Last Updated: June 6, 13:44
Saturday, June 6, 2026
ޚަބަރު

ރޯދަ މަހު އަތޮޅުތެރެ އަށް ބޭރުގެ ހާފިޒުން

މި އަހަރުގެ ރޯދަ މަހު ތަރާވީހު ނަމާދު ކުރަން ރާއްޖޭން ބޭރުން ގެންނަ ހާފިޒުންގެ ކެއުމާއި އެކަމޮޑޭޝަން އަމިއްލަ ގޮތުން ހަމަޖައްސައި ދޭން ޝައުގުވެރިވާ ނަމަ އަތޮޅުތެރެއަށް ވެސް ހާފިޒުން ފޮނުވަައި ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އަތޮޅުތަކަށް ފޮނުވާފައިވާ އެންގުމަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ހާފިޒުންގެ ކެއުމާއި ހުރުމާއި ދަތުރުފަތުރު ހަރަދު އަމިއްލަ ފަރާތްތަކުން ކޮށް ދޭ ނަމަ ހާފިޒުން ފޮނުވައި ދިނުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސައި ދޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އެހެންވެ ހާފިޒުންގެ ހަރަދުތައް އަމިއްލަ ގޮތުން ހަމަޖައްސަން އެދޭ ނަމަ މި މަހުގެ 24 ގެ ކުރިން އެކަން ބޭނުންވާ އަވަށެއްގެ އަވަށު އޮފީސްތަކުން އެންގުމަށް ކައުންސިލްގެ އިއުލާނުގައި ވަނީ އެދިފަ އެވެ.

"ހާފިޒުން ގެނައުމަށް އެދި ލިއުން ފޮނުވާ އިރު، ހާފިޒުން ހަމަަަޖައްސަަން ބޭނުންވާ މިސްކިތްތަކުގެ ނަމާއި ހާފިޒުންގެ އަދަދު ވެސް އެނގޭނެ ގޮތަށް ލިޔުމުގައި ބަޔާންކޮށް ދިނުން އެދެމެވެ." ކައުންސިލްގެ އިއުލާނުގައިވެ އެވެ.