Last Updated: May 19, 06:08
Sunday, May 19, 2024
ކޮލަމް

ފަނޑިޔާރުން އައްޔަން ކުރުމުގައި އިންސާފެއް ނެތް: ދެން ލިބޭނީ ކޮން އިންސާފެއް؟

ޖޭއެސްސީގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ: ސަން

ދިވެހިރާއްޖޭގެ ކޯޓުތަކުން އިންސާފު ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ގެންދާއިރު، އެ ކޯޓުތަކުގެ ދިފާޢުގައި ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޖުޑީޝިއަލް ސާވިސް ކޮމިޝަނުން އަބަދުވެސް ގެންދަނީ ވާހަކަ ދައްކަވަމުންނެވެ.

ފުލު ފުލުގައި ބަޔާންތައް ނެރެ، ޝަރުޢީ ދާއިރާގެ ރަގަޅު ވާހަކަ ރައްޔިތުންނަށް ކިޔައިދޭން ކިތަންމެ މަސައްކަތެއް ކުރައްވަމުން ގެންދެވި ނަމަވެސް، ކޮންމެ ދުވަހަކު ވެސް ހާމަވަމުން ގެންދަނީ ޝަރުޢީ ދާއިރާގައި ހުރި ބޮޑެތި މައްސަލަތަކެވެ.

ބަރަހަނާ ވީޑިއޯތަކުގެ މައްސަލަ ފެންމަތިވި ފަނޑިޔާރުގެ ކުށެއް ނެތްކަމަށް ނިންމުމާއި، ހަގީގަތާއި އެއްގޮތަށް ދައްކަވާ ވާހަކަތަކަށް ބަލާފައި ފަނޑިޔާރުން ސަސްޕެންޑް ކުރުން ފަދަ ކަންތަކާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ޖޭއެސްސީއަށް ވަނީ އަމާޒުވެފައެވެ. އަދި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ގެންގުޅޭ އާދަޔާ ޚިލާފު އުސޫލުގެ ވާހަކަ އަކީ ވެސް ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ.

ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީއިން ގެންގުޅޭ، އާދަޔާ ޚިލާފު އުސޫލް ގިނަ ބަޔަކަށް ހާމަވެގެން ދިޔައީ ދާދިފަހުން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އިން އަމަލު ކުރި ގޮތުންނެވެ.

ފަނޑިޔާރުންނާއި ކުރި އިންޓަވިއުގައި އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅުން ބާކީ ކުރެއްވުމަށް ފަހު ފަނޑިޔާރުކަން ދީފައި ވަނީ އިންޓަވިއުގައި އެންމެ ދަށް މާކްސް ލިބުނު ފަނޑިޔާރުންނަށެވެ.

އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން ތައުލީމާއި ތަޖުރިބާ އަށް ބަލައި އަދި ހުރިހާ ގޮތަކުން ވެެެސް އެންމެ މަތިން މާކްސް ލިބިފައި ވަނީ މުޙައްްމަދު ނިޔާޒަށެވެ. އޭނާ އަށް 100 އިން 80.4 މާރކްސް ލިބިފައިވާ އިރު ދެވަނަ އަށް އެންމެ ގިނައިން މާރކްސް ލިބިފައި ވަނީ 77.9 މާކްސް ލިބުނު ހުސެއިން އިބްރާހިމް އެވެ.ތިން ވަނަ އަށް އެންމެ ގިނަ މާކްސް ލިބިފައި ވަނީ 77.4 މާކްސް ލިބުނު މުޙައްމަދު އިބްރާހިމަށެވެ.

ނަމަވެސް ޖޭއެސްސީއިން ނިންމާފައި ވަނީ މިއިން އެއްވެސް ފަރާތެއް ފަނޑިޔާރު ކަމަށް ކުފޫ ހަމަނުވާ ކަމަށެވެ. ނަމަވެސް އިންޓަވިއުގައި 11 ވަަނަ އަށް ދިޔަ ހ.ކެލާ ދެރަހަ އަލްއުސްތާޛް އާދަމް އަރީފް ވަނީ ފަނޑިޔާރުކަމަށް ހޮވިވަޑައިގެންފައެވެ. އާދަމް އަރީފް އަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކާނަލް ނާޒިމްގެ ޝަރީޢަތުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލެވެ.

މީގެ އިތުރުން އިންޓަވިއު ކުރި 26 ބޭފުޅުންގެ ތެރެއިން 13 ވަނައިގައި އޮތް އަލްއުސްތާޛާ މަރްޔަމް ވަހީދު ވެސް ވަނީ ފަނޑިިޔާރު ކަމަށް އައްޔަންކޮށްފައެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީއިން ގެންގުޅެފައިވާ އުސޫލާއި މެދު ސުވާލު އުފައްދައި ކަންބޮޑުވުންފާޅު ކުރަމުން ގެންދިޔަ ނަމަވެސް މިހާތަނަށް އެ މައްސަލައިގައި އެ ކޮމިޝަނުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުން ބޭއިންސާފުން ކުރިއަށް ގެންގޮސްފައިވާއިރު، އެ ކޯޓް ތަކަށް އައްޔަން ކުރި ފަނޑިޔާރުންނަށް، ނުފޫޒުން އެއްކިބާވެ އިންސާފުން ހުކުމް ކުރުމުގެ ފުރުސަތު ލިބިދާނެތޯ ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ސުޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ކުރި އިންޓަވިއުގެ މާކްސް ޝީޓް