ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކުވެރި މާޙައުލެއްގައި އެންމެން އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކުރިއަށް ދިޔުމުގެ ޢަޒުމު އާ ކުރުމަށް ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު އެދިވަޑައިގެންފި އެވެ.
ރައީސް މިކަމަށް އެދިވަޑައިގަތީ، އެ މަނިކުފާނު ށ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޫމަރާއަށް ވަޑައިގެން، މިއަދު ހަވީރު އެރަށުގެ ރައްޔިތުންނާ ބައްދަލުކު ރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންގެ ތެރޭގައި އުފެދުނު ބައެއް ހަމަނުޖެހުންތައް މިހާރު ފިލައި، އަޅުގަނޑުމެންގެ ތެރޭގައި އޮތް އުޚުއްވަތްތެރިކަމާއި އެއްބައެއްވަންތަކަން އަނެއްކާ ވެސް ލިބިގެންދާކަމުގެ ޢަލާމާތްތައް މިހާރު ފެންނަމުންދާކަން ފާހަގަ ކުރެއްވި އެވެ.
މި ރޮނގުން ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ނޫމަރާއަކީ ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅުއްވާ ރަށެއްކަމަށް ވިދާޅުވެ، އެކަމަށްޓަކައި ރަށުގެ ވެރިންނަށާއި، ތަފާތު ސިޔާސީ ޕާޓީތަކުގައި އުޅުއްވާ އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ހިންގަންޖެހޭ މަޝްރޫޢުތަކެއް ހަމަނުޖެހުންތައް އޮވެގެން ނުހިންގޭނެ ކަމަށާއި، މިއަދު ރައްޔިތުން ބޭނުންވެފައިވާ އަސާސީ ޚިދުމަތްތަކާއި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ވަރަށްބޮޑު އެކުވެރިކަމެއް އޮންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ނޫމަރާ ފަދަ ރަށްރަށުން މި ރާއްޖެ އަށް މިދައްކާ ރީތި ނަމޫނާ އާއި މިސާލު، އެހެން ރަށްރަށުން ބަލައި ގަނެ، އެންމެން އެއްބައިވެގެން، އެކުވެރިކަމާ އެކީގައި މަސައްކަތް ކުރަމުން ގެންދިޔުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން ފާހަގަ ކުރައްވަމުން، ޒުވާން ޢާއިލާތަކުން ވެސް އެ މީހުންގެ ދިރިއުޅުން ރަނގަޅަށް ޤާއިމް ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.