Last Updated: May 19, 06:08
Sunday, May 19, 2024
ރިޕޯޓް

ވީރާނާ ކުރަން އެންމެ "ޤާބިލް" ޑރ. މުއިއްޒު!

އައްޑޫގެ ރައްޔިތުންނަށް ކަންތައްތަކެއް "އޮޅިފައިވާ" ކަމަށް ޤަބޫލު ކުރެވިގެން އެ ރައްޔިތުންނަށް އެކަންތައް އޮޅުން ފިލުވައި ދިނުމުގެ ބޭނުމުގައި، ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ޖަލްސާއެއް ބޭއްވި އެވެ.

އެ ޖަލްސާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، ހައުސިން މިނިސްޓަރު ޑރ. ،މުހައްމަދު މުޢިއްޒު "އޮޅުން ފިލުވައި ދިނީ" އައްޑޫ ސިޓީ ކައުންސިލްގެ ނާޤާބިލްކަމާއި އެބޭފުޅާގެ ޤާބިލް ކަމުގެ ވާހަކަ ޔޯލައެވެ.

ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫ މުޢިއްޒު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލްގެ ނާޤާބިލްކަމުން އައްޑޫގައި ހުރި އެތައް މެޝިނަރީ އަކާއި އެތައް ސާމާނެއް ނުބަލަހައްޓައި ހަލާކުކޮށްލާފައި ވާކަމަށެވެ. އަދި ކައުންސިލްގެ ނާޤާބިލްކަމުން އައްޑޫގެ ތަރައްޤީއަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ.

އެހެންވީ އިރު، ޤާބިލް ބޭފުޅަކީ، ޑރ. މުޢިއްޒު ތޯއްޗެވެ.

ޑރ.މުޢިއްޒު ނިސްބަތްވާ ޕީޕީއެމް ސަރުކާރުން ބޭނުން ވުމުން، އައްޑޫ ސިޓީ ކައުންސިލްގެ ބާރުތައް ނަގައި އެބާރުތައް ހަވާލުކުރީ، ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މިހާރު ކައުންސިލުގެ ޒިންމާ އަކީ ވިހާ މަރުވާ ކުދިންގެ ހިސާބު ބެލެހެއްޓުމާއި ޤަބުރުސްތާނު ބެލެހެއްޓުން ފަދަ ކަންތައްތަކެވެ.

ހުރިހާ ބާރުތައް މުށުތެރެއަށް ނެންގެވުމަށް ފަހު އައްޑޫގައި އުފެއްދީ ހައުސިން މިނިސްޓްރީގެ ޑިޕާޓްމެންޓެކެވެ. އެތެރޭގައި ހިނގަނީ ކޮންކަމެއް ކަމެއް ނުވަތަ އެ ޑިޕާޓްމެންޓުން ކުރަނީ ކޮންކަމެއް ކަން އެނގޭ އެއްވެސް މީހަކު އައްޑޫގައި ނެތުމަކީ ވެސް ޑިޕާޓްމެންޓްގެ ކަންތައް ވިލަރެސްކުރައްވާ ޑރ.މުއިއްޒުގެ ޤާބިލްކަން ހާމަވެގެންދާ ކަމެކެވެ.

ޑިޕާޓްމެންޓްު އުފެއްދިތާ މާ ގިނަ ދުވަހެއް ނުވަނީސް އައްޑޫއަށް ކުރި ވިއްސާރައެއްގައި ހާލުގައި ޖެހިގެން ރައްޔިތުން ގުޅާލިއިރު، އެ ޑިޕާޓްމެންޓްގެ ހުރިހާ އިސްވެރިން މާލޭގައި ތިބުމަކީ ވެސް ޑރ.މުއިއްޒުގެ ޤާބިލްކަމެވެ. އެ ދުވަހު ވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަންވަރު 3 ޖެހިއިރު ނިކުތީ، "ނާޤާބިލް" ސިޓީ ކައުންސިލްގެ މެންބަރުންނެވެ.

