ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ށ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ށ. ފޭދު އަށް ވަޑައިގެން ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން ބޭނުންވާ ކަންކަން ކުރެއްވުމަށް ގަދައަޅައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމަށާއި، ރަނގަޅު ވެރިކަމެއް ކުރެވޭނީ ވެސް ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވައިގެން ކަމުގައި ވިދާޅުވި އެވެ.
މި ރޮނގުން ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެމަނިކުފާނު ރަށްރަށަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ ވެސް، ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބެއްލެވުން ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ކަންތައްތައް ކުރައްވަމުން ގެންދަވާނީ އެއްވެސް ރަށަކަށް އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް ވެސް ތަފާތު ކުރުމެއް ނެތި ކަމަށާއި، ރައްޔިތުންނަށް ދެއްވަން ޖެހޭ އަސާސީ ޚިދުމަތްތައް ދެއްވުމަށް އިސްކަން ދެއްވައިގެން ކަމަށް ވިދާޅުވި އެވެ.
އަދި ރައްޔިތުންގެ މުދަލާއި ފައިސާ އަށް އަމާނާތްތެރިވެ، ވީހާވެސް އިސްރާފު ކުޑަކޮށް، ރައްޔިތުންގެ ފައިދާ އަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.