Last Updated: May 5, 19:21
Sunday, May 5, 2024
ޚަބަރު

ހިތަދޫ ފްލެެޓަކުން ވެއްޓިި ބިދޭސީއަކަށް އަނިޔާވެއްޖެ

އައްޑޫ ހިތަދޫގައި އަޅަމުން ގެންދާ ފްލެޓް އިމާރާތެއްގެ ތިން ވަނަ ފަންގިފިލާ އިން ވެއްޓި ބިދޭސީއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ފްލެޓް އިމާރާތުގެ ތިން ވަނަ ފަންގިފިލާއިން ވެއްޓުނު މީހާ ޖެހުނީ، އިމާރާތުގެ ތިރީގައި ހުރި އަށްޓެއްގަ މަތީގަ އެވެ.

ބިދޭސީ މީހާ އަށް ފަރުވާ ދިނުމަށް ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އޭނާ އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ވަނީ ސާފު ވާ ގޮތް ނުވެފަ އެވެ.

ފްލެޓް ސަރަހައްދުން "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި ބިދޭސީ މީހާގެ ބޭރު ފުށުން މާ ބޮޑު އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.

"ބޭރު ފުށުން މާބޮޑު އަނިޔާއެއް ލިބިފައެއް ނެތް. ވާހަކަ ވެސް ދައްކާ. އެހެން ނަމަވެސް ވަރަށް ގަދައަށް އުނަގަނޑުގައި ރިއްސާކަމަށް ބުނި." އޭނާ ބުންޏެވެ.

ފްލެޓް އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވި ބިދޭސީ މީހާ. އައްޑޫލައިވް ފޮޓޯ: މުހައްމަދު ޝަރްކާ
ފްލެޓް އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވި ބިދޭސީ މީހާ. އައްޑޫލައިވް ފޮޓޯ: މުހައްމަދު ޝަރްކާ

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގި ވަގުތު ފްލެޓް އަޅާ ސައިޓްގައި އެއްވެސް ދިވެއްސަކު ނެތެވެ.

އެހެންވެ ބިދޭސީން އެންމެ ފުރަތަމަ ގުޅާފައި ވަނީ ޓެކްސީއަކަށެވެ.

އެހެން ނަމަވެސް ބިދޭސީ މީހާގެ އުނަގަނޑަށް އަނިޔާވެފައިވާތީ، އެ ސަރަަހައްދުގައި ތިބި ބައެއް މީހުންގެ އެހީތެރިކަމާއި އެކު އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެމްބިއުލާންސްގަ އެވެ.