ޓެރަރިޒަމް ގެ ކުށް ސާބިތުކޮށް 12 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާއަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅައިފި އެވެ.
މިދިޔަ އަހަރުގެ މޭއި ޑޭގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ޝެއިހް އިމްރާންގެ މައްޗަށް އަވަސް އަރުވާަލައިގެން ކުރި ހުކުމްގެ މައްސަލަ އދ ގެ ވޯކިން ގްރޫޕަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ފަރާތުންނެވެ.
އެމްޑީއެން އިން ވަނީ ޝެއިހް އިމްރާންގެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހެޅިކަން ޓްވީޓްކޮށްފަ އެވެ.
މިވަގުތު ގޭ ބަންދަށް ބަދަލުކޮށްފައިވާ ޝެއިހް އިމްރާންގެ މައްޗަށް އިއްވާފައިވާ ޓެރަރިޒަމްގެ ކުށުގެ ދައުވާގެ އިސްތިއުނާފްގެ އަޑު އެހުން ހައި ކޯޓުން މިހާރު ނިންމާލާފައެވެ.
އިމްރާންގެ މައްސަލަ އދ. ވޯކިން ގްރޫޕަށް ހުށަހެޅި އިރު އެމެރިކާ އެމްބެސެޑަރު ވަނީ މިމަހުގެ 6 ވަނަ ދުވަހު ޝެއިހް އިމްރާން އާއި ބައްދަލު ކުރައްވާފައެވެ.