Last Updated: May 20, 20:54
Monday, May 20, 2024
ރިޕޯޓް

އެމްއެމްޕީއާރްސީ ކޮރަޕްޝަނާއި ރައީސް ޔާމީން އާއި ގުޅުމެއް އޮތްކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތް އޭސީސީ އިން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ!

ހަސަން ލުތުފީ ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންނާއި އެކު އައްޑޫގައި

ފަހުގެ ތާޜީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލައިގެ ތުހުމަތުތައް ރައީސް އަބްދުﷲ ޔާމީން އަށް ގިނަ ބަޔަކު ވަނީ ކޮށްފައެވެ. މިގޮތުން ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ބައެއް ޗެކްތައް ޖަމާކޮށްފައިވާ ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން ގެންދަނީ ވާހަކަ ދައްކަމުންނެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީ ކޮރަޕްޝަނުގައި ހިމެނޭ ބައެއް ފަރާތްތަކުން ރައީސް ޔާމީން އަށް ފައިސާ ދީފައިވާ ކަމަށް ބުނެފައިވާއިރު، އެ މައްސަލަ އާއި ގުޅޭ ގޮތުން މިނިވަން ތަހުގީގެއް ކުރުމަށް ގިނަ ބަޔަކު ގެންދަނީ ގޮވާލަމުންނެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަނުގެ މައްސަލަ މުހިއްމު މައްސަލައެއްގެ ގޮތުގައި އޭސީސީ އިން ތަހުގީގު ކުރަން ފެށުމާއި އެކު އެ މުއައްސަސާއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. އެެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓެއްގެ މައުލޫމާތު ހޯދުމަށް ވެސް ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ.

ޤައުމުގެ ވެރިޔާ އާއި ދެކޮޅަށް ކޮރަޕްޝަނުގެ ބޮޑު މައްސަލައެއްގައި ތުހުމަތުގެ އިނގިލި ގިނަބަޔަކު ދިއްކުރަމުން ގެންދިޔަ ނަމަވެސް، އެމަނިކުފާނު އެ ތުހުމަތު ތަކުން ބަރީޢަ ވުމަށް ދައްކަވާ ވާހަކައިގެ އޮށްޓަރެއް ނެތްކަމުގައި ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.
އޭސީސީ އިން މައްސަލައިގެ ތަހުގީގް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވާއިރު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދޭން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟

ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ސިވިލްސާވެންޓުންނާއި ދައުލަތުގެ ކުންފުނިތަކުގެ، މުވައްޒަފުން ލައްވައި ނަޒާހަތްތެރިކަމުގެ ވައުދެއްގައި ސޮއި ކުރުވުމަށް ވުރެ ރައްޔިތުންނަށް މުހިންމު ވެފައި ވަނީ، ރައީސް އާއި މެދު ކުރެވިފައިވާ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަށެވެ.

ރައްޔިތުންގެ ފޮށިން ވެރިމީހާ ވައްކަން ކުރުމަކީ، އެ މަޤާމަށް ކުފޫ ހަމަ ނުވާ ކަމުގެ މިސާލެކެވެ.

ގެއަށް ގެނެސް ވައްދާ ފައިސާ އަކީ ހަލާލް ފައިސާތޯ އަނބިމީހާ ސުވާލު ނުކުރާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވާފައިވާއިރު، އަމިއްލަފުޅަށް ކުށެއް ނެތްކަން ސާބިތުކޮށްދެއްވަން އެމަނިކުފާނު ޖެހިލުންވެވަޑައިގަންނަވަނީތޯ ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުނެވެ.

އެއީ ކޮންމެ ސަބަބެއް ކަމުގައި ވިޔަސް އެގޮތަށް ފާއިތުވެގެންދާ ކޮންމެ ދުވަހަކީ، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޮޑެތި ތުހުމަތުތަކެއްކޮށް އެމަނިކުފާނުގެ "އަބުރުފުޅު" ކަތިލާނެ ދުވަހެކެވެ.

އެކަން ހުއްޓުވަން ބޭނުންފުޅުނަަމަ ރައީސް ޔާމީން އަމިއްލަފުޅަށް އޭސީސީގައި އެދިވަޑައިގެން ނަމަވެސް، އެމަނިކުފާނުގެ ކުށެއް ނެތްކަން ރައްޔިތުންނަށް ސާބިތުކޮށްދޭން އެބަޖެހެއެވެ. ރައްޔިތުން އެމަނިކުފާނަށް 'ވަގަށް' ގޮވުން ހުއްޓުވޭނީ އޭރުންނެވެ.