Last Updated: June 27, 11:53
Saturday, June 27, 2026
ރިޕޯޓް

އުމުރު ބަދަލުކޮށް އަލީ ހަމީދަށް ފަސް މިލިއަން!

ފަނޑިޔާރުންނަކީ ވަކި މުއްދަތަކަށް ޢައްޔަންކުރެވޭ ބައެއް ނޫނެވެ. ނަމަވެސް، ފަނޑިޔާރެއްގެ ޢުމުރުން 70 އަހަރުވުމުން އެ މީހަކު މަޤާމުން މުސްކުޅި ކުރެވޭނެ އެވެ. މިއީ ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 20 ވަނަ މާއްދާއެވެ.

ދާދި މިދާކަށް ދުވަހު ޚަބަރުތަކުން ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުޙައްމަދުގެ އުފަން ތާރީޚް ސަރުކާރުގެ ރަސްމީ ލިޔުންތަކެއްގައި ދެ ގޮތަކަށް އޮތް ޚަބަރެވެ.

މި ލިޔުމުގައި މި ބަލާލަނީ ކުރިން ބުނެވުނު ލިޔުންތަކުގެ ޞައްޙަކަމަކަށް ނޫނެވެ. ނަމަވެސް، ފަނޑިޔާރު އަލީ ޙަމީދު މުޙައްމަދުގެ އުފަން ތާރީޚް ބަދަލު ކުރި ކަމަށްވާ ނަމަ، އެކަމުގެ މައްޗަށް ޤާނޫނީ ގޮތުން އަންނަންޖެހޭ އިލްތިޒާމުތަކުގެ މައްޗަށާއި، އެކަމުގެ ސަބަބުން ދައުލަތަށް ލިބޭނެ މާލީ ގެއްލުންތަކުގެ މައްޗަށެވެ.

މީޑިއާގައި ފެންމަތި ވެފައިވާ ލިޔުންތަކަށް ބަލާއިރު ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދުގެ އެންމެ ކުރީގެ އުފަން ތާރީޚަކީ 14 އޮކްޓޯބަރު 1958 އެވެ. މި ތާރީޚުގައި އުފަންވެފައިވާނަމަ ފަނޑިޔާރުގެ ޢުމުރުން 70 އަހަރުވެ، މަޤާމުން މުސްކުޅިވާނީ 14 އޮކްޓޯބަރ 2028 ގައެވެ.

ނަމަވެސް ދާދި ފަހުން އަލީ ހަމީދުގެ އުފަން ދުވަސް ބަދަލުވެފައިވާ ލިޔެކިއުންތަކެއް ވަނީ އާއްމުވެފައެވެ. އެ ލިޔެކިއުމުގައިވާ ގޮތުން އަލީ ހަމީދުގެ މިހާރުގެ އުފަންތާރީޚަކީ 25 ސެޕްޓެމްބަރ 1964އެވެ. އެހެންވެއްޖެ ނަަމަ، އަލީ ހަމީދު މަޤާމުން މުސްކުޅިވާނީ 25 ސެޕްޓެމްބަރު 2034 ގައެވެ. މި ތާރީޚުތަކަށް ބަލާއިރު، އުފަންތާރީޚް ބަދަލުކުރުމުގެ ސަބަބުން މަޤާމުގައި އިތުރަށް 05 އަހަރާއި، 11 މަހާއި 11 ދުވަހު މުސްކުޅިނުވެ ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ހުންނާނެއެވެ.

އަލީ ހަމީދުގެ އުމުރު ދަށް ކުރުމުން ދައުލަތަށް ލިބޭނީ ކޮން ގެއްލުމެއް

ދައުލަތަށް ލިބޭނެ ގެއްލުން މިނުމުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މިނާ ނާޅި ބޭނުންކުރަމާ ހިނގާށެވެ. 2012 ވަަނަ އަހަރު ޑިސެމްބަރު 25 ދުވަހު ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖިޢާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު (މިރިޕޯޓު އޮތްގޮތަށް މަޖިލީހުންވަނީ ފާސްކުރައްވާފައެވެ.)

ބުނާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މަހަކު މުސާރައިގެ ގޮތުގައި 71000 (ހަތްދިހަ އެއްހާސް) ރުފިޔާ ލިބެއެވެ. އަދި ފޯނު އެލަވެންސްގެ ގޮތުގައި މަހަކު 1000 (އެއްހާސް) ރުފިޔާ ލިބެއެވެ. އަދި 12500 (ބާރަހާސް ފަސްސަތޭކަ) ރުފިޔާގެ އަހަރީ ޕްރިމިއަމްގެ މެޑިކަލް އިންޝުއަރެންސް ލިބެއެވެ. މީގެ އިތުރަށް އޮފުއަރާ ރީތި ކާރެއް ކޮންމެ ފަނޑިޔާރަކަށް ސަރުކާރުން ދެއެވެ.

ދެން ހިސާބު ހަދަމާ ހިނގާށެވެ. އުފަން ތާރީޚު ބަދަލުކޮށްފައިވާނަމަ، އެކަމުގެ ނަތީޖާއެއްގެ ނުޙައްޤުން 05 އަހަރާއި 11 މަހާއި 11 ދުވަހު ފަނޑިޔާރު އަލީ ހަމީދު ނާޖާއިޒު ފައިދާ ލިބިވަޑައިގަންނަވާނެއެވެ.

