮތުން ސަރުކާރުގެ ވަޒީރުން މައުލޫމާތު ދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން ބަޖެޓުގައި އައްޑޫގެ ތަރައްޤީއަށް ޕްލޭން ކުރެވިފައިވާ ކުރިއަށްދާ މިންވަރު ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވާނެ ކަމަށް ވެސް އައިބީ ވިދާޅުވި އެވެ.

"މާދަމާގެ ޖަލްސާއަކީ އައްޑޫގެ ތަރައްޤީ އަށް ރައްޔިތުން ބޭނުންވެފައި ތިބި ކަންތައްތަކުގެ ތެރެއިން މިހާރު ބަޖެޓްގައި ހިމެނިފައި ތިބި ކަންތައް ކުރިއަށްދާ ވަރާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ މައުލޫމާތު ވެސް ރައްޔިތުންނަށް ދޭނެ،" އޭނާ ވިދާޅުވި އެވެ.

އައިބީ ވިދާޅުވި ގޮތުގައި އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތައް މަޑުޖެހިފައިވީ ނަމަވެސް އެއީ އެ މަޝްރޫޢުތައް އެއްކޮށް ހުއްޓުނީ ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދަން ރާވާފައި ހުރި ހުރިހާ މަޝްރޫއެއް ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދާނެކަމާ ދޭތެެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

މާދަމާ އައްޑު އަށް ވަޑައިގަންނަވާ ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ ޓީމް ހަފްތާ ބަންދުގައި އައްޑޫގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އައިބީ ވިދާޅުވި އެވެ.

"ވަޒީރުންނާއި މަޖިލިސް މެންބަރުން އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވާނެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް އެ ބޭފުޅުންނާ ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ. އަދި އައްޑޫގައި ހުރި މުއައްސަސާތަކަށް ވެސް ޒިޔާރަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފައި" އައިބީ ވިދާޅުވި އެވެ.

މާދަމާ ރޭގެ ޖަލްސާ އަށް ދައުވަތު އަރުވައި މިހާރު އަންނަނީ ލައުޑްސްޕީކަރުން ރަށު ތެރޭގައި ގޮވަމުންނެވެ.