Last Updated: June 27, 11:53
Saturday, June 27, 2026
ރިޕޯޓް

ސުބުހާނަﷲ އެވެ. ސުމޯޓޯ އެވެ.

ސިވިލް ކޯޓުގެ އަމުރަކާއި ގުޅިގެން މިވަގުތު ހުއްޓާލާފައި އޮތް ހަވީރު ނޫސް އަލުން ހިންގުމަށް ސަން މީޑިއާ ގްރޫޕުން ޝައުގުވެރިވާކަމުގެ ވާހަކައެއް ނޫހުން ކިޔައިފީމެވެ. ހިތަށް އެރި އެވެ.

މިހިރަގެން ހަތަރެސްކަން ހަމަވަނީ އެވެ. ބޮޑުމަންޒަރު ސާފު ވަނީ އެވެ. ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު ސިވިލް ކޯޓުން ނެރުނު އަމުރު ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެއީ އިސްތިއުނާފު ކުރެވެން ނެތް މާސައުފު މައްސަލައެއް ކަމަށް ބުނެ އެ މައްސަލަ ސްޕްރީމް ކޯޓުން ބޭރުކޮށްލި ވާހަކަވެސް ނޫހުން ކިޔައިފީމެވެ. ހިތަށް އެރިއެވެ. ސުބުހާނަﷲ އެވެ. ސުމޯޓޯއެވެ.

ބޭކަލުންނޭ އައްސަވާށެވެ. ސިވިލް ކޯޓުން އިހަށް ދުވަހު އެބުނާ އަމުރު ނެރުމުގެ ކުރިން ހަމަ އެސިވިލް ކޯޓުން ހުކުމެއް ނެރެފައިވެއެވެ.

އޭގައި ބުނެފައިވަނީ ޒާހިރު ހުސައިން ނޫން އެހެންމީހެއްގެ ހައްގެއް ހަވީރު ނޫހުގައި ނުވާކަމުގައެވެ. މި ހުކުމަށް ތިންމަސް ފާއިތުވެ އިސްތިއުނާފުގެ ކުޑަދޮރުވެސް ލެއްޕުނުފަހުން ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން ހައިކޯޓުގެ ވަލުދޮރާށިން މައްސަލަ އިސްތިއުނާފު ކޮށްފިއެވެ. ކަތުންނޭވެ. މިފަހަރުވެސް ނިންމުން އައީ ހަވީރު ނޫހާއި އެއްކޮޅަށެވެ.

ބޮޑުވެގެންވާ އިއްތިފާގެއް ފާހަގަ ކޮށްލާނަމެވެ.

ސިވިލް ކޯޓުން ހަވީރާއި އެއްކޮޅަށް ނިންމެވި ފަނޑިޔާރު ނިހާޔަތު ކުޑަދުވަސްކޮޅަކުން ފެނުނީ ސަސްޕެންޑް ކުރެވުނުތަނެވެ.

އެއާއެކު ދެން ފެނުނީ އަމިއްލައަށް އިސްތިއުފާ ދެއްވި މަންޒަރެވެ. ހައިކޯޓުން ހަވީރާ އެއްކޮޅަށް ނިންމެވި ފަނޑިޔާރުންގެ ތެރެއިން އައްބާސް ޝަރީފު މިހާރު ދާއިރާވެސް ދޫކުރައްވައިފިއެވެ.

ދެން ހުންނެވި ފަނޑިޔާރުވީ ހައިކޯޓުގެ މާލޭ ދާއިރާއިންވެސް ބޭރުވެފައެވެ.

މިމަގުން ކަންކަން ހިނގައިފައި ވަނިކޮށް ކްރިމިނަލް ކޯޓުގައި މާވަރުގަދަ ސަރިޔަތެއް ނިމިގެން ދިއުމަށްފަހު އެކޯޓުގައި ތިބި ފަނޑިޔާރުންގެ ދަރަޖަ އުފުލިގެންގޮސް މީގެތެރެއިން ވަރަށް ގިނަ ފަނޑިޔާރުންނަށް ހައިކޯޓުން ޕްރޮމޯޝަން ލިބިއްޖެއެވެ.

