Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

ސަން އިން "ހަވީރު" ހިންގަން އުޅޭކަމުގެ އަޑުތަކެއް!

ރާއްޖޭގެ އެންމެ ދުވަސްވީ، އަދި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިތުބާރު ކުރާ ނޫސް "ހަވީރު" ކޯޓު އަމުރެއްގެ ދަށުން ހުއްޓުވާފައި ވަނިކޮށް، އަޑި އަޑިން ވާދަވެރި "ސަން" އިން "ހަވީރު" ނޫސް ހިންގަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި "ސަން" ގްރޫޕްގެ ފަރާތުން "ހަވީރު" ހިންގުމުގައި އަޑީގައި ހުރީ ސަންގެ ސީއީއޯ ސިނާން އަލީ އެވެ.

ސިނަނާކީ "ހަވީރު" ނޫސް މޭޒުމަތީގައި ބާއްވައިގެން މީގެ އަހަރުތަކެއް ކުރިން، އޭނާ އާ އެކު ސަން މީޑިއާގައި މަސައްކަތް ކުރި މުވައްޒަފަކާ އެކު ޖިންސީ ގުޅުން ހިންގި މައްސަލައެއް ވެސް ފެންމަތިވެފައިވާ މީހެކެވެ.

ހަވީރުގެ ޗެއާމަން ޒާހިރު ހުސެއިން އާ ދެކޮޅަށް ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގޭ އިބްރާހީމް ރަޝީދު މޫސާ ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހުއްޓާލާފައިވާ ހަވީރު ނޫސް ހިންގުމަށް މައްސަލައިގެ ތެރެއަށް ސަރުކާރުން ވަންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވަނީ ވިދާޅުވެފަ އެވެ.

ހަވީރު ނޫސް ފިޔަވައި ރާއްޖޭގައި ނެރޭ އެންމެ ދުވަސްވީ އޮންލައިން ނޫސް، "ސަން" އިން "ހަވީރު" ހިންގަން މަސައްކަތް ކުރަމުންދާ އިރު ސަންގެ ސީއީއޯ ސިނާން އަލީ އާއި އަބްދުﷲ ފާރޫގު ހަސަނަކީ އާއިލީ ގޮތުން ތިމާގެ ދެ ބޭފުޅުންނެވެ. އަދި ފާރޫގަކީ ސަން އަށް ލިޔުއްވާ ބޭފުޅެއް ވެސް މެ އެވެ.

ފާރޫގާއި އިބްރާހިމް ރަޝީދު މޫސާ ވަނީ ހަވީރު ހިންގަން ޖެހޭނެ ކަމަށް ބުނެ ގުޅިގެން ނޫސް ބަޔާނެއް ނެރެފަ އެވެ.

ހަވީރާ އެންމެ ވާދަވެރި "ސަން" ނޫހުގެ ފަރާތުން ހުއްޓާލާފައިވާ ހަވީރު ހިންގަން މަސައްކަތް ކުރަމުން އަންނަ އިރު މިކަމުގައި ސަރުކާރާ އެކު ކޯލީޝަންގައި ބައިވެރިވާ އެމްޑީއޭގެ މެމްބަރު އަހްމަދު އާމިރުގެ ހިއްސާ ހިމެނޭކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އާމިރަކީ ސަންގެ ވެރިއާ ސަން ޓްރެވަލް ޝިޔާމް އާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.

ހަވީރު ހުއްޓާލުމާ ގުޅިގެން ރާއްޖޭގައި ނޫސް ކިޔާ އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ހަވީރު ހުއްޓުވާލުމަކީ މިނިވަން ނޫސްވެރިކަން ހުއްޓުވާލުން ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ހަވީރު ނޫސް ހުއްޓާލުމާއި ގުޅިގެން އެނޫހުގައި މަސައްކަތް ކުރަމުން އައި 70 ވަރަކަށް މުވައްޒަފުން ވަނީ ވަޒީފާއެއް ނެތި މަގުމަތިވެފަ އެވެ.