Last Updated: May 19, 06:08
Sunday, May 19, 2024
ސިޔާސީ

ޕީޕީއެމުން ޖަލްސާ އަަދިވެސް ކަންކަން އޮޅުވާލަން: ރޮޒޭ

މާދަމާ ރޭ ފޭދޫގައި ބާއްވާ ޕީޕީއެމްގެ ޖަލްސާއަކީ ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދޭން ބާއްވާ ޖަލްސާއެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް އިތުރަށް ކަންކަން އޮޅުވާލަން ބާއްވާ ޖަލްސާއެއް ކަމުގައި އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެފައިވާ ގޮތުގައި މާދަމާ ރޭގެ ޖަލްސާގައި ބަޖެޓުގައި އައްޑޫގެ ތަރައްޤީއަށް ޕްލޭން ކުރެވިފައިވާ ކަންތައް ކުރިއަށްދާ މިންވަރު ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވާނެ ކަމަށެވެ.

އައިބީގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވި ގޮތުގައި ޕީޕީއެމް އިން މަސައްކަތް ކުރަނީ އެއްޗެއް އޮޅުން ފިލުވައިދޭން ނޫން ކަމަށާއި މާދަމާ ރޭ ޕީޕީއެމް މެންބަރުން ގޭގައި ތިބެއްޖެ ނަމަ އެމީހުން އެމްޑީޕީގެ ޖަލްސާ އަޑު އަހާފާނެތީ، އެމީހުން ގެންގޮސް ކަންކަން އޮޅުވާލަން ބާއްވާ ޖަލްސާއެއް ކަމަށެވެ.

"އެއްޗެއް އޮޅުން ފިލުވައި ދޭކަށް ނޫން. ޕީޕީއެމް މީހުން އެރޭ ގޭގައި ތިބިއްޔާ ތިބޭނީ އެމްޑީޕީ ޖަލްސާ އަޑުއަހަން. އޭރުން އެމީހުންނަށް ކަމުގެ ހަގީގަތް އޮޅުން ފިލާނެތީ އެމީހުންނަށް އެމްޑީޕީ ޖަލްސާ އަޑު އެހުނަ ނުދީ ގެންގޮސް އިތުރަށް ކަންކަން އޮޅުވާލަން ބާއްވާ ޖަލްސާއެއް އެއީ"

އެމްޑީޕީގެ ޖަލްސާއެއް ބާއްވާ ކޮންމެ ފަހަރަކު އެއާއި ވިއްދައިގެން ޕީޕީއެމް އިން ޖަލްސާއެއް ބާއްވަމުން ގެންދާ ކަން ފާހަގަކުރަމުން ރޮޒެއިނާ ވަނީ ޕީޕީއެމް އަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ލަންކާގައި އެމްޑީޕީގެ ޖަލްސާ ބާއްވާ ވާހަކަ ދެއްކުމާއި އެކު ހަމަ އެރޭ ލަންކާގައި ހުންނަ ދިވެހި އެންބަސީގައި މައުލޫމާތު ސެޝަނެއް ބާއްވާ ވާހަކަ ހުރިހާ ދިވެހިންނަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި، މިފަހަރުވެސް އެމްޑީޕީގެ ޖަލްސާއެއް 14 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމުމާއި އެކު ހަމަ އެރޭ ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމް އިން ނިންމީ އައްޑޫގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ޖެއްސުން ކުރުމަށް ކަމަށެވެ.

" ކޮންމެ ކަމެއް ކުރިޔަސް އައްޑޫގައި އެމްޑީޕީއަށް އޮތް ތާޢީދެއް ޕީޕީއެމް އަކަށް ނޯންނާނެ. އަދި ޖެއްސުން ކުރަން އުޅުނު ވަރަކަށް އެމްޑީޕީއަށް ތާޢީދު ބޮޑު ވާނެ. ނިކުންނަ މީހުން ވެސް ގިނަ ވާނީ." ރޮޒެއިނާ ވިދާޅުވިއެވެ.

މާދަމާ ރޭ ބާއްވާ ޕީޕީއެމްގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 8:45 ގައެވެ. އެމްޑީޕީގެ ޖަލްސާ މާދަމާ ރޭ 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާއިރު، ދެ ޖަލްސާ ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ފޭދޫ ބަނދަރު ސަރަހައްދުގައެވެ.