ލަސްތަކެއް ނުވެ ފެނުނީ ނިމިފައިވާ މައްސަލައެއްގެ ކޮޅު ހިއްލާލައި އެއީ ނުނިމޭ މައްސަލައަކަށް ހަދައި އެމައްސަލަ އަލުން ފައިސަލާ ކުރުމުގެ އިޚުތިޔާރު ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ނިންމި މަންޒަރެވެ.

މިތަން ބަލާން ތިބި ގާނޫނީ މާހިރުންނާއި މިމައްސަލައިގައި އިހަށް ހިފަހިފައި ތިބި ފަނޑިޔާރުން ތިބީ ބުނާނެ އެއްޗެއްވެސް ނޭނގި އާސޯޚުވެފައެވެ.

ސިވިލް ކޯޓަށް އަލުން މައްސަލަ ވައްދައިފިއެވެ. ހައެއްކަ ދުވަހު ދެފަރާތުގެ ވަކީލުން ހާޒިރުކޮށް ކުޑަވަރެއްގެ ބަހުސްތަކެއް ކުރުމަށްފަހު އެއްދުވަހެއްގެ މެންދުރު ވަރުގަދަވެގެންވާ އަމުރެއް ނެރެފިއެވެ. ހަވީރު ނޫސް ހުއްޓުނީ މިއަމުރުގެ ސަބަބުންނެވެ. ހަވީރު ނޫހުގައި އިތުރު ތިން ހިއްސާދާރުން އެބަތިއްބޯލައެވެ.

ނޫސް ނެރެންވާނީ އެ ތިންމީހުން ވެސް ބައިވެރިކޮށްގެންނޯލަ އެވެ. އަމްދުން ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގަންވާނީ މި ތިން މީހުންގެ ރުހުމާއި ބަސް އޮވެގެންނޯލައެވެ.

މި އަމުރު ބިނާކުރީ ކޮންކޮން ކަންތަކަކަށް ކަން އެނގޭނީ އެ އަމުރު ފަރުމާކުރި ބަޔަކަށެވެ. އެނޫން އެންމެން ތިބީ އާސޯޚުވެފައެވެ.

ސްޕްރީމް ކޯޓަކީ އިންސާފު ގާއިމުކުރުމުގެ އެންމެ ފަހު ބަހާއި އިސްބަސް ބުނާ ތަން ކަމުގައިވާތީ މި އަމުރު އެ ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އަސްތާ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހާއި ހަމަޔަށް މައްސަލަ ދިޔަކަމެއް ނޫންކަމެއްވެސް ނޭގެއެވެ. ސިވިލްކޯޓުން ނިންމާފައި ތިޔައޮތީ ބަރާބަރަށޭ ތީގައި މައްސަލައެއް ނެތޭ އިސްތިއުނާފަކަށް ފުރުސަތެއް ނެތޭ ކިޔައިފައި ކޯޓުގެ ކައުންޓަރުން މައްސަލަ ބޭރުކޮށްލައިފިއެވެ.

ސުމޯޓޯގެ ބިރުވެރިކަން އޮތަސް ދައްކަން ޖެހޭ ވާހަކައެއްވިއްޔާ ދައްކަންވާނެ އެވެ. ސްޕްރީމް ކޯޓުން މައްސަލަ ބޭރުކޮށްލި އިރު އަނެއްކާވެސް ވަރަށް ބޮޑު އިއްތިފާގެއް ފާހަގަ ކުރެވެއެވެ.

ހަވީރުގެ ހިއްސާދާރުންނޭ ކިޔައިގެން މިއުޅޭ މީހުންނަށް ގާނޫނީ ލަފާދީ ލިޔުންތައް ތައްޔާރުކޮށްދީ ނޫސްބަޔާންތައް ނެރެދީ މިކަހަލަ ކަންތައް ކޮށްއުޅޭ މީހަކީ މާޖިދެވެ.

މީނާއަކީ ހިއްސާދާރުންނޭ ކިޔައިގެން އުޅޭ މީހުންގެ ތެރެއިން ފާރޫގުގެ ކޮއްކޮއެކެވެ. އަދި ސަން މީޑިއާ ގްރޫޕުގެ އެޑިޓަރެކެވެ. މި މާޖިދަކީ ސްޕްރީމް ކޯޓުގެ ވަރަށް އިސް މާގާމެއްގައި ހުންނަ ވަރަށް ނުފޫޒުގަދަ މީހެކެވެ.

