Last Updated: May 5, 19:21
Sunday, May 5, 2024
ޚަބަރު

މައްސަލަތައް ތަޙްޤީޤްކޮށް ފިޔަވަޅުއެޅުމަކީ އެ ވަބާއިން ސަލާމަތްވާން އޮތް ހަމައެކަނި މަގު ނޫން: ލުތުފީ

ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤްކޮށް ފިޔަވަޅުއެޅުމަކީ އެ ވަބާއިން ސަލާމަތްވާން އޮތް ހަމައެކަނި މަގު ނޫންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޙަސަން ލުތުފީ ވިދާޅުވެއްޖެއެވެ.

ޤައުމީ އެންޓި ކޮރަޕްޝަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭ.ސީ.ސީގެ ރައީސް ޙަސަން ލުތުފީ ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުރި މީހަކު ހިންގި ނަމަވެސް އެކަން ބަލައި ފިޔަވަޅު އެޅުއްވުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ދިވެހިރައްޔިތުންނަށް އަރުވާ ކަމަށެވެ.

ލުތުފީ ވިދާޅުވީ އެއްވެސް ސިޔާސީ ނުފޫޒަކަށް ނުވަތަ ބިރުދެއްކުމަކަށް ތަބާނުވެ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ކޮމިޝަންގެ މެމްބަރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭ.ސީ.ސީ އަބަދުވެސް މަސައްކަތް ކުރާނީ މުޅި ޤައުމުގެ މަސްލަހަތުތައް ޙިމާޔަތްކޮށް ދިފާޢު ކުރާ މުވައްސަސާއެއްގެ ގޮތުގައި ކަމަށާއި ދައުލަތުގެ އިދާރާތަކުގައި ހުރި ނިޒާމުގެ ދޯހަޅިކަން ފިލުވައި ނިޒާމްތަކުގެ ތެރޭގައި ހުރި ބާގަނޑުތައް ބައްދައި، އެކަންކަން ހަމައަކަށް ނޭޅި ކޮރަޕްޝަންގެ ކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ.