Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

"ހުދުމުހުތާރު ވެރިން ނޫސްވެރިކަން ނައްތާލާނެ"

ހުދުމުހާރު ސިފަތައް އެކުލެވިގެންވާ ވެރިކަމެއްގައި ނޫސްވެރިންނަށް ދުއްތުރާކޮށް ނައްތާލަން މަސައްކަތް ކުރާނެ ކަމަށް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި އޭނާ ރޭ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމަށް ވުރެވެސް ހުދުމުހުތާރު ކަމަށެވެ.

މުސްތޮފާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން ނޫސްވެރިކަން ޤާނޫނުގައި އޮތް ވަރަށް ކުރުމަށް ދޫކޮށްލި ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ދާދި ފަހުން ބްރޯޑް ކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރި ގޮތަކީ ވެސް ނޫސްވެރިންނަށް ދިން ވަރަށް ބޮޑު ހަމަލާއެކެވެ.

"ބްރޯޑް ކާސްޓިން ކޮމިޝަނަށް މީހުން އައްޔަން ކުރި ގޮތަކީވެސް ނޫސްވެރިންނަށް ދިން ވަރަށް ބޮޑު ހަމަލާއެއް، ކުރިމަތިލި 23 މީހުންގެ ތެރޭގައި ވަރަށް ރަނގަޅު މީހުން ތިއްބާވެސް އެ ހޮވީ ރައީސް ޔާމިންގެ ކެމްޕޭނުގަޔާ އެފަދަ ކަންކަމުގައި އުޅުނު މީހުން،" މުސްތޮފާ ވިދާޅުވި އެވެ. "އޭގެ މާނައަކީ މީޑިއާ މިނިވަން ނުކުރާނެކަން އަދި ސަރުކާރުގެ އަތް ދަށަށް މީޑިއާ ގެނައުމަށް ދިން ވަރުގަދަ ހަމަލާއެއް، ދެން މިހާރު މަޖިލީހަށް ހުސަހަޅާފައި އޮތް އަބުރުގެ ދައުވާގެ ބިލަކީ ފަހު އެތިފަހަރު."

އޭނާ ވިދާޅުވީ ނޫސްވެރިން ދައްކާނީ ވެރިން ދައްކަން ބޭނުން ނުވާ ވާހަކަ ކަމަށެވެ.

އެހެންވެ ވެރިން ކިތަންމެ ނުރުހުނަސް ރާއްޖޭގެ ފަޅުރަށްތައް ވިއްކި ވާހަކަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ނޫސްވެރިން ދައްކާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ނައްތާލާއި ނޫސްވެރިކަން އަޅުވެތި ކުރުވަން ބޭނުން ވަނީ އެފަދަ ވާހަކަތައް ދެއްކިޔަކަ ނުދޭން ކަމަށެވެ.