Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

މަޝްވަރާގައި ނަޝީދާއި އިމްރާން ބައިވެރި ކުރަނީ!

ޓެރަރިޒަމް ދައުވާ އުފުލައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިކޮށްގެން ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުން އެއްބަސްވެއްޖެ އެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ .
ރައީސް ނަޝީދު ވިޔަސް އަދި ޝައިޚް އިމްރާން ކަމުގައި ވިޔަސް ޕާޓީ ޓޯކްގައި ބައިވެރި ކުރުމަށް ސަރުކާރަކުން ދެކޮޅު ނަހަދާ ކަމަށެވެ.

އިމްރާނާ އދ. ޕޮލިޓިކަލް އެފެއާޒްގެ ސީނިއާ އެޑްވައިޒަރު ޓަމްރަޓް ސެމިއުލް ބައްދަލުކުރެއްވުން --- ފޮޓޯ/ އަދާލަތު
އިމްރާނާ އދ. ޕޮލިޓިކަލް އެފެއާޒްގެ ސީނިއާ އެޑްވައިޒަރު ޓަމްރަޓް ސެމިއުލް ބައްދަލުކުރެއްވުން — ފޮޓޯ/ އަދާލަތު

ޑރ. ޝައިނީ ވިދާޅުވީ ސަރުކާރު އޮތީ ޖަލަށް ގޮސްގެން އެބޭފުޅުންނާ ވާހަކަދައްކައިގެން ކުރިއަށްދާން ތައްޔާރަށް ކަމަށެވެ.

ޝައިނީ މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވަނީ ޕާޓީގެ މަޝްވަރާގެ މެދުވެރިއަކަށް ކަނޑައަޅުއްވާފައިވާ އދ.ގެ މަންދޫބު ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލާ ހިމެނޭގޮތަށް ބޭރުގެ ފަސް މަންދޫބަކާއެކު ބޭއްވި ބައްދަލުވުމަށްފަހު އެވެ

ޝައިނީ ވިދާޅުވީ ރައީސް ނަޝީދާއި ޝައިޚް އިމްރާނަށް މަޝްވަރާއަށް ވަޑައިގަތުމުގެ ދައުވަތު މިރޭ ފޮނުވާނެ ކަމަށެވެ. އަދި މަޝްވަރާތަކުގައި ބައިވެރިވާން ބޭނުންފުޅުވާނަމަ ރައީސް ނަޝީދު ޖެހޭނީ ރާއްޖެ ވަޑައިގަންނަވަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މިފަދަ ދޫތަކެއް ދީގެން ވެސް މަޝްވަރާތައް ކުރިއަށް ގެންދަން ކަމަށެވެ.
ދޫތަކެއްދީގެން ވެސް މަޝްވަރާތައް ކުރިއަށްގެންދަން ސަރުކާރުން ބޭނުންވަނީ ގައުމުގެ ރައްކާތެރިކަމާއި ގައުމުގެ އިގްތިސޯދީ އަދި އިޖުތިމާއީ ހަމަޖެހުމަށް ކަމަށެވެ.

މީގެ ކުރިން ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދިޔައީ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އެއްވެސް "ކުށްވެރި"އަކާއި އެކު ސަރުކާރުން މަޝްވަރާ ނުކުރާނެ ކަމަށެވެ.

އަދާލަތު ޕާޓީ އާއި އެމްޑީޕީން ތަކްރާރުކޮށް ރައީސް ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް މަޝްވަރާގައި ހިމެނުމަށް ގޮވާލާފައިވެއެވެ.

ސަރުކާރުން މިފަދަގޮތަކަށް ބުނެފައިވާ އިރު ބޭސްފަރުވާއަށް މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު ރާއްޖެ އައުމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ އެމަނިކުފާންއަށް އަންގަވާފައެވެ. އަދި ޖަލު މަރާމާތަކަށް ކަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.