Last Updated: May 5, 19:21
Sunday, May 5, 2024
ކުޅިވަރު

ރޫނީ ގައުމީ ޓީމަށް މުހިންމު: ކަޕެއްލޯ

ޖޫން މަހު ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭން ރޫނީއަކީ މުހިންމު ކުޅުންތެރިއެއް ކަމަށް އިނގިރޭސިވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

ކަޕެއްލޯ ބުނެފައިވާ ގޮތުގައި ރޫނީ އަކީ ގޭމް ރަނގަޅަށް އެނގޭ އަދި އެ ކުޅުންތެރި އަކު ދަނޑުމަތީގައި ހުރުން ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.

"ރޫނީއަކީ މުހިންމު ކުޅުންތެރިއެއް. އޭނާއަކީ ގޭމް ރަނގަޅަށް އެނގޭ ކުޅުންތެރިއެއް. އެހެން ކަމުން ދަނޑުމަތީގައި އޭނާ ހުރުން ވަރަށް މުހިންމު. ރޫނީއަށް އެންމެ ކުރިން ކުޅޭ ފޯވަޑްގެ ފަހަތުން ކުޅެވޭނެ. ކޭން އާއި ވާޑީގެ ފަހަތުން ޕްލޭމޭކަރެއްގެ ގޮތުގައި ރޫނީއަށް ކުޅެވޭނެ،" 2008-2012 ގެ ނިޔަލަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު އަދާ ކުރި ކޯޗު، ކަޕެއްލޯ ބުންޏެވެ.

ރޫނީ އަށް ތާޢީދުކޮށް ކަޕެއްލޯ ވާހަކަ ދައްކާފައިވީ ނަމަވެސް ގިނަ ބަޔަކު ބުނާ ގޮތުގައި ރޫނީ އަށް ވުރެ އިނގިރޭސި ޓީމުން ޖާގަ ދިނުން ހައްޤުކަން ބޮޑީ ޒުވާން ފޯވާޑް ޖިމީ ވާޑީ އާއި ހެރީ ކޭންއަށެވެ.

ޕްރިމިއާ ލީގުގައި އެ ދެ ކުޅުންތެރިން މޮޅުކުޅުމެއް ދައްކަމުން އަންނަ ނަމަވެސް ރޫނީ އަށް ކުރިމަތިވެފައިވާ ފިޓްނެސް މައްސަލަތަކާ ގުޅިގެން މިހާތަނަށް އެހާ ރަގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.