މިހާރުގެ ގާނޫނު އަސާސީ އައުމުގެ ކުރީގައި އަދުލު އިންސާފުގެ ދާއިރާގައި އަގުޅި ބައްދައި، މީހުންނަށް ބޭއިންސާފު ހުކުމްތަކާއި، ލާއިންސާނީ އަނިޔާތައް ދެމުން ދިޔައީ ޖަސްޓިސް މިނިސްޓްރީ އޭ ކިޔާ މިނިސްޓްރީއެއް އުފައްދައިގެން ސަރުކާރާއި ފަނޑިޔާރުން ގުޅިގެންނެވެ.
ނަމަވެސް 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއާއެކު އެމިނިސްޓްރީ އުވާލަންޖެހުނީ މިނިވަން އަދުލު އިންސާފުގެ ދާއިރާއެއް އުފެއްދުމަށް ގާނޫނު އަސާސީއިން ލަާޒިމު ކޮށްފައިވާތީއެވެ. ނަމަވެސް މިއަދު ޔާމީނުގެ ސަރުކާރުގެ ކަރަޕްޝަން އިންތިހާއަށް މައްޗަށް ގޮސް ސިޔާސީ އެކި ފަރާތްތަކަށް ބޭއިންސާފު ސާބިތު ނުވާ ވަރުގެ ދައުވާތައް ކުރަން ޖެހުމުން އަލުން އެއްކަލަ އުވި ދިޔަ ޖަސްޓިސް މިނިސްޓްރީ މިހާރު ވަނީ އާ ނިޒާމެއްގައި ވުޖޫދު ކޮށްފައެވެ.
ކުރީގެ ޖަސްޓިސް މިނިސްޓްރީގެ ދައުރު މިހާރު ކުޅޭ ފަރާތަކީ ޖުޑީޝަލް އެެޑްމިނިސްޓްރޭޝަންއެވެ. އެއީ ސުޕްރީމް ކޯޓުގެ ދަށުން، ސުޕްރީމް ކޯޓުގެ ދަރަޖައިގައި އުފައްދާފައިވާ ތަނެކެވެ. އެތަނަކީ ކޯޓަކުތަކަށް އިދާރީ ފަސޭހަތައް ހޯދައިދީ މަރާމާތާއި ތަކެތި ހޯދައިދޭން ގާނޫނުން އުފައްދާފައިވާ ތަނެއް ކަމުގައިވީ ނަމަވެސް މިއަދު އެތަން ވެފައިވަނީ ފަނޑިޔާރުންނަށް އެކި އެކި އަމުރުތައް ނެރެ، ގާޒީންގެ މިނިވަންނަން ނިގުޅައިގަންނަ ގާޒީން ބާޒާރުގައި ވިއްކާލާ ތަނަކަށްވެފައެވެ.
އޭގެ އެއް މިސާލަކީ މިދިޔަ ހަފްތާގައި ނެރުނު އާންމު ސިޓީއެކެވެ. އޭގައި ފަނޑިޔާރުން ނާއި ކޯޓުތަކުން އެެއްވެސް ފަރާތަކާއި މުއާމަލާތު ނުކުރަން އަންގާފައިވެއެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަކީ ފަނޑިޔާރުންނަށް އެެއްްވެސް ހާލެއްގައި އެއްވެސް އަމުރެއް ކުރެވޭނެ ތަނެއްނޫނެވެ. އަދި އިދާރީ، ފޮތް ފަންސުރު، ގޮޑިމޭޒު ގަނެދިނުން ފިޔަވާ އެހެން އެއްވެސް ބާރެއް އެފަރާތަށް ލިބިދީފައިނުވެއެވެ. ނަމަވެސް މިއަދު ފަޑިޔާރުންގެ މައްޗަށް އެކި އެކި އަމުރު ތައް ނެރެމުން، ފަޑިޔާރުން ބިރު ގަންނަވައި، އަޅުވެތިކޮށް، މައްސަލަތަކަށް ނުފޫޒު ފޯރުވަމުން އެގެންދަނީ އެއްވެސް ހައިސިއްޔަތެއް ނެތިއެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ގާނޫނާއި ޚިލާފަށް ޢަބްދުﷲ ސައީދު ކުރެއްވުމުގެ ކުރީގައިވެސް އެއީ ކޮރަޕްޓް މީހުންގެ މުށުތެރޭގައި ލުމަށް އެކިފަހަރު މަސައްކަތްކުރެވުނު ތަނެކެވެ. އެގޮތުން، އުއްތަމަ ފަނޑިޔާރަކަށް އޮނަރަބްލް ފާއިޒް ހުންނެވިއިރު، ޑީޖޭއޭ ހިންގީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިގެން ކަމަށްބުނެ ޢަބްދުﷲ ސައީދެވެ. އޭރު އެތަން ހިންގުމުގައި ފާއިޒު އުޅުއްވައެވެ. ނަމަވެސް އެއްވެސް ކޯޓަކަށް އަދި އެެއްވެސް ފަނޑިޔާރަކަށް އެްއްވެސް ނުފޫޒެއް ނުފޯރުވައެވެ. ނަމަވެސް އޭރުގައިވެސް އަބްދުﷲ ސައީދު ދިޔައީ އެކި ނަންނަމުގައި އެތަނުގެ އިސްވެރިން މީޓިންތަކަށް ގެނެސް އެކިއެކި މޭރުމުން މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންނަށް މައްލަވަ ކުރަމުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ގާނޫނާއި ޚިލާފަށް ޢަބްދުﷲ ސަޢީދު ކުރެއްވުމަށްފަހުގައި ފުރަތަމަކަމަކަށް އަލީ ހަމީދުއަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަވާލުކުރިއެވެ. އެއީ ކޯޓުތަކުގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަސްވަރުކަން ކޯޓުތަކަށް އެނގޭނެއެވެ.
އެއްވެސް ހަމައެއް ލަމައެއްނެތި، އަލީ ހަމީދުގެ އޯޑަރަށް ކަމަށް ބުނެ، ޝަކޫރު ނަމަކަށް ކިޔާމީހަކާއި އެހެންވެސް މީހުން ދިޔައީ އެކި އެކި ކޯޓުތަކަށް ނުފޫޒު ފޯރުވަމުންނެވެ. އެކި މައްސަލަތައް ނިންމަންވީގޮތް އަލިބެ (އަލީ ހަމީދު) ބުނެފިއޭ، ނިންމާށޭ، ނުނިންމައިފިއްޔާ މަގާމު ގެއްލޭނެއޭ، މިކަހަލަ އެތައް ކަމެއް ހިނގާފައިވާކަން މެޖިސްޓްރޭޓުން ދަނެވެ. އެމީހުން އެތިބީ އަލީހަމީދާއި އަބްދުއްﷲ ސަޢީދުގެ މައްޗަށް ދަޢުވާކުރެވޭ ދުވަހަކުން ހެކިބަސް ދޭން ތައްޔާރަށެވެ.
ޖޫޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަން ބޮއްސުންލައި، އަލީ ހަމީދުގެ ޖަރީމާތައް އިންތިހާއަށް ގޮސް، އެންމެފަހުން އަބްދުﷲ ސައީދު އޭނާއަށް އިތުބާރު ކުރެވޭ، ޖަރީމާ ހިންގޭ ފަދަ އެހެން ވެރިޔަކު އެތަނުގެ ވެރިޔަކަށް އައްޔަންކުރިއެވެ. އިއުލާނު ކުރުމާއި، އައްޔަންވުމާއި، މަގާމުދިނުމާއި ހިނގާދިޔައީ އެކުއެކީގައެވެ. އައު ވެރިޔާގެ ކަމަކަށް އޮތީ އުއްތަމަ ފަޑިޔާރާއި އަލީ ހަމީދު ބުނާ ގޮތަށް ހުކުމް ކުރުމަށް ހުކުމްތަކުގެ ޑްރާފްޓް ނިމުމުން އެތަކެތި ސުޕްރީމްކޯޓަށް ގެންގޮސް އެޕްރޫވް ކުރުމެވެ. އަދި ދެފަރާތުގެ ވާހަކަ އުފުލައިދިނުމާއި ޖުޑީޝަރީގެ ކަންކަމަށް އަތްބޭނުމެވެ. ކުރީގެ ޖަސްޓިސް މިނިސްޓްރީއަކީވެސް ހުކުމްކުރުމުގެ ކުރިން ހުކުމް އެޕްރޫވް ކުރުމާއި ފަނޑިޔާރުން އޮބިއަޅައި ހިފެހެއްޓުމުގެ މައިގަނޑު މެންޑޭޓް އޮތްތަނެވެ.