މި ގޮތުން، ފޯނު އެލަވަންސާއި މަހު މުސާރައިގެ ގޮތުގައި މަހަކު، ޖުމުލަ 72000 (ހަތްދިހަ ދެހާސް ރުފިޔާ) އަލީ ހަމީދުއަށް ލިބިވަޑައިގަންނަވާނެއެވެ.. މަހު މުސާރައާއި ފޯނު އެލަވެންސްގެ ގޮތުގައި 05 އަހަރު ދުވަހު ޖުމްލައެކު 4،320،000 (ހަތަރު މިލިޔަން ތިންލައްކަ ވިހިހާސް) ރުފިޔާ ދައުލަތުން ނުޙައްޤުން އަލީ ޙަމީދަށް ލިބިވަޑައިގަންނަވާނެއެވެ.

އަދި މި އަދަދަށް 11 މަހާއި 11 ދުވަސް އިތުރުކުރުމުން އެ މުއްދަތަށް، 818،400 (އަށްލައްކަ އަށާރަހާސް ހަތަރު ސަތޭކަ) ރުފިޔާ ދައުލަތުން ނުޙައްޤުން ފަނޑިޔާރު އަލީ ހަމީދަށް ހޯއްދެވޭނެއެވެ. އެއާއި އެކު ޖުމްލަ 5138400 (ފަސްމިލިޔަން އެއްލައްކަ ތިރީސްއަށްހާސް ހަތަރު ސަތޭކަ) ރުފިޔާ ފަނޑިޔާރު އަލީ ހަމީދު ދައުލަތުން ހޯދާނެއެވެ. މިއަދަދަށް އަހަރަކު 12500 ރުފިޔާގެ އިންޝުއަރެންސް ޕްރިމިއަމް މިއޮތީ އަދި ނުހިމެނިއެވެ.

ފަސް މިލިޔަނަށްވުރެ ގިނަ ރުފިޔާ ފަނޑިޔާރު އަލީ ހަމީދުގެ އުފަންތާރިޚް ބަދަލުކޮށްފައިވާނަމަ، އޭނާއަށް ލިބިވަޑައިގަންނަވާނެއެވެ. މިއީ ދައުލަތަށް ލިބިގެންދާނެ ބޮޑު މާލީ ގެއްލުމެކެވެ. މިކަމަކީ، އޭގެ ޒާތުގައި ޖިނާއީ ކުށެއްވެސް މެއެވެ. މި މައްސަލަ މިއަދާ ހަމައަށް ދައުލަތުގެ އެއްވެސް ތަޙްޤީޤީ އިދާރާއަކުން ތަޙްޤީޤް ކޮށްފައި ނުވެއެވެ.

އާ ޤާނޫނުލް ޢުޤޫބާތުގެ 312 ވަނަ މާއްދާގެ (ހ) 1 ވަނަ ނަންބަރުގެ ދަށުން ޖިނާޔަތުގެ 05 ވަނަ ދަރަޖައިގައި ހިމެނޭ ކުށެކެވެ. މިއީ އެންމެ މަދުވެގެން 09 މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލެވޭނެ ކުށެކެވެ. އަދި އެންމެ ބޮޑުވެގެން 02 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލެވިދާނެ ކުށެކެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު އަލީ ހަމީދުގެ އަތުން ނެގުމަށްވެސް މި ހާލަތުގައި އަމަލުކުރެވިދާނެއެވެ. ޤާނޫނުލްޢުޤޫބާތަކީ އަލީ ހަމީދަށް އެންމެ ކުޑަ އަދަބު ދެވޭނެ ޖިނާއީ ގާނޫނެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން އަދަބުދޭނަމަ، މެމްބަރު ނާޒިމަށް ލިބުނު އަދަބަށްވުރެ ކުޑަ ނޫން އަދަބެއް އަލީ ހަމީދަށް އަންނާނެއެވެ.

ދައުލަތުގެ ފައިސާއަކީ، އާދައިގެ ރައްޔިތުމިހާގެ އަތުން ނަގާ ޓެކުހުގެ ފައިސާއެވެ. ދައުލަތުގެ މާލިއްޔާއަކީ ވަކި މީހެއްގެ މިލްކެއް ނޫނެވެ. ދައުލަތުގެ ފައިސާގައި ނުހައްގުން ޖެހުމަކީ، އަދި އަދި އެ ފައިސާ ނުހައްގުން އުފަންތާރީޚު ބަދަލުކޮށްގެން ނަމަވެސް، އޮޅުވާލައިގެން ނަމަވެސް، ރޯމާ ދުވާލު ގެންދާތަން ބަލަން ތިބެއްޖެނަމަ، މާދަމާ ހިތާމަ ކުރަން ޖެހޭނެ އެވެ.

ކަންމިހެން އޮތުމުން، ފަނޑިޔާރު އަލީ ހަމީދުގެ އުފަންތާރީޚު ބަދަލުކުރިކަމަށް ބެލެވޭ މައްސަލައަކީ، 5.1 މިލިޔަން ރުފިޔާގެ ގެއްލުމެއް ދައުލަތަށްވެދާނެ ހައްސާސީ މައްސަލައެކެވެ.

މި މައްސަލައިގައި މިހާރުން މިހާރަށް ތަޙްޤީޤު ކުރެވި ފިޔަވަޅު އެޅެން ޖެހޭނެ އެވެ.