Last Updated: May 20, 20:22
Monday, May 20, 2024
ރިޕޯޓް

ހުސެއިން ސޮލާހްއަށް ވީ ކިހިނެއް؟ ނޯ ވަން ކިލްޑް ހުސެން ސޮލާޙް!

ހިތަދޫ ނާޒުކީގޭ ހުސެން ސޮލާހު

2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ދުވަހު މަރާލުމަށްފަހު މާލޭގެ ފަޅުތެރެއަށް، ސ.ހިތަދޫ ނާޒުކީގޭ ހުސެން ސޮލާޙް އެއްލާލާފައި އޮތްވައި ފެނުނުތާ މިއަދަށް 9 އަހަރާއި 8 ދުވަސް ވެގެންދާނެއެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެވާހަކަ ހަނދާން ނައްތާލި ކަމުގައި ވިޔަސް އެއީ ދިވެހިރާއްޖޭގައި ނިކަމެތި މީހާއަށް އިންސާފު ނުލިބޭނެ ކަން ހާމަވެގެންދާނެ އެއް ޙާދިސާއެވެ.

ދައުލަތުގެ ހުރިހާ ބާރެއް، ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މުށުތެރޭގައި އޮތް ދުވަސްވަރެއްގައި ކޯޓުތަކުން އަލް މަރްޙޫމް ހުސެން ސޮލާޙް މަރާލި މައްސަލައިގައި އިންސާފެއް ނުލިބުނެވެ.

ޙުސެން ސޮލާޙް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ދޫކޮށްލި ކަމަށް ފުލުހުން ބުނި ނަމަވެސް، އެކަން ފުލުހުންނަކަށް ސާބިތުކޮށެއް ނުދެވުނެވެ. ފުލުހުންގެ ޑިޓެންޝަން ސެންޓަރު، އަތޮޅު ވެހީގައި ހުރި ސީސީޓީވީ ކެމެރާއަކުން އެ މަންޒަރެއް ނުދެއްކުނެވެ. އެހެން ނަމަވެސް ހުސެން ސޮލާޙް މަރާލުމަށް ފަހު އެއްލާލާފައި އޮތީ، އަތޮޅު ވެއްސާއި ދިމާލަށް މޫދުގައެވެ.

ފުލުހުންގެ ބަންދުގައި ހުއްޓައި ހުސެން ސޮލާހަށް އަނިޔާކުރި ފުލުހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. އެހެން ނަމަވެސް، ކޯޓުން ނިންމާފައި ވަނީ، އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ހުސެން ސޮލާޙާއި އެއް ގޮޅިއެއްގައި ބަންދުކޮށްފައި ތިބި މީހުންގެ ހެކިބަސް ނެގުމަށް ކޯޓުން ދެކޮޅު ހެދިއެވެ.

އަދި ހުސެން ސޮލާޙުގެ ޕޯސްޓް މޯޓަމް ހެދުމަށް ފަހު ސަރުކާރުން ނިންމާފައި ވަނީ، އޭނާ މަރުވެފައި ވަނީ ގެނބިގެން ކަމަށެވެ. އާއިލާއިން އަމިއްލައަށް ޕޯސްޓް މޯޓަމް ހެދުމުގެ ފުރުސަތެއް ސަރުކާރުން ނުދިނެވެ. ޕޯސްޓް މޯޓަމް ހެދީ ސަރުކާރު ބޭނުންވާ ބަޔަކު ލައްވައެވެ. އެހިސާބުން އެ މައްސަލައަށް ފަސްއަޅައި ސަރުކާރުން އެކަން ހިންދާލީއެވެ.

ޙުސެން ސޮލާޙުގެ މަރަށް 9 އަހަރާއި 8 ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ނިކަމެތިންނަށް އިންސާފު ލިބޭނެ މާޙައުލެއް ރާއްޖެއަކު ނެތެވެ. ޖަލުތަކުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ބޮޑެތި އަނިޔާތައް މިއަދުވެސް ލިބެމުން އެބަދެއެވެ. އެމައްސަލަ ބަލާނެ ކޮމިޝަނެއް މިއަދަކު ނެތެވެ.

ތަފާތު މޮޅު ނަން ނަމުގައި ކޮމިޝަންތައް ހަދާފައިވީ ނަމަވެސް އެތަން ތަނުގައި ތިބީ މީގެ 9 އަހަރު ކުރިއެކޭ އެއްގޮތަށް، ވެރިކަމުގައި ހުންނެވި ފަރާތުން ކޮންޓްރޯލް ކުރާ "ރޮބޮޓް" ތަކެކެވެ.