Last Updated: May 5, 18:07
Sunday, May 5, 2024
ރިޕޯޓް

އިސްމެހެލާ ހެރަ ޕްރޮޖެކްޓް އިފްތިތާޙް ކުރިތާ 1 އަހަރު ވަނީ! އަދިވެސް ކޮންޓްރެކްޓަރަކާއި ހަވާލު ނުކުރެވޭ!

ސ.މީދުއާ ޖެހިގެން އޮންނަ އިސްމެހެލާހެރައިގައި ރިސޯޓެއް ތަރައްޤީ ކުރުމުގެ ހުވަފެން ހުޅުދޫ އަދި މީދޫގެ ރައްޔިތުން ދެކެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، ފާއިތުވި އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އިސްމެހެލާ ހެރަ ތަރައްގީ ކުރުމުގެ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން އިއުލާން ކޮށްދެއްވިއެވެ.

އިސްމެހެލާ ހެރަ ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ، ދާދި އަވަހަށް އެ ރަށް ތަރައްޤީ ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެރޭ ބޭއްވި ޙަފްލާއަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން އިސްމެހެލާ ހެރައިގެ ވާހަކަ ދެއްކުން ސަރުކާރުން ހުއްޓާލިއެވެ. އިސްމެހެލާ ހެރައިގެ ޕްރޮޖެކްޓް ކުރިއަށްދާ ކަމަށް ބުނުން ފިޔަވައި އިތުރު ވާހަކައެއް އޭރު ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ.

އޭގެ ފަހުން އިސްމެހެލާ ހެރައިގެ ވާހަކަ ދައްކަވާފައި ވަނީ މިހާރުގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުއެވެ. މިނިސްޓަރ ކަމަށް އައްޔަން ކުރެއްވުމާއި އެކު އަވަސް އަރުވާލާފައި އައްޑޫއަށް ވަޑައިގެން ރައްޔިތުންނަށް މަހެއް ހާ ދުވަހުގެ ތެރޭގައި " އިސްމެހެލާ މަޝްރޫޢު މޮބިލައިޒް ކުރާނެ" ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިނިސްޓަރ ޒަމީރު މިދިޔަ ޑިސެމްބަރ މަހު އައްޑޫއަށް ވަޑައިގެން ވިދާޅުވެފައި ވަނީ، އިސްމެހެލެހެރަ ތަރައްގީ ކުރާނެ ގޮތުގެ ކޮންސެޕްޓް ކަރުދާހެއް ލިބިވަޑައިގެންނެވި ކަމަށާއި، އަދި އައްޑޫއަށް އެމަނިކުފާނާއި އެއްކޮށް، ކޮންޓްރެކްޓަރަކު ވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް މިނިސްޓަރ ޒަމީރު އައްޑޫއިން ފުރާވަޑައިގެންނެވި ފަހުން 3 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އަދިވެސް އިސްމެހެލާ ހެރަ ޕްރޮޖެކްޓް "މޮބިލައިޒް" ކުރެވިފައެއް ނުވެއެވެ. ނުވިތާކަށް ކޮންޓްރެކްޓަރަކާއި ހަވާލު ކުރެވިފައެއް ވެސް ނުވެއެވެ.
އިސްމެހެލާ ހެރަ ޕްރޮޖެކްޓަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކަމުގެ ޔަޤީންކަން މިއަދު އައްޑޫ ރައްޔިތުންނަކަށް ނެތެވެ. ޔަޤީންކަމެއް އޮންނެވީ، ހަަމަ ޓޫރިޒަމް މިނިސްޓަރ ޒަމީރް އަށެވެ.

ސަބަބަކީ ދާދިފަހުން އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީ އާއި އެއްކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރަކު ، އިސްމެހެލާ ހެރަ ޕްރޮޖެކްޓަށް ކޮންޓްރެކްޓަރަކު ހޯދަމުންދާ ކަމަށް ވިދާޅުވުމެވެ.