ދެވަނަ ކަމަކީ ބޭރުގެ އެއްވެސް ލަފާދާރަކަށް ފަޑިޔާރުންނަށް ވަކިން ބައްދަލުކުރުން މަނާވުމެވެ. އެކަންވެސް މަނާކޮށްފައިވަނީ މިބުނާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރއެވެ. ފަނޑިޔާރަކު ދައްކާ ވާހަކައެއް ދައްކަންވާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ ހުއްދަ ދެވިފައިވާ މުވައްޒަފެއްގެ ހާޒިރުގައި ކަން ވަނީ އަންގާފައެވެ. އެއީ ކޯޓުތަކުން ހިންގާ ޖަރީމާ ފޮރުވުމަށްޓަކައި ކޮށްފައިވާ ކަމެކެވެ. ޖުޑީޝަރީގެ އަސްލު ސިފަ ބަޔަކަށް ފެނި މަގާމު ގެއްލިދާނެތީ އެކަމާ ގަންނާ ކުރައްވާ ބިރަކުން ޖެހިލުންވާވަރުގެ ކަމެކެވެ.
ތިންވަނަ ކަމަކީ މެޖިސްޓްރޭޓް ކޯޓަތަކަށް އަދި މާލޭގައި ހުރި ކޯޓުތަކަށް އެކޯޓުތަކުގެ ޒާތުގައި ލިބިދޭ ހުރިހާ ބާެރެއް ދަމައިގަނެފައިވާކަމެވެ. ބައެއް ބާވަތުގެ މައްސަލަތައް ނިންމުމުގެ ކުރިން މިހާރު އަލީ ހަމީދުމެން ޢަބްދުﷲ ސައީދުމެންގެ ރުހުން ހޯދަން ޖެހުންއެއީ މިއަދު މިގައުމު ވެއްޓިފައިވާ އެންމެ ބޮޑު އަނދަވަޅެވެ.
ފަނޑިޔާރުން ކުރާ ހުކުމްތައް އިސްތިއުނާފުގެ އުސޫލުގެ ބޭރުން ބަދަލު ކުރުމާއި، މީހުންގެ ބަންދު އަމުރުތައް ތަންފީޒު ކުރުން ހުއްޓުވުމަށް ފޯނުން ގުޅައި ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި ގާޒީންނަށް އެދަނީ އަންގަމުންނެވެ. މިކަންކަމަށް ނުރުހޭނަމަ މަގާމުން ވަކި ކުރާނެކަމާއި، ޑީމޯޓް ކުރާނެކަން އެދަނީ އަންގަމުންނެވެ.
ޖަސްޓިސް މިނިސްޓްރީގެ ދައުރު މިއަދު މިވަނީ ވުޖޫދުވެފައެވެ. އަދުލު އިންސާފު މިވަނީ ނިގުޅައިގެންފައެވެ. މިކަންކަން ކުރި މީހުންގެ މައްޗަށް ހެކި ބަސް ދިނުމަށް އަދުލުވެރި ފަނޑިޔާރުން ތައްޔާރުވާށެވެ. އެދުވަސް އިރާދަކުރެއްވިއްޔާ ލަހެއް ނުވެ އަތުވެދާނެއެވެ.