Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ޓްރިބިއުނަލް އިސްލާހު ބޭރުކޮށްލުމުގައި އައްޑޫ ދެ މެމްބަރަކު!

ވަޒީފާ އާ ބެހޭ މައްސަލަތައް ހުށަހެޅުމަށް އަތޮޅުތެރޭގެ ރައްޔިތުން މާލެ އަންނަން ޖެހޭތީ، އެކަން ހައްލު ކުރުމަށް ޓަކައި މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށް ވަޒީފާ އާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެ ގޮތަށް ވަޒީފާ އާ ބެހޭ ގާނޫނު ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މި އިސްލާޙް މަޖިލީހުން ބޭރުކޮށްލުމަށް މަޖިލީހުގައި ވޯޓް ދެއްވި މެންބަރުންގެ ތެރޭގައި އައްޑޫއަށް ނިސްބަތްވާ ދެ މެންބަރަކު ވެސް ހިމެނިވަޑައިގަންނަވައެވެ.

އެއީ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ (އައިބީ) އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑް) އެވެ.

ލ. ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި އިސްލާޙު މަޖިލީހުން އެ އިސްލާހު ބޭރުކޮށްލީ އެ އިސްލާހު ދިރާސާ ކުރި އިޖުތިމާއީ ކޮމެޓީން އިސްލާހު އިތުރަށް ދިރާސާ ކުރަން ނުފެންނަ ކަމަށް ނިންމާފައިވާތީއެވެ.

އެ އިސްލާހު މަޖިލީހުން ބޭރުކޮށްލުމަށް 40 މެންބަރަކު ވޯޓް ދެއްވާފައި ވާއިރު، އިސްލާހު މަޖިލީހުން ބޭރުކޮށްލުމާ ދެކޮޅަށް 22 މެމްބަރަކު ވޯޓު ދެއްވި އެވެ.

ލ.ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމުން އެ ކޯޓުން ކަނޑައަޅާފައި ވަނީ އެއީ ބާތިލް އިސްލާހެއް ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާ އަށް ފައްޔާޒު ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ގާއިމްކޮށްފައި ނުވާ ރަށްރަށުގައި ވަޒީފާގެ މައިދާނުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލްގެ އިހްތިސާސް ހިނގާ މައްސަލަތައް އެ ރަށެއްގެ ނުވަތަ އެ ރަށެއް ހިމެނޭ ޖުޑީޝަލް ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށެވެ.

އަތޮޅު ތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާއާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ދިމާވާ ދަތިތަކަށް ކޮންމެސް ވަރެއްގެ ހައްލެއް ހޯދުމުގެ މަގުސަދުގައި ފައްޔާޒު ހުށަހެޅުއްވި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ކޮމެޓީ ރިޕޯޓަށް މިއަދު ބަހުސް ކުރައްވަމުން އިދިކޮޅު ބައެއް މެމްބަރުން ވަނީ އެކަމާ ކަންބޮޑުވުންފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.