2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގއ. ވިލިނގިލީގައި ކަރަންޓުގައި ޖެހުނު ފެނަކަ ކޯޕަރޭޝަނުގެ ޓެކްނީޝަނަކު ނިޔާވިއެވެ. އެއާއި އެކު ފެނަކަ މުވައްޒަފުން މަސައްކަތް ކުރާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރަންޖެހޭ ވަޞީލަތްތައް ފުރިހަމަކޮށްދީފައި ނުވާކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ.
ފެނަކަ ކޯޕަރޭޝަނަށް ގިނަ ބައެއް ފާޑުކިޔުންތައް އަމާޒުވުމުން، ނޫސްކޮންފަރެންސެއް ބާއްވައި ވިލިނގިލީގައި ހިނގި ހާދިސާ ތަހުގީގުކުރުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށާއި އަދި އެ މައްސަލަ އެ ކުންފުނިން އަމިއްލައަށް ތަހުގީގު ކުރާނެ ކަމަށް ވެސް ބުންޏެވެ.
އެހެން ނަމަވެސް އެ ހާދިސާއަށް 4 މަސް ވެގެން ދިޔައިރުވެސް ފުލުހުންނާއި ފެނަކަ ކޯޕަރޭޝަނުން ވެސް ކުރަމުން ގެންދާ މަސައްކަތަކީ ހަމަ "ތަހުގީގު" ކުރުމެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ފެނަކަ ކޯޕަރޭޝަނުގެ ޒިންމާއެއް ކަމަށް ވިޔަސް އެ ކުންފުނިން އެކަމަށް އިހުމާލުވުމުގެ ސަބަބުން، ކޮންމެ ދުވަހަކުވެސް އެ ކުންފުނީގެ މުވައްޒަފުން ނުރައްކަލަށް ހުށަހެޅެއެވެ.
އިއްޔެ އައްޑޫ ސިޓީ، ހިތަދޫގައި ހިނގި ހިތާމަވެރި ހާދިސާގައި ވެސް މަސައްކަތުގައި އުޅެނިކޮށް ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފަކަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ.
ފެނަކަ ކޯޕަރޭޝަނުގެ އައްޑޫ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި، އުސްތަންތަނަށް އަރާއިރު، ބޭނުން ކުރާ ވަސީލަތްތައް އެމީހުންނަށް ކުންފުނީގެ ފަރާތުން ފޯރުކޮށްދީފައި ނުވާކަމަށެވެ.
ވަޒީފާ އާއި ބެހޭ ޤާނޫނުގެ 72 ވަނަ މާއްދާގައި، މުވައްޒަފުންގެ އަތުން އެއްވެސް އުޖޫރައެއް ނުނަގައި ވަޒީފާ އަދާކުރާ ތަނުގައި، މަސައްކަތްކުރާ މުވައްޒަފުންގެ ސިއްޙަތަށާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް، ވަޒީފާދޭ ފަރާތުން އަޅަންވާނެ ފިޔަވަޅުތައް ބަޔާންކޮށްފައި ވެއެވެ.
(1) ރައްކާތެރިގޮތުގައި މަސައްކަތް ކުރެވޭނެ ތަނަކާއި ގޮތެއް މުވައްޒަފުންނަށް ހަމަޖައްސައިދިނުމާ އެކު، ރައްކާތެރި ތަކެއްޗާއި ސާމާނާއި މެޝިނަރީ، މަސައްކަތް ކުރުމަށް ހޯދައިދީ، އެތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުން:
(2) ރައްކާތެރި ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން؛
(3) ކުރާ މަސައްކަތުގެ ބާވަތުން، ސިއްޙަތަށް ގެއްލުންހުރި ކަންތައްތައް މަސައްކަތްކުރާ ތަނުން ނައްތާނުލެވޭނަމަ ނުވަތަ ކޮންޓްރޯލު ނުކުރެވޭނަމަ، އެފަދަ ނުރައްކަލުން ސަލާމަތްވުމަށް ބޭނުންކުރާނެ ރައްކާތެރި ހެދުމާއި ތަކެތި ހޯދައިދިނުން ؛
(4) ރައްކާތެރިވާން ބޭނުންކުރާ ހެދުމާއި ތަކެތި ބޭނުންކުރާނެ ގޮތްތައް ހިމެނޭގޮތުން، މުވައްޒަފުންގެ ސިއްޙަތަށާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އެމީހުންނަށް ތަމްރީނާއި މަޢްލޫމާތު ދިނުމާއި، އެނގެން ބޭނުންވާނެ އެހެނިހެން ކަންތައްތައް އަންގައިދިނުން ؛
(5) ކެމިކަލެއް ނުވަތަ ބަޔޮލޮޖިކަލް މާއްދާއަކުން، ނުވަތަ ޖިސްމާނީ ގޮތުން ސިއްޙަތަށް އެއްވެސް ނުރައްކަލެއް ދިމާވެދާފަދަ މަސައްކަތްކުރާ މުވައްޒަފުން، ޤަވާއިދުން ސިއްޙީގޮތުން ކުރަންޖެހޭ ޓެސްޓުތައް ހަދަމުން ގެންދިއުން؛
(6) ވަޒީފާ އަދާކުރަނިކޮށް މުވައްޒަފަކަށް ހާނިއްކައެއް ވެއްޖެނަމަ، އޭނާއަށް ބޭނުންވާނެ އެކަށީގެންވާ ސިއްޙީ ފަރުވާ ދިނުން، ނުވަތަ އެފަދަ ފަރުވާ ލިބޭނެގޮތް ހަމަޖައްސައިދިނުން ؛
(7) ކުއްލި ނުރައްކަލުގެ ޙާލަތުތަކާއި އެކްސިޑެންޓުތަކުގައި ބާނުންކުރާނެ ފުރަތަމަ އެހީގެ ޚިދްމަތްތައް މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު، ހަމަޖައްސައިދިނުން.
ބަނޑުފުރާނަ މުއްތި ކުރުމަށް އިތުރު ގޮތެއް ނެތުމުން، ކޮންމެ ޙާލަތަކަށް ވެސް ރުހިގެން މުވައްޒަފުން މަސައްކަތް ކުރުމަކީ ވަކި މައްސަލައެކެވެ. ޤާނޫނުގައި ކަނޑައަޅާފައިވާ ޒިންމާ އަދާކުރުމަކީ، ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ލާޒިމް ކަމެކެވެ. އެއީ ބަހަނާ ދެއްކޭނެ ކަމެއް ނޫނެވެ.
ސުވާލަކީ، ވަޒީފާ އާއި ބެހޭ ޤާނޫނާއި ޚިލާފަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން ކަމަށް ނުވާނެ ހެއްޔެެވެ؟ މިފަދަ މައްސަލަތައް ރޯމާ ދުވާލު މިޤައުމުގައި ހިނގަމުންދާއިރު، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުން ކުރައްވަމުން ގެންދަނީ ކޮން މަސައްކަތެއްތޯ ސުވާލު އުފެދެއެވެ.