މިނިސްޓަރގެ ވާހަކަ އާއި އެކު އައްޑޫއަށް ނިސްބަތްވާ ޕީޕީއެމް މެންބަރުން އަތްތިލަބަޑި ޖެހި ނަމަވެސް ހަގީގަތަކީ، އައްޑޫގައި ހުރި އެންމެ ބޮޑު ބިނާ ވީރާނާ ވަމުން އެދަނީ، ޑރ.މުޢިއްޒުގެ އިހުމާލުންނެވެ. ނޫނެކެވެ. ޤާބިލްކަމުންނެެވެ.

ޕީޕީއެމްގެ ވެރިކަމަށް 3 އަހަރު ވާން ކައިރިވެފައިވާއިރު، އައްޑޫގައި ހުރި ދައުލަތުގެ އެންމެ ބޮޑު ބިނާ ކަމުގައިވާ އީސީސީ ބެލެހެއްޓުމަށް ނުވަތަ މަރާމާތު ކުރުމަށް އެއްވެސް ކަމެއް ކުރެވިފައި ނުވުމަކީ، ސިޓީ ކައުންސިލްގެ ނާޤާބިލްކަން ކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދެއްކެވުމަކީ، ވެސް ޑރ.މުއިއްޒުގެ ޤާބިލްކަން ހެއްޔެވެ؟

ޑރ. މުޢިއްޒުގެ ޤާބިލްކަމަކީ، އީސީސީގައި ހުރި ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ޓީވީ އާއި ގޮނޑިތަކަށް ދާންދެން މާލެ ގެންދިއުން ކަމަށް ވެދާނެއެވެ. ހިތަދޫއަށް ވަޑައިގަތުމަށް ފަހު އީސީސީ ފެންނަ ހިސާބަށް ވެސް ވަޑައިނުގަންނަވާ އަވަސް އަރުވާލާފައި އެރަށުން ފޭބުމަކީ ވެސް އެމަނިކުފާނުގެ ޤާބިލްކަން ހާމަވެގެންދާނެ ކަމެއް ކަން ޔަޤީނެވެ.

IMG_7366

މީ ހުރިހާ ކަމަކަށް ވުރެ ވެސް ރައްޔިތުންނަށް ކަންތައް އޮޅުން ފިލުވައިދިނުމަށް ކަމަށް ބުނެ އިތުރުފުޅު ހެއްދެވުމަކީ، ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭނެ އާދަޔާ ޚިލާފު ޤާބިލްކަމެއް ތާއެވެ.

ދެން އޮތީ، ސިޓީ ކައުންސިލްގެ އިހުމާލުން ހަލާކުވިކަމަށް ބުނާ މެޝިނަރީތަކުގެ ވާހަކައެވެ.

އައްޑޫ ސިޓީކައުންސިލްގެ އޮފިޝަލަކު، "އައްޑޫލައިވް" އަށް ބުނި ގޮތުގައި ސިޓީ ކައުންސިލްގެ ފަރާތުން މެޝިނަރީތަކެއް ހަލާކު ކުރިކަމަށް ދައްކާ ވާހަކައަކީ، ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ކޮން މެޝިނަރީއެއްގެ ވާހަކަތޯ އެ ދައްކަވަނީ. އައްޑޫ މީހުންނަށް އެނގޭނެ ކައުންސިލުގައި އެއްޗެއް ހުރިއްޔާ. މާލެއިން ވަޑައިގެން އިތުރުފުޅު އެ ހައްދަވަނީ،" އޮފިޝަލް ބުންޏެވެ.

ޑރ. މުޢިއްޒުގެ ނަން އައްޑޫ ރައްޔިތުން ތާރީޚުގައި ލިޔާނީ "އެންމެ ޤާބިލް ޑރ. މުޢިއްޒު" ގެ ގޮތުގަ އެވެ. އެއީ އެމަނިކުފާނުގެ އާދަޔާޚިލާފް ޤާބިލްކަމުގެ ސަބަބުންނެވެ. ވީރާނާ ކުރުމުގައި އެފަދަ ދެވަނައެއް ނެތް މިނިސްޓަރެއްގެ ގޮތުގަ އެވެ.

އިތުރުފުޅު ހެއްދެވުމުގެ ރޮނގުން ވެސްމެ އެވެ.