Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އައިލްސް އާއި ޔުނިވަސިޓީ އޮފް ބަލަރަތު އާ ދެމެދު އެމްއޯޔޫއެއް

މޯލްޑިވްސް ޕޮލިސް ސަވިސްގެ އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އާއި އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ބަލަރަތުއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިއަދު މެންދުރު އިސްކަންދަރު ބިލްޑިންގުގައި އޮތް ޚާއްޞަ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އެވެ.
ޔުނިވަސިޓީ އޮފް ބަލަރަތުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ޔުނިވަސިޓީގެ ބިޒްނަސް ސްކޫލްގެ ޑީން، ޕްރޮފެސަރު މައިކަލް ކެއިތު ވިލިސް އާއި އެ ޔުނިވަސިޓީގެ ކޮންސަލްޓަންޓް އަދި ރެޕްރެޒެންޓޭޓިވް ޓެމިލް ޗެލްވަން އެވެ.

އައިލްސް އާއި ޔުނިވަސިޓީ އޮފް ބަލަރަތުއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކުރުމުގެ މަޤްޞަދަކީ ފުލުހުންނަށާއި ދިވެހި ރާއްޖޭގެ ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން އިދާރާތަކަށް އިންސާނީ ވަޞީލަތްތައް ކުރިއެރުވުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައާއި ޓްރެއިނިން ޕްރޮގްރާމްތައް ކުރިއެވުމުގައި ބަލަރަތު ޔުނިވަސިޓީގެ އެހީތެރިކަމާއި ވަޞީލަތްތައް ފޯރުކޮށް ދިނުމެވެ.

ސީޕީ ވިދާޅުވީ އެމްއޯޔޫގެ ސަބަބުން ގިނަ ދާއިރާތަކުން، ޑިޕްލޮމާ އިން ފެށިގެން މާސްޓާޒް ޑިގްރީ އާ ހަމައަށް ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ފުލުހުންނަށާއި ދިވެހި ރާއްޖޭގެ ސަލާމަތާ ބެހޭ އިދާރާތަކުގެ މުވައްޒަފުނަށް ލިބިގެން ދާނެ ކަމަށެވެ.

އައިލްސް އާއި ޔުނިވަސިޓީ އޮފް ބަލަރަތުއާ ދެމެދު ވެވުނު އެމްއޯޔޫގެ ދަށުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްތައް މި އަހަރުގެ މާޗް މަހުގެ ފަހުކޮޅު ފެށޭނެ ކަމަށް އައިލްސް އިން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ކޯސްތަކަކީ ބައިނަލްއަޤުވާމީ ގޮތުން ބަލައި ގަންނަ ކޯސްތަކަކަށް ވެގެން ދާނެ އެވެ.