Last Updated: May 19, 00:16
Sunday, May 19, 2024
ޚަބަރު

އަތޮޅުތަކުން ޓްރިބިއުނަލަށް މައްސަލަ ހުށަހެޅޭ އިސްލާހު ބާތިލްކޮށްފި

އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ވަޒީފާގެ މައްސަލަތައް އަތޮޅު ތެރޭގައި ގާއިމް ކުރެވިފައިވާ ޝަރުއީ ދާއިރާގެ މުއައްސަސާއަކަށް ހުށަހެޅުމުން މާލޭގައި ހުންނަ ވަޒީފާ އާއި ބެހޭ ޓްރިބިއުނަލަށް އެ މައްސަަލައެެއް ލިބި އެ މައްސަލަ ބެލޭނެ ގޮތަށް ވަޒީފާ އާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހެޅުނު މިއިސްލާހު ދިރާސާކުރަމުންދާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއިސްލާހާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ހިޔާލު ހޯދުމަށް ފޮނުވި ސިޓީގެ ޖަވާބުގަ އެވެ.

ސުޕްރީމް ކޯޓުން އިސްލާޙް ބާތިލް ކަމަށް ކަނޑައަޅާފައިވާއިރު ލ.ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި މިއިސްލާހަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މީގެ ކުރިން މަރުހަބާ ކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފައްޔާޒު އިސްމާއިލް ހުށަހެޅުއްވީ ވަޒީފާއާއި ބެހޭ ޤާނޫނުގެ 87 ވަނަ މާއްދާއަށް އިތުރު ކުރުމަށް ހުށަހެޅި ކަންތައް:

1- ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ގާއިމްކޮށްފައި ނުވާ ރަށްރަށުގައި އުފެދޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިހްތިސޯސް ހިނގާ މައްސަލައެއް އެ ރަށެއްގެ ނުވަތަ އެ ރަށެއް ހިމެނޭ ޖުޑީޝަލް ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށާއި އެ މައްސަލާގައި ގޮތެއް ނިންމާނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަމަށް.

2- ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަަލައެއްގެ އަޑުއެހުންތައް ބަލާނީ ވަަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަމަށާއި އެ އަޑުއެހުންތައް ބާއްވާނީ އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން ނުވަތަ އެނޫންވެސް އެފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް. އަދި އެފަދަ މައްސަލަތަކުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބޭނުންވާ އިދާރީ އެއްބާރުލުން މައްސަލަ ހުށަހެޅޭ ދަށު ކޯޓަކުން ފުރިހަމައަށް ފޯރުކޮށްދޭންވާނެ.

3- ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނެ އުސޫލު މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގަވައިދުގައި ހިމަނާ އާންމުކޮށް ޝާއިއުކުރަން ވާނެ ކަމަށް.

4- އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން ނުވަތަ އެނޫންވެސް އެފަަދ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލޭނެ އިންތިޒާމް މި ގާނޫނަށް އަމަލުކުރަން ފަށާތާ ބާރަ މަސް ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހަމަޖައްސަންވާނެ.

ވަޒީފާ އާއި ބެހޭ ޤާނޫނަށް އިސްލާޙް ހުށަހަޅުއްވަމުން، ފައްޔާޒު ވިދާޅުވެފައި ވަނީ، މި އިސްލާޙް ހުށަހެޅުއްވީ އަތޮޅު ތެރޭގައި ދިރިއުޅޭ މުވައްޒަފުންނަށް ދިމާވާ ވަޒީފާގެ މައްސަލަތައް ހުށަހަޅަންޖެހެނީ މާލޭގައި ހުންނަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ކަމަށްވާތީ އެކަމަށް ލުއި ފަސޭހަތަކެއް ހޯދައި ދިނުމަށް ކަމަށެވެ.