"އަފިރިންގެ އަމާން އައްޑޫ ސިޓީ” އޮޕަރޭޝަނުގައި މިހާތަނަށް އެކި މައްސަލަތަކުގެ ތުހުމަތުގައި 72 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި މަހުގެ 17 ވަނަ ދުވަހު ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 51 މީހަކާއި އެހެނިހެން މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 21 މީހެކެވެ.
މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފުލުހުން އައްޑޫ ސިޓީ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވާ އިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކި މައްސަލަތަކުގެ ތުހުމަތުގައި 288 މީހަކު މަގުމަތިން ހުއްޓުވައި ނަސޭހަތްތެރިވެފައިވެ އެވެ. އަދި 155 މީހެއްގެ ހަށިގަނޑު ބަލައި ފާސްކޮށްފައިވެ އެވެ.
ޢާންމު ގޮތެއްގައި ގްރޫޕްތަކުން އެއްވެ އުޅޭ ސަރަހައްދުތައް ކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ފާހަގަ ކުރެވިފައިވާ ތަންތަން ޚާއްސަ ގޮތެއްގައި ޕެޓްރޯލްކޮށް ބަލަހައްޓާފައިވާ އިރު މި އޮޕަރޭޝަނުގައި މިހާތަނަށް 117 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވެ އެވެ.
މީގެ އިތުރުން ވެސް އައްޑޫގެ މަގުތައް އަމާންކޮށް، ޓްރެފިކް ވައިލޭޝަންގެ މައްސަލަތައް މަދު ކުރުމަށް ފުލުހުން އައްޑޫގެ ބޮޑެތި މަގުތަކުގައި ވީސީޕީ ޖަހައިގެން ހަރަކާތްތެރިވާ އިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 453 އެއްގަމު އުޅަނދު ބަލައި ފާސްކޮށް އެކި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ނަސޭހަތްތެރިވެ ފިޔަވަޅު އަޅާފައިވެ އެވެ.
އެގޮތުން 15 މީހަކާމެދު ފިޔަވަޅު އަޅާފައިވެއެވެ. އަދި 9 އުޅަނދެއް ޓޯކޮށްފައިވެ އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑަށް އެއްބާރުލުމެއް ލިބެމުންދާ ކަމަށް ފުލުހުން ބުންޏެވެ.