Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

"ހަވީރު" ނޫހާއި އޮންލައިނަކީ އެޗްއެމްޖީގެ މިލްކެއް!

ރާއްޖޭގެ އެންމެ ދުވަސްވީ ޕްރިންޓް ނޫސް "ހަވީރު" ނޫހާއި "ހަވީރު" އޮންލައިން އަކީ ހަވީރު މީޑިއާ ގުރޫޕް (އެޗްއެމްޖީ) ގެ މިލްކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޗްއެމްޖީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީކޮށް ޝާއިއު ކުރެވެމުންދާ އެކުންފުނީގެ މިލްކެއް ކަމަށެވެ.

އަދި އެއީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އެއްވެސް ހިއްސާއެއް އޮތް ކުންފުންޏެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ހަވީރު ނޫހާއި ހަވީރު އޮންލައިން އަކީ ހަވީރު މީޑިއާ ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ މިލްކުވެރި ތަކެތި ނޫންކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން މިހާތަނަށް ކަނޑައަޅުއްވާފައެއް ނުވެ އެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ހަވީރު ނޫހާއި އޮންލައިން ހިންގުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ އުފެދިފައިވާ ހިލާފަކާ ގުޅިގެން ގާނޫނީ ލަފާ ހޯދަމުންދާތީ ކަމަށެވެ.

އެޗްއެމްޖީން ބުނީ މާދަމާ އޮންނަ ހަވީރު ނޫސް ހިންގުމުގެ ހުއްދައަކަށް އެ ނޫހުގެ ތިން ހިއްސާދާރުން އެދިފައިވާ މައްސަލައަށް އެ ކުންފުނިން ތަދައްހުލު ވާން ނިންމާފައިވާ ކަމަށެވެ.