ދެން މިހުންނަނީ ހައްތާވެސް އިއްތިފާގުތާ އެވެ. އެހެންކަމަށް ނިންމައިފައި ސަން މީޑިއާ ގްރޫޕުން ހަވީރު ނޫސް ހިންގުމަށް ޝައުގުވެރިވާ ވާހަކައަށް ޖެހިލަމާ ބަހީއެވެ.

ސަންގެ ސީއީއޯ ސިނާނަކީ ހައެއްކަ މަސްވަންދެން ހަވީރުގެ މެދުފަންތީގައި މަސައްކަތްކުރި މީހެކެވެ. ސަންގެ ވެރިޔާ ސަން ސިޔާމަކީ ނޫސްވެރިކަން ކުރިއެރުވުމަށް ޚަރަދު ކުރައްވާ ބޭފުޅެކެވެ. މި ދެބޭފުޅުންގެ ވެސް އަމާޒަކީ ނޫސްވެރިކަމުގެ ކުރިބޯއްޓެވެ. އޭގައި މައްސަލައެއް ނެތެވެ.

ކުރިބޯއްޓަށް ހިފުމަކީ ހަމަ ކޮންމެ ބައެއްގެ އަމާޒުކަމަށް ވާންވާނެ އެވެ. މި އަމާޒަށް ވާސިލުވުމަށް އެންމެ މޮޅުގޮތަކީ ހަވީރު ހަތްދަށު ލުމެއް ނޫނެވެ.

އަތްދަށުލާންވީ ޒާހިރު ހުސައިނެވެ. ބޭނުން ކުރަންވީ އޭނާގެ ސިކުނޑިއެވެ. ނަގުލު ކުރަންވީ އޭނާގެ ސްޓައިލެވެ. މިކަން ނުކުރެވޭނަމަ ހަވީރުގައި އިހަށް އުޅުނު އެންމެން ގެންދިޔައަސް އަދި ނުވިތާކަށް ހަވީރުގެ މެނޭޖްމަންޓް ހޯދިޔަސް މަންފާއެއް ނުކުރާނެއެވެ.

ހަވީރުގެ ކުރިއެރުމަކީ ޒާހިރުގެ މެނޭޖުމަންޓެވެ. ޒާހިރު އުފައްދަވާފައިވާ ސަގާފަތެވެ. ވަޒީފާއެއްގައި އުޅުމުގެ ވިސްނުމަށްވުރެ އާއިލީ ގުޅުމެއްގެ ތެރޭގައި އުޅެވޭ ކަމުގެ އިހުސާސް ކުރެވޭ މާހައުލެއް އޮތުމެވެ.

ހިފެހެއްޓުމެއް އޮބިއެޅުމެއް ނެތްކަމުގެ އިހުސާސް ކުރެވޭ އަދި ތަންދެކެ އިންތިހާއަށް ލޯބިވުމުގެ މާހައުލެއް އޮތުމެވެ.

މި މާހައުލަށް ވައްދާ ހަމަ ކޮންމެ މީހަކު ވެސް ވަނީ ފިސާރި މީހަކަށެވެ. އެ މާހައުލުން ނުކުމެއްޖެ ނަމަ އެ މީހަކު ވަނީ ހަތާ ތެޅިފައިވާ ވައި ކުޅަނދުރަކަށެވެ.

ހަވީރުގައި ކިތަންމެ ގިނަ ދުވަހު އުޅެފައި ހުރި އަދި ހަވީރުގެ އިންޖީނުގެ ގިޔަރު ބޮކްސް ކަމުގައި އުޅެފައި ހުރި މީހަކަށް ވިޔަސް ވަނީ މިހެންނެވެ.

ހަވީރުގައި އިހަށް އުޅެފައި ތިބި މީހުން ރާއްޖޭގެ މީޑިއާގެ ތަފާތު ތަންތަނުގެ މުގުލުގައި ހިފައިގެން ތިބޭ އިރު ވެސް ހަވީރު ވައްޓައި ނުލެވުމުގެ ސިއްރަކީ އެއީ އެވެ.