Last Updated: May 5, 21:32
Sunday, May 5, 2024
ރިޕޯޓް

އައްޑޫގައި ހުރި ޖަނެރޭޓަރުތައް މާލެ ގެންދިޔަތާ 278 ދުވަސް! ފެނަކަ ނިމާލުގެ ކަލަންޑަރުން 4 މަސް ދުވަސް ނުވޭ!

މިދިޔަ އަހަރު ވެރިރަށް މާލޭގައި ކުލަގަދަ ގޮތެއްގައި މިިނިވަން50 ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ކަމަށް ބުނެ އައްޑޫގައި ހުރި 2 ޖެނެރޭޓަރެއް މާލެ ގެންދިޔަތާ މިއަދަށް 278 ދުވަސް ވެެގެންދާނެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑޫއަށް 2 އިންޖީނު ގެނައިތާ ގިނަ ދުވަސްތަކެއް ނުވަނީސް އަނބުރާ މާލެއަށް ގެންދަން ޖެހުމުން އައްޑޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް އޭރު ފެނަކަ ކޯޕަރޭޝަނަށް ވެސް މުހިއްމުވީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، މިނިވަން50 އަށް މާލެ ދިއްލުމަށް ކަމަށް ބުނެ ޖަނެރޭޓަރުތައް އައްޑޫ އިން ގެންދިއުމެވެ.

އައްޑޫ ރައްޔިތުންގެ ރުޅިވެރިކަން ފެނަކައަށް އަމާޒުވުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ނިމާލް ވިދާޅުވެފައިވަނީ، އައްޑޫ އިން ގެންދިޔަ އިންޖީނުތަކުގެ ބަދަލުގައި އާ 2 އިންޖީނެއް 4 މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫއަށް ފޮނުވާނެ ކަމަށެވެ.

ނިމާލް އެގޮތަށް ވިދާޅުވި ފަހުން 9 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދޭތެރެއަކުން ކަރަންޓު ކަނޑައިގެން ދިއުމުގެ މައްސަލަ އަކީ ބޮޑުވެފައިވާ މައްސަލައެކެވެ.

ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި މަސައްކަތް ކުރައްވާ ފަރާތަކުން، 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި، އައްޑޫއަށް ފޮނުވާނެ 2 ޖަނެރޭޓަަރަށް އޯޑަރު ދީފައި ނުވާކަމަށެވެ.

"އަޅުގަނޑަށް އެނގިގެން މިހާތަަނަށް ތި އެއްޗިއްސަކަށް އޯޑަރެއް ނުދޭ. ހަމަ ގައިމުވެސް މިއަހަރު ފޮނުވާގޮތަށް ނެތްކަން އެނގެެނީ."
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ އިންޖީނުތަކަށް މައްސަލަތައް ދިމާވެ ދޭތެރެއަކުން ކަރަންޓު ކަނޑާލަން ޖެހުމުގެ ސަބަބުން އިލެކްޓްރޯނިކް ސާމާނު ހަލާކުވުމުގެ މައްސަލައާއި ރައްޔިތުން މި ވަނީ ކުރިމަތިލާން ޖެހިފައެވެ.

އެހެން ނަމަވެސް އައްޑޫގެ ރައްޔިތުންނަށް އެ މައްސަލަ ހައްލުކުރުމަށް އިތުރަށް ކިތައް ދުވަހުގެ އިންތިޒާރެއް ކުރަންޖެހޭނެތޯ މިއީ އައްޑޫގެ ރައްޔިތުން ކުރާ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ނުދެއްވައި ރައްޔިތުން އޮޅުވާލުމަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރުމަކީ އެހެން ކަމެކެވެ.