Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު

"ކޮރަޕްޝަނާ ދުރުވެވޭނީ އިސްލާމް ދީނަށް އަމަލުކޮށްގެން"

އިއްޔެ ފުވައްމުލަކުގައި ބޭއްވި ޖަލްސާ. ފޮޓޯ: ރަށޮވެށި އެމްވީ

ކޮރަޕްޝަނާ ދުރު ވެވޭނީ މާތް ވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލު ކޮށްގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ޙަސަން ލުތުފީ ވިދާޅުވެއްޖެއެވެ.

ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލަކުގައި ކުރިއަށް ގެންދާ ޚާއްސަ ޤުރުއާން މުބާރާތް ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ލުތުފީ ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި ފަސާދަ އާ ދުރުވުމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ކަމަށެވެ.

އިއްޔެ ހެނދުނު ފުވައްމުލަކު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލުތުފީ ވިދާޅުވި ގޮތުގައި އެ ޤުރުއާން މުބާރާތަކީ، އެހެން ޤުރުއާން މުބާރާތްތަކާ ތަފާތު މުބާރާތެއް ކަމަށާއި މުބާރާތުގައި ކުދިން ކިޔަވަމުންދާ އިރު ނަސޭޙަތުގެ އަޑު އިވިގެން ދާނެ ކަމަށެވެ.

ހަމަ އެކަނި ބަލައިގެން ކިޔެވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިސްލާމް ދީނުގައި ކޮރަޕްޝަންގެ ނުބައިކަން ބަޔާންކޮށް އަންގަވާފައިވާ އެންގެވުންތައް ހަނދާންކޮށް ނަޒާހަތްތެރިކަމުގެ ސިފަތައް މީސްތަކުންގެ މެދުގައި އާލާކުރުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ފުވައްމުލަކުގައި ހަފްތާއެއްގެ މުއްދަތަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.