ވިޔަފާވެރިންނަށާއި އެކިއެކި މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ "ޒަކާތް ފޯރަމް" މިރޭ ސ. މަރަދޫގައި އޮންނާނެ އެވެ.
މަރަދޫ "ހިޔައު" ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބާއްވާ މި ހާއްސަ ފޯރަމް އޮންނާނީ މިރޭ 8:30 ގައި އިރުޝާދިއްޔާ ސްކޫލްގައި ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ ގައުމީ ޔުނިވަސިޓީގެ ޝަރީއާ އެންޑް ލޯގެ ޑީން އަބްދުއްސައްތާރު އަބްދުއްރަހުމާން މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ފޯރަމްގައި، ޒަކާތާ ބެހޭ ގޮތުން އުފެދިފައިވާ ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ. އެހެންވެ ވީހާ ވެސް ގިނަ ވިޔަފާވެރިންނާއި އެކިއެކި މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުން ފޯރަމްގައި ބައިވެރިވުމަށް އެ ޖަމިއްޔާ އިން އެދެ އެވެ.
ހިޔައު ޖަމިއްޔާ އިން ބުނީ ޒަކާތާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށް ބާއްވާ ފޯރަމްގައި ވިޔަފާރީގެ ފައިދާ އިން ޓެކްސް ދައްކާ މީ ގަހުން ޒަކާތް ދައްކަން ޖެހޭތޯ ނުވަތަ ނޫންތޯ އާއި ލޯނު ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކުން ޒަކާތް ދައްކަންޖެހޭތޯ ފަދަ ސުވާލްތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފޯރަމްގައި މައިގަނޑު ގޮތެއްގައި ޒަކާތާ ބެހޭ ގޮތުން އުފެދިފައިވާ ހުރިހާ ސުވާލްތަކަކަށް ޖަވާބު ފޯރުކޮށްދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.