Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު

މޫސާ އަލީ ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް. ފޮޓޯ/ ވީނިއުސް

ކުރީގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލްގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސާ އަލީ ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭން ބޭރުގައި ހުންނަވާފައި ވަޑައިގެންނެވުމުންނެވެ.

މޫސާ އަލީ ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު، އެބޭފުޅާއަކީ ކުރީގެ ނައިބު ރައީސް އަދީބު އަށް ވަފާތެރި ބޭފުޅެއް ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން ތުހުމަތު ކުރައްވަ އެވެ.

އަދި މީގެ އިތުރުން އެމްއެމްޕީއާރްސީއިން އެތެރެކުރި ބަޑިބޭސް ކޮންޓޭނަރު އެތެރެ ކުރުމުގައި މޫސާ އަލީ ޖަލީލުގެ ދައުރެއް އޮތްކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް މަޤާމުން ވަކިކު ރެއްވުމަށް ފަހު ޕާކިސްތާނުގެ ސަފީރުކަމުގައި ހުންނަވަނިކޮށް ކުއްލިގޮތަކަށް މާލެ ގެންނަވައި ޑިފެންސް މިނިސްޓަރ ކަން ދެއްވި މޫސާ އަލީ ޖަލީލް މަޤާމުން ވަކިކުރައްވާފައި ވަނީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

މޫސާ އަލީ ޖަލީލް ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވިއިރު، އެމަނިކްފާނާއި ދެކޮޅަށް ދައުލަތުން ވަނީ 2012 ވަނަ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

ނަމަވެސް ޖަލީލް ވަނީ އެ ދައުވާއިން ސަލާމަތްވެވަޑައިގެންފައެވެ.

ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާއާ ދެކޮޅަށް ހަނގުރާމަކުރި ދިވެހި ސިފައިންގެ ތެރޭގައި އިސް ރޯލެއް އަދާކުރެއްވި އެއް ބޭފުޅަކީ މޫސާ ޖަލީލެވެ.