ސ. ހިތަދޫގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އަމިއްލަ ކްލިނިކެއް ހިންގަމުން އައި ޑރ. މެނަން އަންނަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން އައްޑޫގެ ޕްރައިވެޓް ހޮސްޕިޓަލް އައިއެމްޑީސީގައި މަސައްކަތް ކުރަން ފަށްޓަވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިއެމްޑީސީން އައްޑޫގައި ހިދްމަތް ދޭން ފެށިތާ 5 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ހަވީރު ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އައިއެމްޑިސީގެ އެޗްއާރް އެންޑް ޑިވެލޮޕްމެންޓް މެނޭޖަރު އަހުމަދު އިރާޝް ވިދާޅުވީ އަންނަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޑރ. މެނަން އައިއެމްޑީސީ ގައި މަސައްކަތް ކުރައްވަން ފަށްޓަވާނެ ކަމަށެވެ.
އަދި ޑރ. މެނަން ވަނީ މިކަން "އައްޑޫ ލައިވް" އަށް ވެސް ކަށަވަރުކޮށް ދެއްވާފަ އެވެ.
މެނަން ވިދާޅުވީ މިވަގުތު އެކަނި ކްލިނިކް ހިންގުމަކީ ބުރަ އަދި އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް "ދިލްޝާދު ކްލިނިކް" ބަންދު ނުކުރާނެ ކަމަށް މެނަން ވިދާޅުވި އެވެ.
އައިއެމްޑިސީ ހޮސްޕިޓަލުގައި މިވަގުތު އާންމު ބަލީގެ ޑޮކްޓަރުންގެ އިތުރުން އަންހެނުންގެ ޑޮކްޓަރަކާއި ދަތުގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރަކު މަސައްކަތް ކުރައްވައެވެ. އަދި ވިޒިޓިން ޑޮކްޓަރެއްގެ ގޮތުގައި ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ އޫޝާ ވަޔަދިޔަ ނާދަން މަަސައްކަތް ކުރައްވައެވެ.
ދާދި ފަހުން އެ ހޮސްޕޮޓަލުން ވަނީ އެ ހޮސްޕިޓަލުގެ އަމިއްލަ ބޭސް ފިހާރައެއް ހުޅުވާފަ އެވެ.